ދަނޑުވެރިކަމުގެ ސިނާއަތް ސިންދަފާތު ކޮށް، އެގްރޯ ޓޫރިޒަމް ތައާރަފް ކުރުމުން، ދަނދުވެރިކަމުގެ ސިނާއަތުގައި ގިނަ ޒުވާނުން ބައިވެރި ކުރެވޭނެ ކަމަށް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެއެވެ.
ޔޫއެންޑަބްލިއުޓީއޯ ގްލޯބަލް ސަމިޓް އޮން ކޮމިއުނިޓީ ބޭސްޑް ޓޫރިޒަމްގައި މިއަދު އެގްރޯ ޓޫރިޒަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ސެޝަންގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަކީ މިހާރުވެސް ގާތްގަނޑަކަށް ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާ، ފަތުރުވެރިންގެ މެދުގައި މަގްބޫލު ބްރޭންޑެއް ކަމަށާއި، އެގްރޯ ޓޫރިޒަމްގެ އިންވެސްޓްމެންޓްތަކަށް ރާއްޖެ އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެގްރޯ ޓޫރިޒަމްގެ ކަންކަމުގައި ޝައުގުވެރިކަން ހުރުމާއެކު، އެގްރޯ ޓޫރިޒަމަށް އިންވެސްޓުކުރާނެ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވީ ނަމަވެސް، ބައެއް ގާނޫނުތަކާއި ގަވައިދުތަކާ ހެދި، ރާއްޖޭގެ ދަނޑުތަކަށް އައިސް އެ ތަންތަނުގައި ތިބެން އެ މީހުން އުޒުރުވެރިވެއެވެ.
ކަން އޮތީ އެހެން ނަމަވެސް، އެގްރޯ ޓޫރިޒަމްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން، ދަނޑުވެރިކަމުގެ ސިނާއަތަށް ކުރި އެރުން ލިބޭނެ ކަމަށް މިނިސްޓަރު ގަބޫލު ކުރައްވައެވެ. އަދި ދަނޑުވެރިކަމުގެ ސިނާއަތް ސިންދަފާތު ކޮށް، އެގްރޯ ޓޫރިޒަމް ތައާރަފްކޮށް، ރާއްޖޭގެ ބިންތަކުގައި ބައިވަރު ކަންކަން ކުރެވެން އެބަހުރި ކަމަށާއި، އެ ކަންތައްތަކުގެ ސަބަބުން އަންނާނެ ބައެއް ކުރިއެރުންތައް ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެގްރޯ ޓޫރިޒަމްގެ ސަބަބުން ފަތުރުވެރިން ރަށްރަށަށް ދާ ދިއުން އިތުރުކުރެވި، އެ ރަށްރަށުގައި އެ މީހުން ހޭދަކުރާ ވަގުތު އިތުރުވާނެ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ ކާބޯތަކެތީގެ އެކި ފެސްޓިވަލްތަކާއި ދަނޑުތަކުގައި އެކި ހަފްލާތައް ބާއްވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެކަމަކު އެކަމަށް އޮތް ހުރަހަކީ މިހާރު ހުރި ގާނޫނުތަކާއި ގަވައިދުތައް ކަމާއި، އެގްރޯ ޓޫރިޒަމްގެ މަސައްކަތް ރާއްޖޭގައި ފަށައި، ކުރިއަރުވަން ބޭނުން ނަމަ، އެ ގާނޫނުތަކާއި ގަވައިދުތައް ބަދަލު ކުރަން ޖެހޭ ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"ނަމަވެސް މި ކަންކަން ކުރުމަށްޓަކައި އަޅުގަނޑުމެން ގަވައިދު ބަދަލުކުރަން ޖެހޭ." މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލްގެ މުނާސަބަތާ ގުޅިގެން ބޭއްވި ބައިނަލްއަގުވާމީ ޔޫއެންޑަބްލިއުޓީއޯ ސަމިޓުގައި އެގްރޯ ޓޫރިޒަމާއި ކޮމިއުނިިޓީ ބޭސްޑް ޓޫރިޒަމް އަދި ގެސްޓްރޯނޮމީ ޓޫރިޒަމަށް ހާއްސަ ސެޝަންތަކެއް، ކްރޮސްރޯޑްސް އާއި ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސަމިޓުގައި އެކި ގައުމުތަކުން ބައިވެރިވެފައިވެއެވެ.