ސަރުކާރުގެ މަސް ކުންފުނި މިފްކޯ މެދުވެރިކޮށް ތައިލޭންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވަލްތަކާ ގުޅޭ ގޮތުން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލުތަކަށް ދެއްވި ޖަވާބާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހުރަސްއަޅުއްވާ ފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރުހުން ފާޅުކުރައްވައިފިއެވެ.

ރާއްޖޭން ތައިލޭންޑަށް ވިއްކާ ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވަލާ ބެހޭގޮތުން، އިބްރާހީމް ރަޝީދު ތަފާތު ތިން ކަމެއް ސާފުކޮށްދެއްވުމަށް އެދި މިނިސްޓަރާ ސުވާލުތައް ކުރައްވާފައިވެއެވެ. އެ ކަންކަމަކީ:

  • ތައިލޭންޑަށް ވިއްކި ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޓް ލެވަލަށް މިދިޔަ ތިން އަހަރު ޑިސްކައުންޓް ކުރެވިފައިވާ ނަމަ ނުވަތަ ހިލޭ ދޫކުރެވިފައިވާ ނަމަ، އެ ފައިސާގެ ޖުމްލަ އަދަދު
  • 2017، 2018 އަދި 2019 ގައި މި ހިސާބުތައް ހުރި މިންވަރުގެ ތަފްސީލު
  • ފާއިތުވި ތިން އަހަރު ވިއްކި ގަނޑުކުރި ކަޅުބިލަމަހާއި ކުދި ކަންނެލިމަހުގެ ރިޖެކްޝަން ލެވަލްގެ ޕަސެންޓު
  • ތައިލޭންޑުގެ ބަނދަރާ ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑް ސްޓޯރޭޖާ ހިސާބުން ރިޖެކްޓުވާ ގަނޑުކުރި ކަޅުބިލަމަހަށާއި ކުދި ކަންނެލިމަހަށް ހަދާ ގޮތް

އެ ކަންކަން ސާފުކޮށްދެއްވުމަށް އެދިވަޑައިގެން މެންބަރު ކުރެއްވި ތިން ސުވާލަށް ވެސް މިނިސްޓަރު ދެއްވީ އެންމެ ޖަވާބެކެވެ.

"އެދިވަޑައިގެންފައިވާ މައުލޫމާތަކީ މި މިނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ގެންދާ މައުލޫމާތެއް ނޫނެވެ. އަދި މި މައުލޫމާތަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ފަރާތުން ބަލަހައްޓާނެ ކަމަށް ބެލެވޭ، އެ ކުންފުނީގެ ވިޔަފާރި އާ ބެހޭ މައުލޫމާތެކެވެ. މިފްކޯ އަކީ މި މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ކުންފުންޏެއް ނޫން ކަމުގައި ވެސް މި ފުރުސަތުގައި ދަންނަވަމެވެ،"

މިނިސްޓަރުގެ ޖަވާބާ ގުޅިގެން ނަޝީދު ވިދާޅުވީ، މިނިސްޓަރާ މަޖިލީހުން ހަވާލުކުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވަމުން އެބަ ގެންދަވާ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުން ކޮންމެ މިނިސްޓްރީއަކާ މަސައްކަތްތައް ހަވާލުކޮށްފައި ވާނެއެވެ. އެހެންކަމުން މިނިސްޓަރަށް ކުރެއްވޭނެ ކަންކަން އަމިއްލަ އަށް ކަނޑަނޭޅުއްވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމާ އެ މަސައްކަތްތައް މި ތަފާސްހިސާބުތައް ބެލެހެއްޓުން، އެ މަސައްކަތްތަކުގެ ތެރޭ ހިމެނޭ ކަމަށް ވާނަމަ، ވަޒީރަށް އެ ހުންނެވެނީ ނުބައި މަގެއްގަ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރިޖެކްޓް މަސް އެއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގޭ އަމަލެއްގެ ގޮތުގައި މީގެ ކުރިން މަޖިލީހަށް ފާހަގަކުރެވިފައިވެއެވެ. މީގެ ކުރިން ވެސް އެހެން ގައުމުތަކަށް މަސް ބޭރުކުރުމުގައި ރިޖެކްޓް ކުރި ކަމަށް ބުނެ، ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި އެބަހުރި ކަން ނަޝީދު ފާހަގަކުރެއްވިއެވެ.

މި މައުލޫމާތުތަކަކީ މިނިސްޓަރު ބަލަހައްޓަވަން ޖެހޭ މައުލޫމާތުތަކެއް ކަމަށާއި، އެހެން ނޫނީ މިނިސްޓަރު ވަނީ ގަވައިދާ ހިލާފުވެ ވަޑައިގެންފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި އެ ސުވާލަށް ޖަވާބު ނުދެއްވައި މަޖިލީހުގެ މަސައްކަތްތަކަށް މިނިސްޓަރު ވަނީ ހުރަސް އަޅުައްވާފައި ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.