މި ސަރުކާރުން ތަންފީޒު ކުރަނީ މުޅި ކޯލިޝަންގެ ސިޔާސަތު ކަމަށާއި ހަމަ އެކަނި މައި ޕާޓީ އެމްޑީޕީގެ ސިޔާސަތުތައް ނޫން ކަމަށް، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު، ކޯލިޝަން ސަރުކާރެއްގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް އުނދަގޫ ވަނީތޯ ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި މިނިސްޓަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ތަންފީޒު ކުރަނީ ސަރުކާރުގެ ސިޔާސަތެވެ، އަދި ހުރިހާ ކަމެއް ބައްޓަން ކޮށްފައި ވަނީ އެ ސިޔާސަތުތަކުގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން މިނިސްޓަރު ވިދާޅުވީ، އެއީ ވަކި ޕާޓީއެއްގެ ސިޔާސަތު ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، އެއީ އެމްޑީޕީ ހިމެނޭ ގޮތަށް އޮތް ކޯލިޝަން ސަރުކާރުގެ ސިޔާސަތު ވެސް ކަމަށެވެ.

"އަޅުގަނޑަށް ޔަގީންކަމާ އެކު އެނގެނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެޕްރޫވަލް އޮވެގެން ހިންގާ ސިޔާސަތުތަކޭ މި ސަރުކާރުން ތަންފީޒު ކުރެވެމުންދަނީ." މިނިސްޓަރު ވިދާޅުވިއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ވައުދުތައް ކަމަށްވާ ގޭދޮށު މަސް ފެކްޓްރީ ގާއިމް ކުރުމާއި، މަހަށް ހަމަ އަގު ހޯދައި ދިނުން ފަދަ ވައުދުތައް ސަރުކާރުން ފުއްދައިދީފައި ނުވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ މެންބަރުން ކަންބޮޑުވުން ފާޅު ކުރައްވާފައިވެއެވެ. އަދި އެ ޕާޓީގައި އެންމެ ގިނައިން ދެކެވެމުން އައީ ސަރުކާރުން "ޖަޒީރާ މެނިފެސްޓޯ" ތަންފީޒު ނުކުރާ ވާހަކައެވެ.