އެންވާރަމަންޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޑރ. ހުސައިން ރަޝީދު ހަސަން އަށް ރުހުން ހޯދުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިނިސްޓަރުކަމަށް އައްޔަންކުރުމުގެ ކުރިން ޝައުނާ ހުންނެވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީގެ މަގާމުގަ އެވެ. އަދި ޑރ. ހުސެން ކުރިން ހުންނެވީ އެންވާރަމަންޓު މިނިސްޓަރު ކަމުގެ މަގާމުގައެވެ. ރައީސް ސޯލިހުގެ ކެބިނެޓަށް މި ބަދަލު ގެންނެވީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.

ކެބިނެޓަށް ގެނައި މި ބަދަލަށް ރުހުން ހޯދުމަށް މިއަދު ވަނީ މަޖިލީހަށް ފޮނުވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

ޑރ. ހުސެން އަކީ، އެންވާރަމަންޓް މިނިސްޓްރީގެ ވަޒީރަކަށް ހުންނެވުމުގެ ކުރިން ފިޝަރީޒުގައި ހުންނެވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކޯލިޝަން ސަރުކާރުގެ ތެރެއިން ޑރ. ހުސެއިން އެންވާރަމަންޓް މިނިސްޓަރަކަށް ހުންނެނެވީ މި ބަދަލު ގެނެވުމާ ހަމައަށެވެ.

ޝައުނާ އަކީ ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވާ އެ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ބޭފުޅެކެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރައީސްގެ އެއިޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން ޕޮލިސީ ސެކްރެޓަރީކަން އޭނާ ކުރައްވާފައި ވެއެވެ. އޭގެ ކުރިން މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅުއްވުމާއި "ޝައުނާ އެން ރޮބާޓްސް" ކިޔާ ކުންފުންޏެއް ހައްދަވައިގެން އެތަނުގެ މެނޭޖިން ޕާޓްނަރުކަން ކުރައްވާފައި ވެއެވެ. ޝައުނާއަކީ ޕޮލިޓިކަލް ސައިންސްސާއި އެންވާރަމަންޓަލް ސައިންސް އެންޑް އިކޮނޮމިކްސްގެ ދާއިރާއިން ބެޗެލާސް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ.

ސަރުކާރުގެ ހިންގުމަށް ބަދަލުތަކެއް ގެނެސްފައި މިވަނީ މިދިޔަ އޭޕްރީލް 10 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުން މާލެއިން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއެއް ލިބުމާ ގުޅިގެންނެވެ. އެގޮތުން ރައީސް ވަނީ ސަރުކާރުގެ ކަންކަން ބަލައި ރަނގަޅު ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

އެގޮތުން ރައީސް ވަނީ މި ސަރުކާރުގައި އަލަށް އުފެއްދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ (ޓެކް މިނިސްޓްރީ) އުވާލައްވާފައެވެ. އަދި އެ މިނިސްޓްރީގެ މެންޑޭޓް މިނިސްޓަރު ޝައުނާ އަށް ހަވާލު ކުރެއްވިއެވެ. އެއާއެކު އެންވާރަމަންޓް މިނިސްޓްރީގެ ނަން، "މިނިސްޓަރު އޮފް އެންވާރަމަންޓް، ކުލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ"އަށް ވަނީ ބަދަލު ކޮށްފައެވެ. ހަމައެއާއެކު ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އައި ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ. ރައީސް ވަނީ، އެ މިނިސްޓްރީތަކުގެ މަސައްކަތުގެ ދާއިރާއަށް ގެންނެވި ބަދަލުތަކަށް ރުހުން ހޯދުމަށް ވެސް މަޖިލީހަށް ފޮނުވާފައެވެ. އެ މައްސަލަ ވެސް ދިރާސާކުރުމަށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.