ކޮންމެ މުޖުތަމައެއްގައިވެސް ކުޑަކުދިންނަކީ އެ މުޖުތަމައެއްގެ ކުރިމަގު ކަމަށާއި، ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާން މާހައުލެއް ހޯދައިދިނުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި ތަރުބިއްޔަތަށް ކުރެވޭ ކޮންމެ ކަމަކީ ގައުމަށްޓަކައި ކޮށްދެވޭ މުހިންމު ހޭދައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި:
- ޒަމާނީ ތައުލީމް ފޯރުކޮށްދޭ ގޮތަށް، އިސްލާމީ ރިވެތި އަހްލާގުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ
- މުޖުތަމައުގައި ހުރި ނޭދެވޭ އަމަލުތަކުން ދުރުކޮށް، ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި ކުދިން ބޮޑުކުރަން ޖެހޭ
- އުފާވެރި އާއިލާއެއް ބިނާކުރުމުގެ ބިންގަލަކީ ކުދިންނަށް ދެވޭ ތަމްރީނާއި ތައުލީމް
- އެ ކުދިންގެ ހިތްތަކުގައި އަނެކުންނަށް އިހްތިރާމް ކުރުމުގެ ސިފަ އަށަގަންނުވަން ޖެހޭ
- އެކުވެރިވެ އުޅުމަށާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް އެ ކުދިންގެ ވިސްނުމާއި ހިޔާލު ބައްޓަން ކުރަން ޖެހޭ
އެފަދަ ކަންކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާން ތިބީ ކުދިންގެ މައިންބަފައިން ކަމަށާއި، ކޮންމެ ކަމެއްގައިވެސް ދަރިންނަށް ނަމޫނާ ދައްކައިދޭން ތިބީ އެ މީހުން ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ޅަފަތުން ފެށިގެން އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތާއި ތައުލީމް ދިނުމަށް ރައީސް މައިންބަފައިންގެ ކިބައިން އިލްތިމާސް ކުރައްވާފައިވެއެވެ.
ހަމަ އެއާއެކު، ތިމާވެށި ހިމާޔަތް ކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި، އަދި މުޖުތަމައުގައި ފެތުރެމުންދާ ނުބައި އާދަތަކަށް ނޫނެކޭ ބުނެ، އެފަދަ އާދަތައް ހުއްޓުވާ ބައެއްގެ ގޮތުގައި ކުދިން ބޮޑެތި ކުރުމަކީ އެ ކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ މުހިންމު ކަންކަމުގެ ގޮތުގައި ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މިއަދު ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލުތަކަކީ އެ ކުދިންގެ ކުރިމަގު ބައްޓަން ކުރަންވީ ގޮތާއި، ކުރިމަގު ބިނާ ކުރުމަށް އޮތް މާހައުލުގެ ރައްކާތެރިކަމާއި އަޅަންވީ ފިޔަވަޅުތަކާ މެދު ކަމަށެވެ.
ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަކީ މުޖުތަމައުގެ ޒިންމާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައީސް ވަނީ ކުޑަކުދިންގެ ހައްގުތަކަށް ފުރިހަމައަށް އިހްތިރާމު ކުރުމަށާއި، އެ ކުދިންގެ ކަރާމާތާއި އިއްފަތްތެރިކަމާއި އަބުރު ރައްކާތެރިކޮށްދިނުމަށް މުޖުތަމައުގެ ކިބައިން އިލްތިމާސް ކުރައްވާފައިވެއެވެ.
"ދިވެހި މުޖްތަމައަކީ ކުޑަކުދިންނަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ލިބޭ މުޖްތަމައެއް ކަމުގައި ވެގެން ދިއުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އުންމީދެއް." ރައީސް ވިދާޅުވިއެވެ.