މިފްކޯ އަށް ގެއްލުންވާ ނަމަ، ހަމަ އަގުގައި މަހެއް ނުގަނެވޭނެ ކަމަށާއި، އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް މަސް ގަންނަ ނަމަ އެއީ ހަމަ އަގު ހޯދައިދެވުން ނޫން ކަމަށް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުދެވެނީ ކީއްވެތޯ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހަމަ އަގަކީ އެއްޗެއް އުފައްދަން ދާ ހަރަދާ އަޅާ ބަލާއިރު، އެ ވިއްކައިގެން އެކަށީގެންވާ އާމްދަނީ އެއް ލިބޭ އަގަކަށް ވާން ޖެހޭނެ ކަމަށެވެ.

ނަމަވެސް، މިފްކޯއަށް ގެއްލުން ވަމުން ދިއުމާއެކު، އެ ކުންފުނިން މަސް ގަންނަނީ ހަމަ އަގުގައި ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަދު ވެސް އެ ކުންފުންޏަށް ޓަނަކުން އެވަރެޖްކޮށް 281 ޑޮލަރުގެ ގެއްލުން ވެއެވެ

"އެއީ މަސް ވިޔަސް، ދަނޑުވެރިކަމުގެ ބާވަތެއް ވިޔަސް، އެ އެއްޗެހި ގަނެގެން އޭގެން ސެކަންޑްރީ ޕްރޮޑަކްޓްސް ޕްރޮސެސްކޮށްގެން އުފައްދާ މީހުންނަށް އެ އެއްޗެހި އުފައްދައިގެން އެހެން މާކެޓަކަށް ވިއްކޭ އަގަކަށް ވާން ޖެހޭނެ. މިއަދު ކަންހުރި ގޮތަށް ބަލާއިރު އަޅުގަނޑުމެން އަސްލުގައި މި ދެންނެވީ ފެއާ ޕްރައިޒްއެއްގައެއް ނޫން މަސް ގަންނަނީ." މިނިސްޓަރު ވިދާޅުވިއެވެ.

މަސްވެރިން އާންމު ގޮތެއްގައި ކަންބޮޑުވުން ފާޅު ކުރަނީ އެ މީހުން ބާނާ އަގަށް ހަމަ އަގު ނުލިބޭތީއެވެ. މީގެ ކުރިންވެސް މަސް ކިރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުންނާއި، ބާނާ މަހަށް ހަމަ އަގު ނުލިބުން ފަދަ ކަންކަމުގައި މަސްވެރިން ޝުއޫރު ފާޅުކޮށް އިހްތިޖާޖު ކޮށްފައިވެއެވެ.

މަސްވެރިންނަށް ހަމަ އަގު ހޯދައިދީ، ގޭދޮށު ފެކްޓްރީ އަޅައިދިނުމަކީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދު ތަކެކެވެ.