މި އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތަށް 2005 މީހުން ހޯދަން އިއުލާން ކޮށްފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް ކުރި އިއުލާނުގައި ބުނީ، މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މެއި މަހުގެ 31 އަށް ހުޅުވާލާފައިވާ ކަމަށެވެ.
ޓްރެއިނަރުންނާއި އެނިއުމޭޓަރުންގެ ގޮތުގައި 4،400 މީހުން ބޭނުންވާއިރު މިހާތަނަށް މާލެ ސަރަހައްދަށް ބޭނުންވާ 583 މީހުންނާއި އަތޮޅުތަކަށް ބޭނުންވާ 1،422 މީހުން ލިބިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން ވަނީ ބުނެފައެވެ.
އެހެން ކަމުން މާލެ ސަރަހައްދަށް އިތުރަށް 1،826 މީހުންނާއި އަތޮޅުތަކަށް 269 މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސްއިން ބުނެއެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް ކޮންމެ ދުވަހަކަށް 500 ރުފިޔާގެ ގެ އެލަވެންސެއް ދޭން ނިންމާފައިވާއިރު އޭގެ އިތުރަށް 10 ރުފިޔާ ގެ އެލަވެންސެއް ވެސް ދިނުމަށް ވަނީ ނިންމާފައެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދޭން ހަމަޖެހިފައިވާ އިރު، ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މާލެ ސަރަހައްދުގައި ބޯހިމެނުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 އިން 15 އަށެވެ. ބޮޑެތި ރަށްތަކުގައި ބޯހިމެނުމަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ވެސް 13 އިން 15އަށެވެ. އަދި ކުދި ރަށްތަކުގައި މައުލޫމާތު އެއްކުރާނީ 13 އިނަ 15 އަށެވެ. އަދި އަމަލީ މަސައްކަތް ކުރާނީ 12 އިން 21 އަށެވެ.
މިކަމަށް ޝައުގުވެރިވާ މީހުންނަށް މި ލިންކް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން ބުނެއެވެ.