މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މާލޭގައި ހިންގާ ޕްރީ ސްކޫލެއް ކަމަށްވާ ގަލޮޅު މަދަރުސާގައި ތައުލީމް ހާސިލްކުރަމުން ދިޔަ އުމުރުން ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް އެތަނުގެ މުވައްޒަފެއްގެ ފަރާތުން ޖިންސީ އަނިޔާ ލިބުނު ކަމަށް ބުނާ މައްސަލަގައި ދައުވާ ނުކުރަން ނިންްމި ނިންމުން މުރާޖައާކޮށްދިނުމަށް އެ ކުއްޖާގެ އާއިލާއިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފިއެވެ.
އެ މައްސަލައިގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެނީ އެ ސްކޫލުގެ މަސައްކަތު މީހެއް ކަން އެނގިފައި އޮތަސް އޭރު އެއީ ކާކުކަން ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން މައްސަލަަ ބެލުމަށް ފަހު އެ ސްކޫލުގައި މަސައްކަތް ކުރާ ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް ކޮށް އެ ސްކޫލަގައި ވަނީ ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައެވެ. ދެން އެ މައްސަލައިގައި ތަހުގީގު ކުރިއަށް ގެންދިއުމަށް ފަހު ހައްޔަރު ކުރީ އުމުރުން 63 އަހަރުގެ ދިވެހި އަންހެނެކެވެ. އަދި އެމީހާ ވަނީ އެ އަހަރުގެ ނޮވެމްބަރު މަސް ފެށުނު އިރު ބަންދުން ދޫކޮށްލާފައެވެ.
ގަލޮޅު މަދަރުސާއިން ނެރުނު ނޫސް ބަޔާނުގައި އޭރު ބުނީ އެ ސްކޫލްގެ މުވައްޒަފަކު ހަތަރު އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކޮށް ނޫސްތަކާއި ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ހަގީގަތާ ހިލާފަށް ވާހަކަތައް ދައުރު ކުރި ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު ތުހުމަތުވާ މީހާއަށް ދައުވާ ނުކުރުމަށް ފުލުހުން ނިންމާފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގުން މުވައްޒަފާ މެދު އެއްވެސް ކަންބޮޑުވުމެއް ފާހަގަކުރެވިފައި ނުވާތީ މި މައްސަލަ ފައިލްކޮށްފައިވާ ކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެ ސްކޫލާ ހިއްސާކޮށްފައިވާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.
އެ މައްސަލަ ފެންމަތިވެގެން އައުމާ އެކު އެކަން ވާނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމާގުޅުން ހުރި މުއައްސަސާތަކުގެ ލަފައާއި އިރުޝާދާއެކު އަވަސް ފިޔަވަޅުތަކެއް އަޅާފައި ކަމަށް ސްކޫލުން ބުނެއެވެ. މި މައްސަލައިގެ ހުރިހާ މަރުހަލާއެއްގައި ވެސް އެންމެ އިސްކަމެއް ދީފައި ވާނީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް އެ ސްކޫލުން ބުނެއެވެ. މިއީ ދަރިވަރެއްގެ ރައްކާތެރިކަމާއި ގުޅުން ހުރި ތުހުމަތެއް ކަމަށް ވާތީ މިފަދަ މައްސަލަތަކުގައި އަމަލު ކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް އެ މައްސަލަ ވަނީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް އޭރު ހުށަހަޅާފައި ކަމަށް ސްކޫލުން ބުނެއެވެ.
ކުއްޖާގެ މައިންބަފައިންގެ ވަކީލުންގެ ފަރާތުން ވަނީ ގަލޮޅު ސްކޫލުން ބަޔާން ނެރުނީ ދޮގު މައުލޫމާތުތަކެއް ހިމަނައިގެން ކަމަށް ދެކޭ ކަމަށާއި އެ ހާދިސާގައި ކަން ހިނގި ގޮތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައެވެ. އަދި ސްކޫލުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި މިއަދާ ހަމައަށް ވެސް ބައްދަލުކޮށް އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައި ނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.