56 މިލިއަން ރުފިޔާގެ ބ. ކެންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެފިއެެވެ.
އެމްޑަބްލިޔުއެސްސީއިން ބުނީ އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ކެންދޫއަށް ގެންގޮސްފައިވާ ކަމަށާއި މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެނާއި ނަރުދަމާ ނިޒާމްގައި ހިމެނޭ މައި ނެޓްވާކްގެ ހޮޅި ވަޅުލުމުގެ މަސައްކަތާއި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ މަސައްކަތައް ކަމަށެވެ.
އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކެންދޫގައި 5.26 ކިލޯ މީޓަރުގެ ދިގު ފެން ފޮޅީގެނެޓްވޯކް ގާއިމް ކުރުމާއި އާރއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރޯއޯ ޕްލާންޓް އަދި ފެންރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ އެގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.
4.88 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކެއް ގާއިމްކުރުމާއި 556 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 2 ޕަންޕިން ސްޓޭޝަނާއި އަދި 1 އައުޓް ފޯލް ގާއިމްކުރުން އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ހިމެނޭއިރު ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ. މީގެއިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ކެންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުއަކީ 56.24 މިލިއަން ރުފިޔާއަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތް ނިމުމުން ކެންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެކަން އެމްޑަބްލިޔުއެސްސީއިން ފާހަގަކުރެއެވެ.