އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ސަޕޯޓަރުން ށ. ފޯކައިދޫ ހެލްތު ސެންޓަރުގެ ވެހިކަލްގައި އުފުލާ ކަމަށް ވިދާޅުވެ، ފައްޔާޒާ ވާދަވެރި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ސްޕޯކްސްޕާސަން އަދި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ހެއްދެވީ އިތުރުފުޅު ކަމަށް، ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

ފައްޔާޒްގެ ކެމްޕެއިން ޓީމުން މިހެން ބުނެފައިވަނީ، އިންތިހާބާ ގުޅޭ މައްސަލައެއް ފެންމަތި ކުރައްވައި، ވައްޑެ ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ވައްޑެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ފޯކައިދޫ ހެލްތު ސެންޓަރުގެ ވެހިކަލް ބޭނުންކޮށް، ފައްޔާޒްގެ ސަޕޯޓަރުން އުފުލާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒްގެ ކެމްޕެއިން ޓީމުން ބުނީ، ފޯކައިދޫ ހެލްތު ސެންޓަރުގެ ވެހިކަލްގައި އުފުލަމުން ދަނީ އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުން ކަމަށެވެ. އަދި އެ މީހުން އުފުލަމުން ގެންދަނީ އެ ރަށުގައި ވިއްސާރަވެ ފެން ބޮޑުވުމާ ގުޅިގެން ޒަރޫރީ އެކި ބޭނުންތަކަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

ފޯކައިދޫގެ ހެލްތު ސެންޓަރުގެ ވެހިކަލްގައި ފައްޔާޒްގެ ސަޕޯޓަރުން އުފުލާ މައްސަލައިގެ އިތުރުން، ވައްޑެ ވަނީ އިތުރު ތިން މައްސަލައެއްވެސް ފެންމަތި ކުރައްވައި ޓްވީޓް ކުރައްވައިފައެވެ. އެ ތިން މައްސަލައަކީ:

  • ފ. ނިލަންދޫގައި ވޯޓް ލުމަށްފަހު، ކަރުދާސް ދައްކަން އަންގަމުންދާ މައްސަލައެއް
  • އެންގުމަކާ ނުލާ ހުޅުމާލެ ވޯޓުލުން ގާޒީ ސްކޫލުން ހުރަވީ ސްކޫލަށް ބަދަލުކުރި މައްސަލައެއް
  • ލ. މާވަށުގެ ވޯޓް ފޮށްޓަށް ލާން ދޫކުރި ކަރުދާހުގައި ފާހަގަ ޖަހާފައިވާ މައްސަލައެއް

މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލު ކުރުމުން، އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް މަނިކު ވިދާޅުވީ، ރަސްމީކޮށް ހުށަހެޅިފައިވަނީ އެއް މައްސަލަ ކަމަށާއި، އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަ ފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ހުށަހެޅިފައި ނުވާ ކަމަށެވެ

ފޯރިގަދަ ކެމްޕެއިނަކަށް ފަހު މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް ވޯޓު ލުން ކުރިއަށް ދާއިރު، މާލެއާއި އަތޮޅުތަކުގައި ޖުމްލަ 194 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން 87 ފޮށި ހުރީ މާލޭގައެވެ. މާލޭގެ ފޮށިތައް ހުންނާނީ ސްކޫލުތަކުގައެވެ. ހުޅުމާލޭގައި ގާޒީ ސްކޫލުގައި ފޮށި ބަހައްޓާފައި ވާއިރު، ވިލިމާލޭގައި ހުންނާނީ ޔޫތު ސެންޓަރުގައެވެ

މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ އިރު، އަންހެނުންގެ ރޫހުގެ ރައީސް ހޮވަން 41،027 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ. އަދި ޔޫތު ވިންގުގެ ރައީސް ހޮވަން 32،057 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ.

ޗެއާޕާސަންގެ އިތުރުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއި ޔޫތު ވިންގުގެ ރައީސް ވެސް މިއަދު ހޮވާނެއެވެ.