ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އިމާރާތް ކުރުމުގެ ދާއިރާއަށް ވަނުމަށް ތާއީދު ނުކުރައްވާ ކަމަށާއި، އެ ދާއިރާ އަށް އެ ކުންފުނިތަކުން ނުވަދެވޭ ގޮތަށް ގާނޫނެއް ހަދާފައި އޮތް އޮތުން މުހިންމު ކަމަށް، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުން ހިއްސާވާ ބައެއް ކުންފުނިތަކުން ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން އެހެން ދާއިރާތަކުގައި މަސައްކަތް ކުރާތީ މިނިސްޓަރުގެ ވިސްނުން ހުރި ގޮތް ސާފު ކުރެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަށް ދެއްވި ޖަވާބުގައި އަސްލަމް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތައް ހަދާފައި ވަނީ ވަކި ބޭނުމެއްގެ ކަމުގައި ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި، އެ ކުންފުނިތަކުގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން، އެ ކުންފުންނަކާ ހަވާލުކޮށްފައިވާ ކަމެއް ކުރުމުގެ ބަދަލުގައި ކުންފުނީގައި ނުހިމެނޭ މަސައްކަތްތައް ކުރުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫނެވެ. އޭނާ ވިދާޅުވީ:

  • އެ ކުންފުންޏެއްގެ މެންޑޭޓުގައިވާ މަސައްކަތެއް ކުރުމަށް އާންމުކޮށް ހަވާލު ނުކުރާ ކަމަށް
  • ނަމަވެސް ސިފައިންގެ ކުންފުނި ސިފްކޯ އަށް ޕްލޭނިން މިނިސްޓްރީން މަސައްކަތެއް ހަވާލުކުރީ އެ މަސައްކަތް ކުރަން ޖެހެނީ ސަލާމަތީ ހިދުމަތް ދޭ އިދާރާއެއްގެ ތެރޭގައި ވާތީ ކަމަށް
  • އެގޮތަށް ކަން ކުރީ އެ މަސައްކަތް އެހެން ހަވާލު ކުރުމަށް އެމްއެންޑީއެފުން ދެކޮޅު ހެދުމުން ކަމަށް

ނަމަވެސް، ސަރުކާރު ކުންފުނިތަކުން މިނިސްޓްރީން އިއުލާނު ކުރާ މަޝްރޫއުތަކަށް ބިޑް ކުރުމަށް މިވަގުތު ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަން އަސްލަމް ފާހަގަ ކުރެއްވިއެވެ. އެކަމަކު ސަރުކާރު ކުންފުނިތަކުން އެފަދަ މަޝްރޫއުތަކަށް ވަދެގެން ނުވާނެ ކަމަށާއި، އެގޮތަށް ވަންނަ ކުންފުނިތައް ހުއްޓުވުމަށް ގާނޫނެއް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، އެ ކުންފުންޏެއް އުފައްދާފައިވާ ބޭނުން ފިޔަވައި އެހެން މަސައްކަތްތަކަށް ވަނުމުގެ ސަބަބުން އެ ކުންފުންޏެއްގެ އަމާޒު ގެއްލި، ބޭނުންވާ ނަތީޖާ ހާސިލްކުރުމަށް ހުރަސް އެޅިގެން ދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމުވެސް އަޅުގަނޑު ތަރުހީބު ދޭ ކަމެއްވެސް ނޫން ކުރަން ބޭނުންވާ ކަމެއްވެސް ނޫން. ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވެއްދުމަކަށް."
މުހައްމަދު އަސްލަމް / ޕްލޭނިން މިނިސްޓަރު

މިނިސްޓަރު މިހެން މިއަދު ވިދާޅުވެފައި ވަނީ ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކަށް ހަވާލު ކޮށްފައިވާ މަސައްކަތް ނޫން އެ ކުންފުނިތަކުގެ ޒިންމާގެ ތެރޭގައި ނެތް މަސައްކަތްތަކަކަށް އިންވެސްޓްކުރަމުންދާ ދަނޑިވަޅެއްގައެވެ.