އެސްޓީއޯގެ ހިއްސާއަކަށް 65 ރުފިޔާ ބަހަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާއަކަށް 65 ރުފިޔާ ބަހަން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމި ނަމަވެސް އެ އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާގައި ފާސްކުރުމަށް ފަހުއެވެ. އަދި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އިއުލާނެއް ނުކުރެއެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65 ރުފިޔާ ބަހަން ނިންމިއިރު މިދިޔަ 2020 ވަނަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ. އަދި 2019 އާއި 2018 ގައި ހިއްސާއަކަށް ބެހީ 58 ރުފިޔާއެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުިފޔާ ލިބުނު އިރު މިއީ ކުރީ އަހަރާ އަޅާބަލާ އިރު 33 ޕަސެންޓްގެ ކުރިއެރުމެކެވެ. އަދި މިއީ މިދިޔަ ތިން އަހަރު ތެރޭގައި އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

މިދިޔަ އަހަރު ލިބުނު ފައިދާ، އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 120 މިލިއަން ރުފިޔާ އިތުރުވެފައިވާއިރު އެސްޓީއޯ އަށް 2019 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 300 މިލިއަން ރުފިޔާ ލިބިފައިވެއެވެ.