މިދިޔަ މާޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލެ ސިނަމާލެ ބްރިޖާ ދިމާލު ވެލިގަނޑަށް އެރި ވެލާގެ 76 ޕަސެންޓް ބިސްތައް ވިހައިފި ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ ވިހެއި ބިސްތަކުގެ ތެރެއިން 76 ޕަސެންޓް ވެލާ ރައްކާތެރިކަމާއި އެކު މޫދަށް ފައިބާފައިވާ ކަމަށާއި ނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފޯ ސީޒަންސް ކުޑަހުރާގެ މެރީން ސޭވާސް ޓީމަށް ފޮޓޯ އަދި ވީޑިއޯ ކެޕްޗާ ކުރެވޭގޮތް ވެފައި ނުވާ ކަމަށެވެ.

ކުޑަހުރާ އެ ޓީމުން ފާހަގަ ކުރާ ގޮތުގައި ރާޅުއަރާ ހިސާބުގައި ބިސްވަޅަކުން (ބްރިޖް ސަރަހައްދު)، ރައްކާތެރި ކަމާއިއެކު ބިސްތައް ނަގައިގެން ކުޑަހުރާއަށް ގެނެއުމަށްފަހު ވިހެއުމާއި ހަމައަށް ބެލެހެއްޓުމަކީ ލިބުނު ކުރިއެރުމެއް ކަމަށާއި އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ، މޯލްޑިވްސް ޕޮލިސް ސާވިސް، މެރީން ސޭވާސް، އޯއާރުޕީ އަދި ފޯސީޒަންސް ކުޑަހުރާގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރާ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މާޗް މަހުގެ 16 ވަނަ ދުވަހު މާލޭ ސިނަމާލެ ބްރިޖް ސަރަހައްދަށް އެރި ވެލާ އެޅީ 96 ބިހެވެ. އެ ބިސްތައް ވިހާފައިވަނީ މާލެ އަތޮޅު ކުޑަހުރާ ފޯސީޒަން ރިޓޯސްގެ ހެޗަރީގައި ރޭ ފަތިހު ކަމަށް މައުލޫމާތު ލިބެއެވެ.

މާލެ އަށް މި ފަހުން ވެލައެއް އެރީ ފެބްރުއަރީ 27 ވަނަ ދުވަހު ސިނަމާލެ ބްރިޖް ކައިރީގައި އޮންނަ ފަސް ކޮޅަށެވެ. އެތަނަށް ވެލައެއް އަރާފައި އޮއްވައި ފެނުމުން ފުލުހުން އެ ވެލާ މޫދަށް ދޫކޮށްލާފައެވެ.