ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭކޮށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
އެމައްސަލައިގައި ފުލުހުން ހައްޔަރުކުރީ 20 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން 5 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ރައީސް ޔާމީން ގެކޮޅަށް ސުޕްރޭޖެހި މީހާ ހައްޔަރުކޮށްފައިވާއިރު "އިންޑިއާ އައުޓް" ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ މަގުތަކަށް އަޅަމުންދާ މައްސަލައެއް ވެސް ފުލުހުން މިހާރު ވަނީ ބަލަން ފަށާފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން ބޭއްވުމަށް ގޮވާލައި އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ދަށުން، "އިންޑިއާ އައުޓް" އެކި ސިފަ ސިފައިގައި ޖަހާފައިވާ ބެނާތަކެއް އެކި ގޭގޭގައި މި ފަހުން ދަމާފައިވެއެވެ. ނަމަވެސް ފުލުހުން ވަނީ އެ ގެތަކަށް ވަދެ ބެނާތައް ނަގައިފައެވެ.
އޭގެ އިތުރުން، އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ނިންމަވައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ ހަރަކާތް ހުއްޓުވުމަށް ތަންފީޒީ އިދާރާތަކަށް އަންގަވައި ގަރާރެއް ނެރުއްވާފައެވެ. އެ ފަހުންވެސް އިންޑިއާ އައުޓް ބެނާތައް ނަގާފައިވެއެވެ.