ލުއިކާނާގެ ވިޔަފާރީގައި މުޅި ދުނިޔެ ފަތަހަކޮށްފައިވާ މަޝްހޫރު ބްރޭންޑެއް ކަމަށް ވާ މެކްޑޮނާލްޑްސްއިން ރަޝިއާގައި ކުރަމުންދާ ވިޔަފާރި، ދާއިމަށް ހުއްޓާލަން ނިންމާފައި ވާ ކަން އިއުލާން ކޮށްފިއެވެ.

މެކްޑޮނާލްޑްސްއިން ރަޝިއާގައި ރެސްޓޯރަންޓްތައް ހުޅުވައިގެން ވިޔަފާރި ކުރަމުންދާތާ މިހާރު 30 އަށްވުރެ ގިނަ އަހަރުވެފައި ވާ އިރު، ރަޝިއާގައި މެކްޑޮނާލްޑްސްއިން އޮޕަރޭޓް ކުރި 850 އައުޓްލެޓެއް މާޗް މަހު ބަންދު ކުރީ ވަގުތީ ގޮތުންނެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯގައި މެކްޑޮނާލްޑްސްއިން އެންމެ ފުރަތަމަ ރެސްޓޯރަންޓެއް ހުޅުވީ 1990ގައެވެ. އެއީ، ފިނި ހަނގުރާމައަށް ލުއި ލިބެމުންދާ ކަމުގެ ރަމްޒެއްގެ ގޮތުގައެވެ.

މެކްޑޮނާލްޑްސްގެ ޗީފް އެގްޒެކެޓިވް ކްރިސް ކެމްޕްޒިންސްކީ ވިދާޅުވީ ކާބޯތަކެތި ސަޕްލައިކޮށްދީ، ވަޒީފާގެ ފުރުސަތުތައް ކަށަވަރު ކޮށްދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ބައެއް މީހުންނަށް ހީވެފައި އޮވެދާނެ ކަމަށާ، ނަމަވެސް، ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ އިންސާނީ ގެއްލުމަށް ފުރަގަސްދީގެން ތިބެވެން ނެތް ކަމަށެވެ.

މެކްޑޮނާލްޑްސްއިން ރަޝިއާގެ އައުޓްލެޓްތައް ދޫކޮށްލަން ނިންމާފައިވަނީ ރަޝިއާގެ ވިޔަފާރިއަކަށް ކަމަށް ވާއިރު، މެކްޑޮނާލްޑްސްގެ ބްރޭންޑާއި މެނޫވެސް ނަގާނެ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ އައުޓްލެޓްތައް ގަންނަ ފަރާތްތަކުން، މުވައްޒަފުންނަށް ވަޒީފާ ކަށަވަރު ކޮށްދެވޭތޯ ބަލާނެ ކަމަށްވެސް މެކްޑޮނާލްޑްސްއިން ވަނީ ހާމަ ކޮށްފައެވެ.