ހުުއްދަ ނެތި ހިޖާމާ ކްލިނިކް ހިންގުން ހެލްތު މިނިސްޓްރީން މަނާ ކުރުމުން، "ފަޒީސް ހިޖާމާ ތެރަޕީ"ގެ ހިދުމަތް މިއަދުން ފެށިގެން ވަގުތީ ގޮތުން މެދު ކަނޑާލައިފިއެވެ.
ފަޒީސް ހިޖާމާ ކްލިނިކްގެ މައްސަލަ ކުއްލިއަކަށް ހޫނުވެފައި ވަނީ ހަކުރު ބައްޔަކީ ހިޖާމާއިން ކޮންޓްރޯލް ކުރެވޭ ބައްޔެއް ކަމަށާއި، އިންސިއުލިން ކުރުމުގެ ބަދަލުގައި ހިޖާމާގެ ބޭނުން ކުރުމަށް، އެ ޕޭޖުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި އޮތުމުންނެވެ. އެ ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އެއާއެކު، އެ ކްލިނިކް ހިންގާ ފަޒީލާ އުސްމާން ހިޖާމާގެ ހިދުމަތް ދެމުން ދަނީ ހެލްތު މިނިސްޓްރީގެ ހުއްދަޔާ ނުލާކަން ވަނީ އެނގިފައެވެ.
އެ ޕޭޖުން މިއަދު ކުރި ޕޯސްޓެއްގައި ފަޒީލާ އުސްމާން ބުނެފައިވަނީ އެ މައްސަލައިގައި ހެލްތު މިނިސްޓްރީން އޭނާ އާ ބައްދަލުކޮށް، ހުއްދަ ނެތި ހިޖާމާ ކްލިނިކް ނުހިންގޭނެ ކަން އަންގާފައިވާ ކަމަށެވެ. އެހެންކަމުން، ހިޖާމާ ޖެހުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ފަޒީލާ ބުންޏެވެ. އެހެންކަމުން، އެ މިނިސްޓްރީގެ ހުއްދަ ނެތި ހިޖާމާގެ ހިދުމަތް ދޭ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީ އާ ހިއްސާ ކުރުމަށްވެސް އޭނާގެ ފަރާތުން ހިދުމަތް ހޯދާ ފަރާތްތަކަށް އިލްތިމާސް ކޮށްފައިވެއެވެ.
"ގޭގަ ވެސް ހިޖާމާ ޖެހުމަކީ މަނާ ކަމެއް ގޭގަ (ހިޖާމާ) ޖަހާނަމަ ވެސް ހެލްތު މިނިސްޓްރީ އަށް ރިޕޯޓް ކުރެއްވުމަށް އަންގާފައިވޭ." ފަޒީލާ ބުންޏެވެ.
ފަޒީލާ ބުނި ގޮތުގައި، އޭނާ މި ވަގުތު ދަނީ ހިޖާމާ ޖެހުމާ ބެހޭ ކޯހެއް ހަދަމުންނެވެ. އެހެންކަމުން، އެ ކޯސް ނިމި، ކޯހުގެ ސެޓްފިކެޓާ އެކު ހުށަހެޅުމުން ހިޖާމާގެ ހިދުމަތް ދިނުމަށް އޭނާ އަށް ހެލްތުން ހުއްދަ ދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ކޯސް ނިމި ހުއްދަ ލިބުނުހާ އަވަހަކަށް ކްލައިއެންޓުންނަށް އެކަން އަންގާނަން." އޭނާ ބުންޏެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި 2019 ގައި ވެސް ފަޒީސް ހިޖާމާ ތެރަޕީ ބަންދުކުރަން އެ މިނިސްޓްރީން އަންގާފައިވެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެ މިނިސްޓްރީން ފަޒީގެ ހިޖާމާ ކްލިނިކް ބަންދު ކޮށްފައެއް ނުވެއެވެ.