ކައިވެނިކޮށްގެން އުޅޭތާ 6 އަހަރު ދުވަސް ވީ އިރުވެސް، މާމަ-ކާފަ ކިއާނެ ދަރިއަކު ހޯދާ ދީފައި ނުވާ ކަމަށް ބުނެ، އަވަށްޓެރި އިންޑިއާގެ އުތުރުގެ ސްޓޭތެއް ކަމަށްވާ އުއްތަރަހާންދުގެ ދެމަފިރިއަކު، އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި އެ ދަރީގެ އަނބިމީހާ ގޮވައިގެން ކޯޓަށް ހިނގައްޖެއެވެ.

އުމުރުން 61 އަހަރުގެ ސަންޖީވް ޕްރަސާދުއާއި 57 އަހަރުގެ ސާދުނާ ޕްރަސާދު ބުނާ ގޮތުގައި، އެމީހުން އުމުރު ދުވަހު އެއްކުރިހާ ފައިސާއެއް ހަރަދު ކުރީ ފިރިހެން ދަރިފުޅަށެވެ. ޕައިލެޓް ޓްރެއިނިންގް ހަދާ ދިނުމުގެ އިތުރުން، "ފެންވަރުގެ" ކައިވެނި ހަފުލާއެއްވެސް ބާއްވާދިން ކަމަށް ބުނެއެވެ.

ކޯޓަށް ހުށަހެޅި މައްސަލާގައި ޕްރަސާދުގެ ދެމަފިރިން ވަނީ، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި، މާމަ-ކާފަ ކިއާނެ ދަރިއަކު ހޯދާ ނުދީފިނަމަ، މާލީ ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 650000 ޑޮލަރު ހޯދާ ދިނުމަށް އެދިފައެވެ.

މިކަމާ ގުޅިގެން، ފިރިހެން ދަރިފުޅުވެސް އަދި އޭނަގެ އަނބިމީހާވެސް އެއްޗެއް ބުނި ކަމެއް އަދި ސާފެއް ނުވެއެވެ.

ޕްރަސާދުގެ ދެމަފިރިން ކޯޓަށް މައްސަލަ ހުށަހެޅީ "ނަފްސާނީ ފުރައްސާރައިގެ" މައްސަލައެއްގެ ގޮތުގައެވެ.

ބައްޕަ ޕްރަސާދު ބުނި ގޮތުގައި 2006 ވަނަ އަހަރު، ދަރިފުޅަށް ޕައިލެޓް ޓްރެއިނިންގް ހަދާ ދިނުމަށް އެމެރިކާއަށް ފޮނުވައިގެން، އަތުގައި ހުރި ހުރިހާ ފައިސާއެއް އެކަމަށް ހުސްކުރިއެވެ. އެއަށްފަހު 2007 ވަނަ އަހަރު ދަރިފުޅު އަނބުރާ އިންޑިއާއަށް އައިސް، ވަޒީފާވެސް ގެއްލުނު ކަމަށާ، އެހާ ހިސާބުން ދެން އައި 2 އަހަރު ދުވަހު އެ ދަރިފުޅުގެ ހުރިހާ ހަރަދެއް ބެލެހެއްޓީ އާއިލާއިން ކަމަށްވެއެވެ.

ޝްރޭ ސާގަރު، 35، އަނެއްކާވެސް ޕައިލެޓެއްގެ ވަޒީފާ ހޯދިއެވެ. އަދި މިހާރު އުމުރުން 31 އަހަރު ފުރިފައި ވާ ޝުބާންގީ ސިންހާއާއި 2016 ވަނަ އަހަރު ކައިވެނި ކުރީ، އައިލާއިން ހަމަޖެއްސި އެއްބަސްވުމެއްގެ ތެރެއިންނެވެ. އުއްމީދަކަށް ވީ ވަޒީފާއިން މުސްކުޅިވާ ދުވަހު އެކުގައި ކުޅެން އުޅޭނެ މާމަ-ކާފަ ކިއާނެ ކުއްޖަކު ހޯދުމެވެ.

ޝްރޭއާއި ޝުބާންގީގެ ކައިވެނި އޮތީ ފަސްތަރީގެ ހޮޓަލެއްގައި ކަމަށް ވާއިރު، ލަގްޒަރީ ފެންވަރުގެ ކާރާއި މާމައިހަނދުގެ ކަންކަމަށްވެސް ހަރަދު ކުރީ މައިންބަފައިންނެވެ. އެކަމަށް އެކަނިވެސް 80000 ޑޮލަރު ހަރަދު ކުރި ކަމަށް ވެއެވެ.

ޝްރޭއާއި ޝުބާންގީ އަދި ދަރިއަކު ހޯދާން ރާވާފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.

ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި އޭނާގެ އަނބިމީހާއާ ދެކޮޅަށް ކޯޓަށް ވައްދާފައިވާ ނަފްސާނީ ފުރައްސާރައިގެ ދައުވާގެ އަޑުއެހުން އޮންނާނީ މެއި 17 ވަނަ ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ.