ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީ ދަތުރުފުޅެއްގައި މިއަދު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް، އަބޫދާބީގެ އަމީރު އަދި ޔޫއޭއީގެ އާމްޑް ފޯސަސްގެ ސުޕްރީމް ކޮމާންޑާ އައްޝައިހު އަލް މަރްހޫމް ހަލީފާ ބިން ޒާއިދު އާލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެ މަރްހޫމްގެ އާއިލާއަށް ތައުޒިޔާ ދެންނެވުމަށާއި، އެ އާއިލާގެ ހިތާމައިގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ވަގުތެއްގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެފައި ވަނީ އުމުރުން 73 އަހަރުގައި، އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އެމަނިކުފާނަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް ވަނީ ވަލީ އަހުދު މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ހަވާލު ކުރައްވައިފައެވެ.

އޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، މިމަހު 13 އިން ފެށިގެން މާދަމާގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފައެވެ.