އަހަރެމެންނަށް އަބަދުވެސް އަޑުއިވި، ކަންފަތުގައި ގުގުމަމުންދާ އަޑަކަށް ކުޑަކުދިންނަށް ކުރަމުންދާ އަނިޔާއާއި ކުޑަކުދިން ކުށުގެ ވެއްޓަށް ހުށައެޅިގެންދާ އަޑު ވަނީ ވެފައެވެ. ކޮންމެ މަހެއްގައި މިފަދަ އެތައް މައްސަލަތަކެއް ފެންމަތިވަމުން އަންނައިރު ނުރައްކާތެރި ކުށްތަކުގައި ހައްޔަރުވެ ތިބީވެސް މަދު ކުޑަކުދިންނެއް ނޫނެވެ. މަރުގެ މައްސަލަަތަކުން ފެށިގެން މަސްތުވާތަކެއްޗާއި ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުން އޮންނަކަމީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. މައިންބަފައިނާއި އާއިލާއާއެކު މަޖާކޮށް އުފާވެރި، އެހާމެ ލޯބި ވަގުތުތަކެއް ހޭދަކުރަން ޖެހޭ އުމުރުގައި ޖަލުގެ ތޭރިތަކުގެ އެތެރޭގައި އެކަނިވެރިކަމާއެކު އުޅެނީ އިހުމާލެއްގެ ސަބަބުންކަން ގަބޫލުކުރަން ޖެހެއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކުގެ މައްސަލަތަކުގައި ވޭދުވެދިޔަ 2021 ވަނަ އަހަރު 1074 މައްސަލައެއް އަދި މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 337 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާއިރު ޖިންސީ ހާނިކައިގެ މައްސަލަތަކާއި އިހުމާލުގެ މައްސަލަތަކާއި އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުނު ކުދިންގެ މައްސަލަތަކާއި އެހެންކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ މައްސަލަތަކެއްވެސް ހިމެނެއެވެ. އަދި ޖެންޑާއަށް ހުށައަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ ވެސް ހިމެނެއެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީވެސް ބޮޑުވެފައިވާ މައްސަލައަކަށް ވާއިރު އެ ފަދަ މައްސަލަތަކުގައި ކުދިންނަށް އަނިޔާދޭ ބަޔަކީ އާއިލާގެ މެންބަރަކަށް ނުވަތަ އިތުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކަށްވެސް ވެގެންދަނީ މަދެއްކޮށެއް ނޫނެވެ. އަދި ކުށްތަކަށް ކުޑަކުދިން ހުށައެޅިގެންދާ ވާހަކައަކީ އާންމުވާހަކައެކެވެ. އަމިއްލައަށް ބޭރުތެރެއަށް ނިކުމެ ގޭންގުތަކާ ގުޅިގެން ޅައުމުރުގައި އަމިއްލަ މުސްތަގުބަލު ހަލާކުވެގެންދާ ކުދިން ގިނަވެފައި ވާއިރު މައިންބަފައިން އަދާކުރަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާނުކުރުން މިކަމުގެ މައިގަނޑު ސަބަބަކަށް ވެގެން ދެއެވެ.

މިދިޔަ އަހަރު ހިނގި އަނިޔާވެރި މަރުތަކަށް ނަޒަރު ހިންގާލިޔަސް ކުޑަކުދިން ޝާމިލުވެފައި ވާތަން ފެނެއެވެ. އެގޮތުން ފެބްރުއަރީ 8، 2021 ވަނަ ދުވަހުގެ ރޭ ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު މާރާލި މައްސައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖެއް ހިމެނޭއިރު، ޖޫން 20، 2021 ވަނަ ދުވަހު ރަހީނުކޮށް ފޮއްޓަކަށްލައި އެއްލާލައިފައި މަރުވެފައި އޮއްވާ ހުޅުމާލެ ފޭސް 2 އިން ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގާވެސް 17 އަހަރުގެ ކުޑަކުއްޖަކު ހިމެނެއެވެ.

ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔު، 17 އ. / ފޮޓޯ: ސޯޝަލްމީޑިއާ

މިއަހަރު ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވާ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް ޑްރަގް އެންފޯސް ޑިޕާޓްމަންޓުން ބޭއްވި "މީޑިއާ އިވެންޓް" ފުލުހުން ބުނީ ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ 53 މައްސަލައެއްގައި 14 އަހަރުގެ އެއް ކުއްޖަކު ހިމެނޭ ކަމަށެވެ. އެގޮތުން ޖެނުއަރީ 1، 2019 އިން ފެށިގެން ޑިސެމްބަރު 31، 2021 ގެ ނިޔަލަށް ތަފާތު އެކި މައްސަލަތަކުގައި ޖުމްލަ 354 ފަހަރު އެ ކުއްޖާއާ ސުވާލުކޮށްފައި ވާއިރު އެ މުއްދަތުގައި އެ ކުއްޖާ މަސްތުވާތަކެތި ވިއްކުމުގެ 2 މައްސަލައަކާއި މަސްތުވާތަކެތި ބޭނުންކުރުމުގެ 16 މައްސަލައަކާއި މަސްތުވާތަކެތި ގެންގުޅުމުގެ 35 މައްސަލައެއް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ކައުންސެލަރަކު ބުނީ ބެލެނިވެރިން ކުދިންނަށް އަދާކުރަން ޖެހޭ ޒިންމާ އަދާކުރުމުގައި މިހާރު ވަރަށް ފަރުވާ ކުޑަކުރަމުން އަންނަ ކަމަށާއި މީގެ ކުރިންވެސް އިހުމާލުގެ މައްސަލަތައް ހިމެނޭ ކަމަށެވެ. ކުދިން ކުށުގެ ވެއްޓަށް ނިކުތުމާ ގުޅޭގޮތުން ވާހަކަދައްކަމުން ކައުންސެލަރު ބުނީ އެ ކުދިންނަށް އެ އުމުރުގައި ދޭން ޖެހޭ ލޯތްބާއި އަޅާލުން ނުދޭ ކަމަށާއި އޭގެ ސަބަބުން ކުދިން ސްކޫލަށްވެސް ހާޒިރުނުވުމަކީ ކުށުގެ ވެއްޓަށް ހުށައެޅުމުގެ ފުރަތަމަ މަރުހަލާ ކަމަށެވެ.

މިފަދަ މައްސަލަތަކުގައި ސްކޫލަށް ނުފާ ކުދިންގެ ބެލެނިވެރިންނާ ވާހަކަދައްކާލުމުން ކުދިންގެ އެއްބަނޑު ބޭބެއިން ދައްތައިންގެ ދިރިއުޅުން ފަށާ، ކޮއްކޮމެންނަށް އަޅާނުލުމުން މައްސަލަތަކެއް ދިމާވާކަން އެނގޭ ކަމަށާއި އޭގެ ސަބަބުން އާއިލާގެ އެންމެ މީހެއްގެ ބޮލުގައި ޒިންމާތައް އެޅި އެންމެ މީހަކު އެ ޒިންމާތައް އުފުލަން ޖެހޭ ކަމަށްވެސް ކައުންސެލަރު ވަނީ ބުނެފައެވެ.

ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް މާލޭ މަގުތައްމަތީ މުޒާހަރާ ކުރިއަށްދަނީ
"އެންމެ މީހަކު ހުރިހާ ޒިންމާއެއް އަދާކުރަން ޖެހޭ ކަހަލަ ގޮތަކަށް އަހަރެމެންގެ މުޖުތަމައަށް ވިސްނިފައި އޮންނަނީ. ދެން ބައްޕައިންނަށްވެސް ގަބޫލުކުރެވިފައި އޮންނަނީ އެއްޗެއްސޭ ހޯދައިދޭން ޖެހެނީ. ހުރިހާ ފަރާތްތައް ގުޅިގެން ކުއްޖާއަށް ލޯތްބާއި އަޅާލުން ހޯދައިދިނުމަށް މަސައްކަތް ކުރަން ޖެހޭ. މުއައްސަސާތަކުންވެސް އެ ކުދިންގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި ހޯދައިދެވޭތޯ ވަރަށް މަސައްކަތް ކުރަން ޖެހޭ"
ކައުންސެލާ

ކުއްޖާގެ ޒިންމާތައް އަދާނުކުރެވި ކުއްޖާ ކުށުގެ ވެއްޓަށް ހުށައެޅުމުގެ މައިގަނޑު ސަބަބެއް ކަމުގައި ކައުންސެލަރު ފާހަގަކުރީ އެ ކުއްޖާއަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ނުލިބުމެވެ. އަދި ސްކޫލަށް ކުދިން ބަލާ އެ ކުދިންގެ މަންމަ ދާތަނާއި އެ ކުދިންނަށް ބަރާބަރަށް ބޭނުންވާ އެއްޗެހި ހަމަކޮށްދީ، ސްކޫލަށް ފޮނުވާތަން، އެކަންކަމުން މަހުރޫމްވެފައިވާ ކުއްޖާއަށް ފެނި އެ ކުއްޖާގެ ސިކުނޑިއަށް އެކަން ނަގައިގަނެވި ބޭކާރު ކުއްޖެއްގެ ގޮތުގައި ވިސްނިގެން ދާކަމަށް ކައުންސެލަރު ބުނެއެވެ.

އެފަދަ ކުދިން މުޖުތަމައުގެ ތެރޭގައި ބަލައިނުގަންނަކަން ފާހަގަކޮށް ކައުންސެލާ ބުނީ ބައެއް ފަހަރު ކުއްޖެއްގެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ނޫނީ ނިކަމެތި އާއިލާއަކަށް ވުމުގެ ސަބަބުން ބައެއް ކުދިންނަށް އެކުދިންގެ މައިންބަފައިން އެފަދަ ކުދިންނާ ރައްޓެހި ނުވުމަށް ނުވަތަ އެކުގައި މަސައްކަތް ނުކުރުމަށް ބުނެފައި އޮންނަ ކަމަށެވެ.

"އެބަ ހުރޭ ނިކަމެތި އާއިލާތަކުގެ ކުދިންނާ ދިމާލަށްވެސް ސްކޫލުގެ މާހައުލުގައި ކުދިން ބުނެފަ ދިމާލަށްވެސް ތިމަންނަ މަންމަ ބުންޏޭ އޭނަ ކައިރި ނީންނަންޗޭ. އަސްލު މުޖުތަމައު ބަލާ ނުގަންނާތީ އެކަން އެހެންވެގެން ދަނީ"
ކައުންސެލާ

ކައުންސެލަރުގެ ވާހަކައިގައި ވަނީ ތަފާތު ކުދިން، ތަފާތު އެކި ފޯރުންތެރިކަން ހުންނަ ކުދިން އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިން އުޅޭކަން ހުރިހާ މައިންބަފައިންވެސް ކުދިންނަށް ވިސްނައިދީ ބުނެދޭން ޖެހޭ ކަން ފާހަގަ ކޮށްފައެވެ.

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގައިދީއަކު ހައްޔަރުކޮށްގެން ގެންދަނީ / ފައިލް ފޮޓޯ: ފުލުހުން

އެފަދަ ކުދިންނަށް ލިބެން ޖެހޭ ލޯތްބާއި އަޅާލުން ނުލިބުމުގެ ސަބަބުން މުޖުތަމައު ތެރެއަށް ގިނަވެ، ދިމާވާ އެކި ކަހަލަ ކުދިންނާއެކު ނުރައްކާތެރި ކުށްވެރިން ހިމެނޭ ގޭންގުތަކަށް ވަނުމުން އާއިލާއާއި ސްކޫލުގެ ރައްޓެހިންގެ ފަރާތުން ނުލިބޭ އަޅާލުން ލިބޭ ކަމަށް ގަބޫލު ކުރެވެއެވެ. އަދި މަސްތުވާތަކެތި ވިއްކުމާއި އެފަދަ އެހެނިހެން ކުށްކުރުމުގައި އެ ކުއްޖާ ބައިވެރިކޮށް، އެކަންކަން ކޮށްދިނުމުން އެ ކުއްޖާ ބޭނުން އެތައް ކަމެއް އެ މީހުން ކޮށްދީ ހަދައެވެ. އެ ކުދިން އެހާ ހިސާބަށް އެ ދަނީ ބެނިވެެރިން އަދާކުރަން ޖެހޭ ޒިންމާތަކާ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާނުކޮށްދެވިގެންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 3 އަހަރުގައި އުމުރުން 15 އަހަރާއި 17 އަހަރާ ދެމެދު 220 ކުޑަކުއްޖަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރެއިން 146 ކުދިންނަކީ ހައްޔަރުކުރުމަށް ފަހު ކޯޓުން 24 ގަޑިއިރަށް ވުރެ ގިނަ ވަގުތަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކުދިންނެވެ. ކުށްތަކުގައިި އެންމެ ގިނައިން ހައްޔަރު ކޮށްފައި ވަނީ 17 އަހަރުގެ ކުދިން ކަމަށް ވާއިރު އެ އުމުރުގެ 121 ކުދިން ހައްޔަރުކޮށްފައި ވާކަން އަދަދުތަކުން ދައްކައެވެ.

ކުޑަކުއްޖަކަށް ޖިންސީ އަނިޔާލިބޭކަމަށް ދައްކުވައިދޭ ޕޯސްޓަރެއް

މީގެ އިތުރުން ކުޑަކުދިންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި އެފަދަ އަނިޔާތަކުގެ މައްސަލަތައް އާއިލާގެ މަސްލަހަތަށް ނުވަތަ އާއިލާގެ ނަމަށް އަންނާނެ ހުތުރަކަށްޓަކައި ބެލެނިވެރިން އެކަން ސިއްރުކުރާ ކަމަށް ކައުންސިލަރު ވަނީ ބުނެފައެވެ. އެފަދަ މައްސަލަތަކުގައި ކަން ހިނގާދާ ގޮތް ކިޔައިދީ، އެ މައްސަލައެއް ހުށައެޅުމަށްފަހުވެސް މައިންބަފައިންގެ ފަރާތުން ކުރިމަތިވާ އަނިޔާވެެރި ބަސްތަކުގެ ސަބަބުން އެކަން ކުރިއަށް ނުގެންދަން ކުދިން ނިންމާކަން ކައުންސިލަރު ވަނީ ވަނީ ފާހަގަ ކޮށްފައެވެ.

ކޮންމެ މީހަކީވެސް ކުޑަކުދިންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދޭ ބަޔަކަށް ވާން ޖެހޭއިރު ހާއްސަކޮށް ކޮންމެ ބެލެނިވެރިޔަކުވެސް ގޭތެރޭގެ މާހައުލަކީ އެކުދިންނަށް ރައްކާތެރި މާހައުލެއްތޯ ކަށަވަރު ކޮށްދޭން ޖެހެއެވެ. އަދި ކުށުގެ ވެއްޓަށް ކުއްޖާ ހުށައެޅުނަ ނުދިނުމަށްޓަކައި ކޮންމެ ކުޑަ ކުއްޖަކީވެސް އާއިލާއަށް ނިސްބަތްވާ ކުއްޖެއެއްކަން އެކުދިންނަށް އިހުސާސް ކޮށްދޭން ވެސް ޖެހެއެވެ. މުޖުތަމަުގެ އިޖުތިމާއީ ޒިންމާވެސް ބޮޑުކަން ގަބޫލުކޮށް އެންމެންގެ ވިސްނުން ހެޔޮކުރަން ޖެހެއެވެ.