ޕެންޝަނާ ބެހޭ މައްސަލަ ބޭރުކުރުމަކީ އެމްޑީޕީ އިން ހިދުމަތްތެރިންގެ އަގުވަޒަން ނުކުރުން ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ އެއް ނައިބު ރައީސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނުގައި ކަށަވަރުކޮށްދީފައި ވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށެވެ. އަދި ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެން ޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށް ރުޔާޒު ވިދާޅުވިއެވެ.

ރިޓަޔާމަންޓް ޕެންޝަނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތަކީ މުޅިން ދެ އެއްޗެއް ކަމަށާއި އެހެން ކަމުން އެ ދެ ސްކީމުގެ ދަށުން ފައިސާ ލިބެންޖެހޭ ގޮތަށް ފައިސާ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމުގައި ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ހުށަހެޅުއްވި ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ފަސް މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކުއެވެ.

އެކަމާމެދު ފާޑުވިދާޅުވަމުން ރިޔާޒު ވިދާޅުވީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ބައެއް މީހުންގެ ހައްގުތަައް ޕެންސަން ގާނޫނުން ގެއްލިފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅި މައްސަލައަށް އެމްޑީޕީއިން ތާއިދު ނުކުރުމަކީ އެ މީހުން ގައުމަށް ދިގު މުއްދަތަށް ކޮށްދިން ހިދުމަތުގެ އަގުވަޒަން ނުކުރުން ކަމަށެވެ.