ދަރިންނަކީ މި ދުނިޔެމަތީގައި ކޮންމެ މަޔަކާއި ބަފަޔަކަށް ލިބޭ އެންމެ ބޮޑު ނިއުމަތަށް ވާއިރު އެ ދަރިންނާމެދު އިހުމާލު ވާ އާއިލާތައް އުޅުމަކީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އެ ދަރިންގެ ކަންކަން ބެލެހެއްޓުމާ، އެ ކުދިންނަށް ލޯތްބާއި އަޅާލުމާ، އެ ކުދިން އުފަލުގައި ބޭތިއްބުމަށްޓަކައި ގައިން ދާ އޮހޮރުވައިގެން ބުރަ މަސަައްކަތް ކޮށް، ލިބޭ މަދު ލާރިކޮޅުން ގުރުބާންވާ މައިންބަފައިން އަހަރެމެންގެ ތެރޭގައި އުޅޭއިރު، ވިހެއީންސުރެ ދަރިންނަކީ ތިބި ބައެއްކަން ހަނދާން ނުހުންނަށް މައިންވެސް އުޅެއެވެ. ވެވޭ ބޮޑެތި އިހުމާލުތަކުގެ ސަބަބުން އެކުދިންނަށް ދޭން ޖެހޭ އަޅާލުން ނުލިބި ވިއްސި ވިހާލިވެ ކުށުގެ ވެއްޓަށް ކުއްޖާ ހުށައެޅިގެން ދަނީ ވެސް މަދެއްކޮށެއް ނޫނެވެ. ނަތީޖާއަކަށް، ޖަލުގެ ތެރޭރިތަކުގެ އެތެރެވުމާއި އަނިޔާތަކެއްގެ ޝިކާރައަކަށް ވެގެން ދެއެވެ. ކުޑަކުދިންނަށް ހާއްސަކޮށް ދުވަހެއް ފާހަގަ ކުރާ އިރު ހަނދާންކޮށްލަންވީ ކަމަކީ، ވިހެއީންސުރެ މައިންބަފައިނާއި އާއިލާގެ ލޯބިން މަހުރޫމުވެ ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިންތަކެއް ތިބި ކަމެވެ. ޅަ އުމުރުގައި ކުށުގެ ޝިކާރައަކަށް ވެ ކުޑަކުދިން ބޮޑެތި ކުށްވެރީންގެ ގޮތުގައި ތިބި ކަމެކެވެ. އާއިލާއާއި އެހެން މީހުންގެ އަނިޔާގެ ޝިކާރައަކަށް ވެފައިވާ ކުޑަކުދިންވެސް މަދު ނޫން ކަމެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މިދިޔަ މާޗު މަހުގެ ނިޔަލަށް 200 ކުދިން ތިބިއިރު އޭގެ ތެރޭގައި 112 ފިރިހެން ކުދިންނާއި 88 އަންހެން ކުދިން ހިމެނެވެ. މީގެތެރޭގައި ފިޔަވަތީގައި 101 ކުއްޖަކު ދިރިއުޅެމުން ދާއިރު ހއ، ށ، ބ އަދި ޏ އަތޮޅު ގައި ހަދާފައިވާ އަމާންވެށިތަކުގައި ވެސް ކުދިން އެބަތިއްބެއެވެ. އެ ކުދިން އެހާ ހިސާބަށް ދަނީ މައިންބަފައިންގެ އިތުރުން އާއިލާގެ ވެސް އިހުމާލުތަކާ އެކުގައެވެ. އެންމެ ތުއްތު އުމުރުން ފެށިގެން ދައުލަތުން ކުއްޖާ ބަލަމުން އަންނަ އިރު، އެއްބަނޑު އެއްބަފާ ގިނަ އަދަދެއްގެ ކުދިން ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބެނީ މަދެއްކޮށެއް ނޫނެވެ.

ކުޑަކުދިންގެ ދުވަހެއް އައި އިރު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިންނާއި ހާލަތު

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދަން ޖެހުން

ކުޑަކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ތަފާތު އެކި މައްސަލަތައް ހިމެނޭ އިރު އޭގެ ތެރޭގައި އެ ކުއްޖާގެ ޝަރުއީ ބައްޕައެއް ނެތި ކުއްޖާގެ މަންމަ ހަށިވިއްކުމާއި މަސްތުވާތަކެތި ބޭނުންކުރުން ހިމެނެއެވެ. މީގެ އިތުރުން ކުދިންނަށް ހާނިކައާއި ޖިންސީ ގޯނާއާއި އެފަދަ އެކި ކަހަލަ އަނިޔާތަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުންވެސް ދައުލަތަށް ގިނަ އަދަދެއްގެ ކުދިން ނަގާފައި އެބަތިއްބެވެ. ކައިވެނީންނާއި ކައިވެނީގެ ބޭރުން ލިބޭ ދަރިންވެސް ދައުލަތުން ބަލަމުން ދަނީ އެ ދެ މީހުންނަކީ ކުށްވެރިކަމަށް ވެފައި އެ ކުއްޖާ އުޅެމުން ދަނީ ކުށުގެ ވެށީގައި ކަމަށް ވުމުން އެ ކުދިންނަށް ހެޔޮ މުސްތަގުބަލެއް ހޯދައިދޭށެވެ.

"ދަ ޕްރެސް" އާ ވާހަކަދައްކަމުން ކައުންސެލަރަކު ވިދާޅުވީ، އެ ކުދިން ދައުލަތުން ނަގަނީ އޭގެކުރިން އާއިލާއިން ހަވާލުވާނެ އިތުރު މީހަކު ހުރިތޯ ބަލާ، ހަވާލުކުރެވޭތޯ މަސައްކަތް ކުރުމަށް ފަހު އެކަން ކާމިޔާބު ނުވުމުން ކަމަށެވެ. އަދި އެފަދަ ބައެއް ހާލަތްތަކުގައި އާއިލާގެ ގިނަ މެންބަރުންނަކީ ކުށްވެރިން ކަމުގައި ވެފައި ތިބޭކަންވެސް ކައުންސެލަރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ދިއުމުގައި އާއިލާގައި ތަފާތު ގިނަ ކުށްތަކަށް އަރައިގަތުން ހިމެނޭކަން ފާހަގަކުރައްވައި ކައުންސެލަރު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ކުއްޖާއަކީ އާއިލާގެ ނުވަތަ އެހެންވެސް މީހެއްގެ ސަބަބުން ކުރިމަތިވާ ޖިންސީ ގޯނާއަކާއެކު ކޮންމެވެސް މީހަކަށް ލިބިފައި ހުންނަ ކުއްޖަކަށް ވެފައި ހުންނަނީ ވެސް މަދެއްކޮށް ނޫން ކަމަށާއި އެ މީހެއް ދެކެ އަންނަ ރުޅި ނުވަތަ ފޫހިން އެ ކުއްޖާއަށް އަޅާނުލާ، ނުވަތަ އަނިޔާކޮށް ހަދަނީ ކަމަށެވެ. ޖިންސީ ގޯނާގެ ޝީކާރައަކަށް ވެ މާބަނޑުވާ ހިސާބުން އާއިލާއިންވެސް ވަރަށް ބޮޑެތި އަނިޔާތަކާ ފުރައްސާރައާވެސް ކުރިމަތިލާން ޖެހިފައިވާ ކަމަށާއި އެފަދަ މައްސަލަ ތަކުގައި ބަނޑުގައިވާ ދަރިފުޅަށް ގޯނާއެއް ދިނުމަށް ބާރުގަދަ ބޭސްތައްވެސް ބައެއް މައިން ބޭނުން ކުރާ ކަމަށް ކައުންސެލަރު ވަނީ ވިދާޅުވެފައެވެ.

ބައެއް ފަހަރު އެކަހަލަ މައްސަލަވެސް ދިމާވެފަ ހުރޭ، އަހަރެމެންނަށް އެ މީހާ ކިތަންމެ ގޯސްވިޔަސް އެ އަންހެން މީހާ ކުރިމަލާންޖެހިފަ ހުރި ކަމެއް ނުވެސް އެނގޭނެ. އެ ހުރިހާ ހަނދާންތަކެއް ފެންނާނެތާ ކުއްޖާ ހުންނައިރު. ދެން އަނިޔާ ދެވެނީ"
ކައުންސެލާ

"ދަ ޕްރެސް" އާ ވާހަކަދެއްކި އަމާންވެއްޖެއްގައި މަސައްކަތް ކުރަމުން އަންނަ ސޯޝަލް ވޯކަރަކު ބުނީ ކުއްޖާއަށް ނުވަތަ މަންމައަށް ލިބެމުން އަންނަ އަނިޔާތައް ގިނަ ދުވަސްތަކެއް ވާންދެން ތަހަންމަލު ކުރަން ޖެހިފައި ވަނީ އާއިލާގައި އަޅާލާނެ އެކަކުވެސް ނެތިގެން ކަމަށާއި، ވަރަށް ފުދިގެން އުޅޭ އާއިލާތަކުގެ ކުދިންވެސް އެ އާއިލާތަކުން ހަވާލު ނުވުމުން ދައުލަތަށް ނަގަން ޖެހޭ ކަމަށެވެ.

"އާއިލާގެ ކޮންމެވެސް މީހަކު ހަވާލު ނުވާތީ ދައުލަތުން މި ނަގަން ޖެހެނީ. ފުދިގެން ތިބޭ ފެމިލީސްވެސް ތިބޭ އެކަމު އޭނަ މަންމަ އެހެން އުޅޭތީ ވަކި މީހެއްގެ ދަރިއެއްވީމަ ހަވާލުނުވަނީ"
ސޯޝަލް ވޯކަރު

އަމާން ވެއްޓާއި އަޅާލުން

ކުދިންނަށް އާއިލީ މާހައުލެއް ހޯދައިދިނުމަށްޓަކައި އަމާންވެށިތައް މިހާރު އުފައްދާފައި ވާއިރު މީގެ ކުރިން ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 13 އަހަރުން މަތީގެ ކުދިން، އުޅެމުން ދިޔައީ ކުޑަކުދިންގެ ހިޔާގައެވެ. އެ ކުދިން އެތާނގައި ދިރިއުޅެމުން ދިޔައިރު އެ ކުދިންގެ އެއްބަނޑު އެއްބަފާ ކުދިން ފިޔަވަތީގައިވެސް އުޅެމުން ދިޔައެވެ. ނަމަވެސް މިހާރު އެއްބަނޑު އެއްބަފާ ކުދިންނަށް އަމާންވެށިތަކުގައި އެކީގައި އުޅެވޭނެ މާހައުލު ވަނީ ގާއިމު ކޮށްދީފައެވެ. އަމާންވެށިތައް ހެދުމަކީ ކުދިންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެކަމުގެ ސަބަބުން ކުދިންގެ އުޅުމާއި ގުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ސޯޝަލް ވޯކަރު ވަނީ ފާހަގަ ކޮށްފައެވެ.

ށ. ފޮނަދޫ އަމާން ވެއްޓަށް ކުދިން ފޮނުވަނީ / ފޮޓޯ: ޖެންޑާ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބޭނުންނަމަ، އެ ކުދިންގެ އާއިލާއަށް ގުޅައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި ވާއިރު ފިޔަވަތީގައި އެކަމަށް ހަފްތާއަކު ވަކި ދުވަހެއް ހާއްސަކޮށްފައި އޮވެއެވެ. އަމާންވެށިތަކުގައި އެ ކުދިން ބޭނުންވާ ކޮންމެ ގަޑިއަކުވެސް އާއިލާތަކަށް ގުޅައިދިނުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އޭނާ އިތުރަށް ބުނީ، އާއިލާތަކަށް ގުޅަން މަސައްކަތް ކުރާއިރު ބައެއް އާއިލާތަކުން އެއްވެސް ވަރަަކަށް ކުދިންނަށް ނުގުޅާ ކަަމަށާއި އަނެއްބައި އާއިލާތަކުން ހަދިޔާ ފޮނުވާ ހަދާ ކަމަށެވެ. ސޯޝަލް ވޯކަރު ބުނީ، އެކަންކަން އެހެން ހިނގާ އިރު، ހަދިޔާއެއް ނުލިބި ނުވަތަ އާއިލާއިން ނުގުޅާ ކުދިންނަށް ފުން އަސަރުތައް ކުރާ ކަމަށާއި، ވަރަށް ދެރަވެގެންވެސް އެ ކުދިން އުޅޭ ކަމަށެވެ.

އަމާންވެށިތަކަށް ކުދިން ބަދަލުކުރުމާއެކު އާއިލާއާ އެއްކޮށް އުޅެން ލިބުމާ، ރާއްޖެތެރޭގެ ރަށަކަށް ބަދަލުވުމުންވެސް އެ ކުދިންނަށް ހިތްހަމަޖެހުން ލިބިގެން ދާ ކަމަށާއި އެ ކުދިން ފުރަތަމަ އަމާންވެއްޓަށް ގެންދިޔައިރު ތިބީ މޫދަށް ގޮސް މަޖާކޮށްލަން ވަރަށް ބޭނުންވެފައި ތިބި ކަން ފާހަގަ ކުރަމުން އޭނާ ބުނީ، ފިޔަވަތީގައި ކުދިން ގިނަވެފައި ތިބުމުން ކުރިން، އެ ކުދިން މޫދަށްވެސް އެ ގޮތަށް ނުގެންދެވޭ ކަމަށެވެ.

އަމާންވެށިތަކުގައި އެއްބަނޑު އެއްބަފާ ތިން ހަތަރު ކުދިން ވެސް އުޅެމުން އަންނަ ކަމަށާއި އެކުދިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ރަނގަޅު ކަން ފާހަގަ ކުރަމުން އޭނާ ބުނީ، ކޮއްކޮމެން ގޮވައިގެން ކުޅެހަދާ ކަމަށެވެ. އަދި އެ ކުދިން ބެލުމަށް ތިބޭ ކީ ކެއާ ވޯކާރުންނާއި ކުދިންނާ ރަނގަޅު ގުޅުމެއް އޮންނަ ކަމަށް ސޯޝަލް ވޯކަރު ވަނީ ފާހަގަ ކޮށްފައެވެ.

މަންމަމެން ކައިރިއަށް ކުދިން ދާން ބޭނުން ވޭ

ކުދިންގެ ހާލު ބަލާ ވާހަކަދައްކަން މައިންބަފައިން ޖަލުގައި ތިބެ ވެސް ގުޅާ ހަދާއިރު ބައެއް ފަހަރު އެ މައިންބަފައިން ދައްކާ ވާހަކައިން ކުދިންނަށް ވިސްނިފައި އޮންނަނީ އެ މީހުންގެ މަންމަމެންނާ ދުރުކޮށްގެން ގެންގުޅެމުން ދަނީ މިނިސްޓްރީއާއި ސަރުކާރުން ކަމަށެވެ.

"އަސްލު ބޭނުން ވަނީ ދާން މަންމަމެން ކައިރިއަށް ފެމިލީ ކައިރިއަށް ހުރިހާ ކުދިންވެސް ވަރަށް ލޯބިވާނެ އެ މީހުންދެކެ. އާއިލާގެ ތެރެއިން ބަދަލުތައް އައިސްގެން އަންނަ ކުދިން ވީމަ ވަރަށް އުނދަގޫ ކުދިންވެސް އުޅޭނެ. މީހަކު ކިތަންމެ ކުޑައެއްޗެއް ދިނަސް ވަރަށް އުފާވާނެ އެ ކުދިން"
ސޯޝަލް ވޯކަރު
ބ. އޭދަފުށީ އަމާންވެށީގައި ތިބި ކުދިން އުފާވެރި މާހައުލެއްގައި ރޯދަވިއްލުމެއް/ ފޮޓޯ: އޭދަފުށި ޓައިމްސް

އެ ކުދިންނަކީ އާއިލާގެ ފަރާތުން ލިބެން ޖެހޭ ލޯތްބާއި އަޅާލުން ނުލިބޭ ކުދިންނަށް ވުމުން އެ ކުދިންނަށް ސްކޫލުގެ މާހައުލުންވެސް ބުލީ ކުރުމާ ކުރިމަތިލާން ޖެހޭ ކަމަށާއި އެ ގޮތުން "ޖެންޑާ ކުދިންގެ" ގޮތުގައި އެ ކުދިން ލޭބަލް ވެފައި ވާކަން ސޯޝަލް ވޯކަރު ވަނީ ފާހަކޮށްފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ބައެއް ކުދިންނާއި ހާލަތު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ތެރޭގައި ވިހެއުމަށް ފަހު ހޮސްޕިޓަލުގައި ދަރިފުޅު ބާއްވާ، މަންމަ ފިލާފައިވާ ގިނަ މައްސަލަތަކާ ގުޅުންހުރި ކުދިން ހިމެނޭއިރު ކުއްޖާގެ ފުރަތަމަ ދުވަހުންސުރެ އެ ކުދިންގެ މައިންބަފައިންނަކީ ދައުލަތް ކަމުގައި ވަނީ ވެއެވެ. މިވަގުތުވެސް ފިޔަވަތީގައި 2 އަހަރު ނުވާ ގިނަ އަދަދެއްގެ ކުދިން ތިބި އިރު، އަހަރު ނުވާ ކުދިންވެސް ތިބީ މަދެއްކޮށެއް ނޫނެވެ. އެއްގޮތަކަށްވެސް މަންމަ ނުފެންނަ ކުދިން އުޅޭއިރު މަންމަ މަރުވާދުވަހު ހަމައެކަނި މަންމަ ފެންނަ ކުދިންވެސް އުޅޭ ކަމަށާއި ބައެއް ކުދިންނަށް މަންމަ ނުފެންނާތީ މަންމަ ސިފަކުރަން ވެސް ނޭނގޭ ކަމަށް ސޯޝަލް ވޯކަރު ވަނީ ބުނެފައެވެ.

"ބައެއް ކުދިންނަކީ އަސްލު. މަންމަ ނުވެސް ފެންނަ ކުދިން އުޅޭ. ގޯސްކޮށް އުޅޭ މަންމަ ނިޔާވީމަ ހަމައެކަނި ފެނުނީ . ވިހެއީންސުރެ މަންމަ ނުފެންނާތީ އެ ކުއްޖާއަށް މަންމައެއް ސިފައެއް ނުކުރެވޭ އަސްލު"
ސޯޝަލް ވޯކަރު

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން އަންހެން 8 ކުއްޖަކާއި ފިރިހެން 6 ކުއްޖަކު މުޖުތަމައު ތެރެއަށް އަލުން ނެރެފައި ވާއިރު އޭގެ ތެރެއިން 4 ކުއްޖަކު ގޮސްފައި ވަނީ ވަޒީފާތަކަށް ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުނެއެވެ.

އޯގާތެރިކަމާއެކު އާއިލާތަކުން ކުދިންނާ ހަވާލުވުން

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އެޑޮޕްޓް ކުރުމުގެ ބަދަލުގައި ކޯޓު މަރުހަލާ ނިންމާ، އެކި އާއިލާތަކުން ކުދިންނާ ހަވާލުވުމުގައި ދިވެހިރާއްޖޭގައި އޮންނަ އުސޫލަކީ ފޯސްޓާ ކުރުމެވެ. ނުވަތަ ބެލެހެއްޓުމާ ހަވާލުވުމެވެ. އޭގެ ސަބަބުން ކުއްޖާގެ ނަސްލަށް ބަދަލު ނައިސް އާއިލާތަކުން އެ ކުއްޖާ ގެންގުޅެވޭނެއެވެ. ކުއްޖާ ބެލެހެއްޓުމާ ހަވާލުވާ އާއިލާއަކަށް އެ ކުއްޖާގެ ނަން ބަދަލުކުރުމުގެ އިހުތިޔާރު ދިން ނަމަވެސް އެ ކުއްޖާގެ ބައްޕަގެ ނަން ކުއްޖާގެ ނަމުގެ ފަހަތަށް އޮތް ކަމުގައި ވާ ނަމަ އެ ނަމެއް ބަދަލެއް ނުކުރެވޭނެއެވެ. އަދި ފަހަތަށް ބައްޕަގެ ނަން ނެތް ކަމުގައި ވާ ނަމަ ނަމެއް އިތުރެއްވެސް ނުކުރެވޭނެއެވެ. ކުދިން ފޯސްޓާ ކުރާއިރު އެ ކުއްޖާގެ އެއްބަނޑު އެއްބަފާ އެހެން ކުދިން ތިބި ނަމަ އެ ކުދިންވެސް ފޯސްޓާ ކުރަން ޖެހޭ އިރު އެއް ކުއްޖަކު ފޯސްޓާ ކުރާ ފަހުން އެ ކުއްޖާގެ އެއްބަނޑު އެއްބަފާ އެހެން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި ނަމަ އެ ކުއްޖާ ބެހެލެއްޓުމާ ހަވާލުވުމުގެ އިހުތިޔާރު ފޯސްޓާ ކުރާ އާއިލާއަށް ލިބިގެން ދެއެވެ.

މިއަހަރުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ފޯސްޓާ ކުރުމަށް އެދި 5 ފަރާތަކުން އެދިފައި ވާއިރު އޭގެ ތެރެއިން ތިން އަންހެން ކުއްޖަކާއި އެއް ފިރިހެން ކުއްޖަކު ވަނީ މިއަހަރުގެ ތެރޭގައި ފޯސްޓާ ކޮށްފައެވެ. އަދި މިހާރު ދެ އަންހެން ކުއްޖަކު ފޯސްޓާ ކުރުމަށް ކޯޓު މަރުހަލާ މިހާރުވެސް ކުރިއަށް ދާއިރު ފޯސްޓާ ކުރުމަށް އެދި ހުށައެޅި އިތުރު 3 ފަރާތެއް ވެއިޓްލިސްޓުގައި އެބަ ތިބި ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކުޑަކުދިންގެ ދުވަހޭ ކިޔާ ދުވަހެއް ފާހަގަކުރަމުން ދާއިރު ދައުލަތުގެ ބެލުމުގެ ދަށުގައި އާއިލާގެ އަޅާލުމާއި އޯގާތެރި ލޯބި ނުލިބޭ ހާލު އާއިލާގެ މެންބަރެއްގެ އަޑު އަހާލަން ލިބުމުގެ ނަސީބު ނުލިބެނީ ކިތައް ކުދިންނަށްތޯ މުޖުތަމައު ވިސްނަން ޖެހެއެވެ. އެ ކުދިންނަށް ވަމުންދާ އިހުމާލާ، މައިންބަފައިން ވެއްޓެމުންދާ ކުށުގެ އަނދަވަޅުން ސަލާމަތް ކުރުމަށް އާއިލާތަކުން ހޭލަން ވީ ވަގުތަކީ މިއީއެވެ. މާ ލަސްވެއްޖެއެވެ. އެހެން ނަމަވެސް ފުރުސަތު ނުގެއްލެއެވެ.