ބޯޓު ދުއްވަން އިން ޕައިލެޓްގެ ހެއަށް ގޮތްވެ ހަބަރު ހުސްވުން، ރައްކާތެރި ކަމާއެކު އެ މަތިންދާ ބޯޓު ރަންވޭގައި ޖެއްސި އާދަޔާ ހިލާފު ޕަސެންޖަރަކު ހޯދުމުގެ މަސައްކަތް، ފްލޮރިޑާގެ ހަބަރުފަތުރާ ނެޓްވޯކްތަކުން ފަށައިފިއެވެ.

މީޑިއާއަށް އަދި ކާކުކަން ތިލަވެފައި ނުވާ މީހަކު ވަނީ، އޭނާ އިން މަތިންދާބޯޓުގެ ޕައިލެޓްގެ ހޭވެރިކަމެއް ނެތް ކަމަށާ، ނަމަވެސް މަތިންދާ ބޯޓު އޮޕަރޭޓްކޮށް ކޮންޓްރޯލް ކުރުމާ ބެހޭ އެއްވެސް މައުލޫމާތު އޭނާއަށް ނޭނގޭ ކަމަށް ބުނެ، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަށް މައުލޫމާތު ދީފައެވެ.

ޕަސެންޖަރު ފޯރުކޮށްދެމުން ދިޔަ މައުލޫމާތަށް ބިނާކޮށް، ބޯޓު ކޮންޓްރޯލް ކޮށް، ރަންވޭގައި ޖައްސާނެ ގޮތް ކިޔައި ދިނީ، ޕައިލެޓުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ދުވަސްތަކެއް ހޭދަ ކޮށްފައިވާ އެއާ ޓްރެފިކް ކޮންޓްރޯލަރެކެވެ.

ހާލަތު ގޯސްވެއްޖެ ކަމަށް ބުނެ، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަށް ޕަސެންޖަރު ހަބަރު ދިން އިރު، ބޯޓު އުދުހެމުން ދިޔައީ 9000 ފޫޓު މަތިންނެވެ. ކުރިމަތީގައި އޮތޯ ފްލޮރިޑާގެ އައްސޭރިފަށް ކަން ފިޔަވާ އިތުރު އެއްވެސް އެއްޗެއް ބުނެދޭކަށް އެ ޕަސެންޖަރަކަށް ނޭނގުނެވެ.

ބޯޓު އޮތް މިސްރާބު ބަލައިގެން، ރަންވޭއަށް ބޯޓު ޖައްސާނެ ގޮތް ކިޔައިދެމުން ދިޔައީ އެއާ ޓްރެފިކް ކޮންޓްރޯލަރެވެ. ނަމަވެސް، އޭނާއަކީވެސް ސެސްނާ 208 މޮޑެލްގެ މަތިންދާ ބޯޓު ދުއްވި މީހެއް ނޫނެވެ. އޭނާ އިރުޝާދު ދެމުން ދިޔައީ ބޯޓުގެ ކޮކްޕިޓުގެ ޗާޓެއް ބަލައިގެންނެވެ.

ޕައިލެޓުގެ ހެއަށް ގޮތްވުމުން، ރައްކާތެރިކަމާއެކު ރަންވޭގައި ބޯޓު ޖެއްސި ޕަސެންޖަރަކީ، މަތިންދާބޯޓެއް ނިއްވާލަންވެސް މީގެ ކުރިން އެނގޭ މީހެއް ނޫނެވެ. ނަމަވެސް އެ އާދަޔާ ހިލާފު ހާދިސާއަށް ފަހު، އެއާ ޓްރެފިކް ކޮންޓްރޯލުން ވަނީ، އެ ވަގުތު ރަންވޭ ސަރަހައްދުގައި އޮތް ބޯޓުތަކަށް، އެ ވާހަކަ ހިއްސާކޮށް، ޕަސެންޖަރަށް ތައުރީފު ކޮށްފައެވެ.

އިރުޝާދު ދެމުން ދިޔަ އެއާ ޓްރެފިކް ކޮންޓްރޯލަރު ބުނި ގޮތުގައި ހަގީގީ "ހީރޯ" އަކީ ފަސެންޖަރެވެ. އަދި ސަލާމަތްތެރިކަމާއެކު، އެނބުރި ގެއަށް ގޮސް، ދަރިއަކަށް ބަލިވެ އިން އަނބިމީހާއާ ބައްދަލުވާނެ ގޮތް ވުމުން ފުން އިހުސާސްތަކެއް ކުރި ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލަރު ވަނީ ބުނެފައެވެ.

ބޯޓުގެ އަސްލު ޕައިލެޓް ވަނީ ހޮސްޕިޓަލަކަށް ގެންގޮސްފައެވެ. އޭނާގެ ނަންވެސް ހާމަ ކޮށްފައި ނުވާ އިރު، އޭނާގެ ސިއްހީ ހާލަތާ ބެހޭ ތަފްސީލެއްވެސް މީޑިއާއަށް ހާމަ ކޮށްފައެއް ނުވެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން