ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދް އަލް ނަހްޔާން އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ގައުމަށް ފުރާވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނީ، ޔޫއޭއީގެ ރައީސްގެ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށާއި، އެ އާއިލާގެ ހިތާމަތަކުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި މާދަމާގެ ވަގުތެއްގައި ރައީސް އެ ގައުމަށް ފުރާ ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި:

  • ޔޫއޭއީގެ ރައީސް ފެނިގެން ގޮސްފައިވަނީ އެ ގައުމުގެ ކުރިއެރުމަށް ގިނަ މަސައްކަތްތައް ކޮށްދެއްވި، ދުރު ވިސްނުންފުޅު ގެންގުޅުއްވިި ލީޑަރެއްގެ ގޮތުގައި ކަން ފާހަގަ ކުރެއްވި
  • ރާއްޖޭގެ ތަރައްގީއަށް އިސްކަން ދެއްވި، އަދި ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް ބެހެއްޓެވިކަން ފާހަގަ ކުރެއްވި
  • ޔޫއޭއީގެ ރައީސްގެ ހިދުމަތަކީ ފަހުގެ ޖީލުތަކުން ހަނދާން ކުރާނެ ހިދުމަތްތަކެއްކަން ފާހަގަ ކުރެއްވި

ރައީސް ވިދާޅުވީ، ޔޫއޭއީގެ ރައީސް އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ

ޔޫއޭއީގެ ރައީސް ޝައިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން އަވަހާރަވެފައިވަނީ އުމުރުން 73 އަހަރުފުޅުގައި، އާލާސްކަންފުޅެއްގައި އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.

އެމަނިކުފާނަކީ 2004 އިން ފެށިގެން ޔޫއޭއީގެ ރައީސެވެ. ނަމަވެސް 2014 ވަނަ އަހަރު ޖެހުނު ސްޓްރޯކަކާ ގުޅިގެން ވެރިކަމުގެ ގިނަ ބާރުތަކެއް ވަނީ ވަލީ އަހުދު މުހައްމަދު ބިން ޒައިދް އަލް ނަހްޔާންއާ ހަވާލު ކުރައްވައިފައެވެ.

އޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ނިންމަވައިފައެވެ.