އިގުތިސޯދީ އަދި މާލީ ހީނަރުކަމާ ގުޅިގެން ސިލްސިލާ މުޒާހަރާތަކެއް ކުރިއަށް ގެންގޮސް މަސްރަހު އިންތިހާއަށް ހޫނުވެފައިވާ ސްރީލަންކާގެ ކަންކަމުގައި އަބަދުވެސް އިސްކުރާނީ، ޑިމޮކްރަސީގެ އުސޫލުތަކުގެ ތެރެއިން ރައްޔިތުން ފާޅު ކުރާ އާންމު މަސްލަހަތު ކަމަށް، މި ފަހަކަށް އައިސް ސްރީލަންކާއަށް އެންމެ ފުޅާ ދާއިރާއެއްގައި އެހީތެރިކަން ފޯރުކޮށްދެމުންދާ އަވަށްޓެރި އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީއިން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ، ސްރީލަންކާގެ ޑިމޮކްރަސީއާއި، ހަމަޖެހުމުގެ އިތުރުން އިގުތިސޯދު ނެގެހެއްޓުމަށް، އިންޑިއާއިން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ.

މި މެރުމުން އިންޑިއާއިން ވަނީ އެ ގައުމުން ގެންގުޅޭ "ފުރަތަމަ އަވަށްޓެރިޔާ"ގެ ސިޔާސަތަށް އިޝާރާތް ކޮށްފައެވެ. އެގޮތުން ސްރީލަންކާގެ އާންމު ރައްޔިތުންނަށް ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވާ މި ދަނޑިވަޅުގައި، މި އަހަރު އެކަނިވެސް އިންޑިއާއިން 3.5 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ އެހީ، ސްރީލަންކާއަށް ފޯރުކޮށްދީފައި ވާ ކަން، އިންޑިއާގެ ހާރިޖިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

ބައިނަލްއަގުވާމީ އެހީއަށް އެދި ސްރީލަންކާއިން ސަލާންޖަހަމުން ދާއިރު، އިންޑިއާއިން ދަނީ ލަންކާއަށް އެހީ ފޯރުކޮށްދިނުމަށް ބާރު އަޅަމުންނެވެ.

ސްރީލަންކާގެ އާންމު ހާލަތު ގޯހުން ގޯހަށް ގޮސް، ބައެއްގެ ފުރާނަ ގެއްލިފައި ވާ އިރު، އެ ގައުމުގައި ތަންފީޒު ކުރަމުންދާ ކާފިއުގެ އަމުރު މިހާރު ވަނީ ބުރާސްފަތި ދުވަހަށް އިތުރު ކޮށްފައެވެ. އަދި ނުރައްކާ ކުރިމަތި ކޮށްފާނެ ކަމަށް ބެލެވޭ ކޮންމެ މީހަކަށް އަމާޒުކޮށް ބަޑި ޖެހުމުގެ ހުއްދަ، އެ ގައުމުގެ ދިފާއީ ވުޒާރާއިން ދީފައި ވާ ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ. އަދި ވޮރަންޓަކާ ނުލާ މީހުން ހައްޔަރު ކުރުމުގެ ބާރުވެސް އަސްކަރީ ސިފައިންނާ ފުލުހުންގެ އަތްމަތީގައި އޮތް ކަމަށް ހަބަރު ލިބެއެވެ.