ށ. މިލަންދޫގައި 18 އަހަރު ނުވާ ފިރިހެން ކުއްޖަކު ވަލަށް ވައްދާ އެ ކުއްޖާއަށް އެ ރަށު އެހެން ކުދި ބަޔަކު އަނިޔާ ކުރި މައްސަލައާ ގުޅިގެން މިލަންދޫގައި ދަރިވަރުން ރަށު ތެރޭގައި ހަރަކާތްތެރިވާ ގޮތް މޮނިޓާ ކުރަން ނިންމާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
މިލަންދޫ ކައުންސިލުން ބުނީ، އެ ރަށު ސްކޫލު ދަރިވަރުންގެ މެދުގައި ބުލީ ކުރުމުގެ އަމަލުތައް ގިނަވުމާއި ދަރިވަރުން މުހިންމު ބޭނުމެއް ނެތި ރަށު ތެރޭގައި ގްރޫޕު ހަދައިގެން އުޅޭ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެއީ އެ ދަރިވަރުން ކުށުގެ ވެއްޓަށް ހުށަހެޅިދާނެ ކަމެއް ކަމަށް ބެލެވޭތީ އެކަން ހުއްޓުވައި ރަށުގެ ދަރިވަރުންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް ރަށުގެ މުއައްސަސާތަކާ ގުޅިގެން ދަރިވަރުން ރަށު ތެރޭގައި ހަރަކާތްތެރިވާ ގޮތް މޮނިޓާ ކުރަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ.
ދަރިވަރުންނަށް ކުޅެން ދެވޭނެ ވަގުތަކުގެ އިތުރުން އާންމު ތަންތަނުގައި އެއްވެ އުޅެވޭނެ ގޮތްތައް ވެސް ހަނިކޮށްފައިވާ ކަަމަށް މިލަންދޫ ކައުންސިލުން ބުނެއެވެ. އަދި އޭގެ ތެރެއިން ގިނަ ކަންކަމާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.
އާންމުތަންތަނުގައި މިލަންދޫ ދަރިވަރުން އަމަލު ކުރަންޖެހޭ ގޮތްތައް:
- ކުޅިވަރު ކުޅެން ސްކޫލު ދަރިވަރުންނަށް ދަނޑުތަކަށް ދެވޭނީ ހަވީރު 4 އިން ފެށިގެން 6 އަށް. އަދި އެ ނޫން އެހެން ވަގުތުތައް ކުޅިވަރު ކުޅެން ސްކޫލު ދަރިވަރުން ދަނޑުތަކަށް ދިއުން މަނާ ވާނެ.
- އެހެން ވަގުތުތަކުގައި ކުޅެން ދަނޑަށް ގޮސް އުޅޭ ދަރިވަރުންނާއި ޖޯޒީ ފަދަ އަންނައުނުގެ ބަދަލުގައި ހަވީރީ ހެދުން ފަދަ އަންނައުނު ލައިގެން ކުޅެންދާ ދަރިވަރުން ގެއަށް ފޮނުވާލެވޭނެ
- އައުޓްޑޯ ޖިމް ބޭނުންކުރަން ވާނީ އެ ތަން ބޭނުން ކުރަން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް؛ ބެލެނިވެރިންނާ އެކު. ބެލެނިވެރިން ނުލައި އުޅޭ ދަރިވަރުން ގެއަށް ފޮނުވާލެވޭނެ
- ހަފްތާ ބަންދުގައި ވެސް އެ ނޫން ދުވަސްތަކުގައި ވެސް މޫދަށް ދެވޭނީ ބެލެނެވެރިންނާ އެކުގައި އަދި ހުކުރު ދުވަހު ހެނދުނު 10:45 ގެ ކުރިން މޫދުން އަރަން ވާނެ.
- ސްކޫލު ކުދިން އެކަނި ނުވަތަ ގްރޫޕު ހަދާފައި ކެފޭ އަދި ރެސްޓޯރެންޓު ފަދަ ތަންތަނަށް ދިއުމަކީ މަނާ ކަމެއް. އެފަދަ ތަންތަނަށް ވެސް ދެވޭނީ ބެލެނެވެރިންނާ އެކު
- މިސްކިތަށް ގޮސް މިސްކިތުގެ އެތެރެ އާއި ބޭރުގައި ވާހަކަ ދައްކައި ސަކަރާތް ޖަހާ ކުދިންނާ މެދު ފިޔަވަޅު އަޅާނަން
- ރޭގަނޑު ޖޯލިފަތިތަކާއި ރަށުގެ ބޯޅަދަނޑު، ރަންފަސް ބީޗު އަދި ސިކުނޑި ކުޅި ފަދަ ސަރަހައްދުތަކުގައި އުޅޭ ދަރިވަރުން ގެއަށް ފޮނުވާލައި އެ ދަރިވަރުންނާ މެދު ފިޔަވަޅު އަޅާނަން
- ބައިސްކަލް ވެސް ދުއްވޭނީ ގަވައިދުތަކާ އެއްގޮތަށް ކަމަށާއި، ދުއްވޭނީ ބުރަކި ރަނގަޅު އަދި ރޭގަނޑު ނަމަ ލައިޓް ހަރުކޮށްފައި ހުރި ބައިސްކަލު
މީގެ އިތުރުން ވެސް އެ ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ބެލެނިވެރިންނަށް ވެސް ކުދިން އުޅޭ ގޮތް މޮނިޓާ ކުރަން އެދިފައެވެ. އެ ގޮތުން ބެލެނެވެރިންގެ ކިބައިން އެދިފައި ވަނީ ދަރިވަރުންނަށް ފޯނު ދިނުމާއި، ދަރިވަރުން ސޯޝަލް މީޑިއާ ބޭނުންކުރާ ގޮތާ މެދު ބެލެނެވެރިން ހޭލުންތެރިވެ، ގާތުން އެކަންކަން މޮނިޓާ ކުރުމަށެވެ.
މިލަންދޫގައި ސްކޫލް ދަރިވަރުންނަށް ބައެއް ކަންކަން މަނާކޮށް އަމަލު ކުރަހން ވަކި ގޮތްތަކެއް ކަނޑައަޅާފައި ވަނީ ދާދި ފަހުން އެ ރަށޫގެ ފިރިހެން ކުއްޖަކަށް އަނިޔާ ކޮށް ބުޅީ ކުރި މައްސަލައަކާ ގުޅިގެންނެވެ. އެ ކުއްޖާއަށް ބުޅީ ކޮށް އަނިޔާ ކުރި މަންޒަރު ވިޑީއޯކޮށްފައިވާ އިރު އެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އެ ވީޑީއޯއިން ފެންނަނީ އެ ރަށު ބޯޅަދަނޑު ހުންނަ ސަރަހއްދުން ވަލުތެރެއަށް ކުއްޖަކު ގެންގޮސް ގޮފިގަނޑަކުން އެ ކުއްޖާ ގައިގާ ތަޅާ މަންޒަރެވެ. އެ ވަގުތު އެ މަންޒަތު ބަލަން އެ ސަރަހައްދުގައި އެ ރަށުގެ ބިޑެތި މީހުންނާއި ކުޑަކުދިން ތިބ އިރު އެ ކުއްޖާއަށް އެހީވާން އެކަކުވެސް ގާތް ނުވެއެވެ.
މި މައްސަލަ އަންނަނީ ފުލުހުންނާއި ޖެންޑާ ގުޅިގެން ތަހުގީގު ކުރަމުންނެވެ.