އަންނަ ރިޔާސީ އިންތިހާބުގެ ރޭހަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކެމެވަޑައި ނުގަންނަވާނެ ކަމަށް ދޭހަކަވާ ގޮތަށް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތައް ރައީސް ސޯލިހު ދޮގުކުރައްވައިފިއެވެ.

ރައީސް "ދަ ޕްރެސް" އަށް ވިދާޅުވީ، ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ނަޝީދާ އެއްވެސް މަޝްވަރާއެއް އަދި ނުކުރައްވާ ކަމަށެވެ. މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، ދެވަނަ ދައުރަކަށް ކުރިމަތި ލެއްވުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އޮތް ކަމަށާއި އެ ފުރުސަތު ނުގެއްލޭ ކަމަށެވެ.

މިއަދު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ އެންމެ މުހިންމު އެއް މަގާމުކަމުގައިވާ ޗެއާޕާސަން ހޮވަން ވޯޓުލާ އިރު، މެދުކެނޑުމަކަށް ފަހު މިއަދު ފެށި "ދިވެހި ޓީވީ" އަށް ރައީސް ނަޝީދު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރިޔާސީ ރޭހަށް ރައީސް ސޯލިހު ނިކުމެވަޑައިގަންނަވާނެ ކަމަށް ނަޝީދު ގަބޫޅުފުޅު ނުކުރައްވާ ކަމަށެވެ.

"އެމްޑީޕީ މެންބަރުން ނިންމަން ޖެހޭނީ ރިޔާސީ ކެންޑިޑޭޓަކީ ކޮބާތޯ، އެ މެންބަރުން ނިންމާ ގޮތެއްގެ މައްޗަށް އަޅުގަނޑުމެން އެންމެން އެއްބަސްވާން ޖެހޭނެ، އަދި އަޅުގަނޑާއި ރައީސް ސޯލިހު ނޫން އެހެން ބޭފުޅުންވެސް މިރޭހުގެ ތެރެއަށް ނިކުތުމަކީ ވަރަށް ބޭނުންތެރިކަމެއް"
ނަޝީދު

ރައީސް ސޯލިހަށް އަމާޒު ކުރައްވައި ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ރާއްޖޭގެ ވެރިކަން ރީތިގޮތުގައި ހިންގޭނީ އިހަށްވެސް (ރައީސް ސޯލިހު) ގަބޫލުފުޅު ކުރެއްވި ގޮތަށް މިޙާރުވެސް ގަބޫލުފުޅު ކުރައްވައިގެން ކަމަށެވެ.

"ރައީސް ސޯލިހު އަރިހުގައި އަނެއްކާވެސް ދަންނަވާނީ، ރަނގަޅަށް ވިސްނަވާށޭ، ރާއްޖޭގެ ވެރިކަން ތަހަންމަލް ކުރެވި ރީތިގޮތުގައި ރައްޔިތުންނަށް ހިންގާ ގޮތުގައި އަދި ރައްޔިތުންނަށް އޭގެ ފައިދާއެއް ވަމުންދާ ވެރިކަމެއް ހިންގޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ގަބޫލުފުޅު ކުރައްވައިގެނޭ"
ނަޝީދު

ރައީސް ސޯލިހު ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެ ކަމަށް ދެކެވަޑައި ނުގަންނަވާކަން ތަކުރާރު ކުރައްވައި ނަޝީދު މިވާހަކަފުޅުތައް މިއަދު އާންމު ކުރެއްވި އިރު، އެމްޑީޕީ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ 2 ކެންޑިޑޭޓުންގެ ކެމްޕެއިނާއެކު، އެމްޑީޕީ ދެބައިވެ އެއްބަޔަކު ތިބީ ރައީސް ސޯލިހުގެ ފަޅީގައެވެ. އަނެއް ބަޔަކު ތިބީ ރައީސް ނަޝީދުގެ ފަޅީގައެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވާ، އިމްތިޔާޒު ފަހުމީއަކީ ނަޝީދުގެ ފަޅިއެވެ. ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒު އިސްމާއީލް އަކީ ސޯލިހުގެ ފަޅިއެވެ.