އުރީދޫ މޯލްޑިވްސް އިން ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން، ލިވަބޯޑް ފަތުރުވެރިންނަށް ފެންވަރު ރަނގަޅު މޮބައިލް ކަނެކްޓިވިޓީއެއް ފޯރުކޮށް ދިނުމަށް އެއްބަސްވެއްޖެއެވެ.

އުރީދޫން ބުނީމ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި މުޅި ދުނިޔެއާ ގުޅުވާލަ ދިނުމަށް މުއާސަލާތީ ހިދުމަތް ފަސޭހަ ކަމާއެކު ހޯދޭނެ މަގު ފަހިކޮށްދިނުމުގެ މަގްސަދުގައި ބޯޓިން އެސޯސިއޭޝަނާ އެކު ވަނީ ޕާޓްނާޝިޕެއް ހަދާފައި ކަމަށެވެ. އެ ޕާޓްނާޝިޕްގެ ދަށުން އުރީދޫ އާއި ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން މަސައްކަތް ކުރަމުން ގެންދާނީ ލިވަބޯޑް ފަތުރުވެރިން ރާއްޖެއަށް އައުމުގެ ކުރިން މޮބައިލް ޕްލޭންގެ އިންތިޒާމް ހަމަޖެއްސުމަށެވެ.

އެގޮތުން ސިމް އެކްޓިވޭޓް ކުރުމާއި ފަސޭހަ ކަމާއެކު އެކްސެސްވެ، ދުނިޔެ އާ އެއްވެސް ހިފެހެއްޓުމެއްނެތި ކަނެކްޓިވިޓީ ގެ އުފާ ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އުރީދޫން ބުނެއެވެ.

މިއީ ޕެންޑެމިކަށް ފަހު ރާއްޖޭގެ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ފަށާފައިވާ "ވިޒިޓް މޯލްޑިވްސް ނައު" ކެމްޕެއިންގެ ދަށުން ފަށާފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން ޔޫބީލް އަހަރު ރާއްޖޭގައި ފާހަގަކުރަމުންދާ އިރު، ނެޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ގުޅިގެން ވިޔަފާރިތަކަށް އީޖާދީ ކޮންޓެންޓް އުފައްދައި، ހިދުމަތްތައް ލިބި، އެކަކު އަނެކަކާއި ކަސްޓަމަރުންނާ އިތުރަށް ގުޅުން ބަދަހި ކުރެވޭނެ ހަރަކާތްތައް ހިންގުމުގައި އުރީދޫ އަންނަނީ ނަމޫނާ ދައްކަމުންނެވެ.