ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މެއި 6ގައި ދިން ހަމަލާއާ ގުޅިގެން ހެކި ލިބޭ ވަރަކުން އިތުރު މީހުންނަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މެއި 6ގައި ރައީސް ނަޝީދަށް އަމާޒުކޮށް، ދިން ނުރައްކާތެރި ހަމަލާގެ މައްސަލައިގެ ތަހްގީގާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ، އެކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައިވާ މުއްދަތުތަކުގެ ތެރޭގައި، ގާނޫނުގައި ކަނޑައަޅައިފައި އޮތް އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

އެގޮތުން ހެކި ހޯދުމާއި، ހެކި ވަޒަންކުރުމާއި، ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި، މިހުރިހާ ކަމެއް ހިނގައިދިޔައީ، ފުލުހުންގެ ތަހްގީގު ޓީމުތަކާއި، ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތްކޮށްގެން ކަމަށް ޕީޖީން ބުނެއެވެ.

މިމައްސަލައަށް ހާއްސަ ކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން 2 މީހަކު، ހުރިހާ ވަގުތެއްގައި ފުލުހުންނާ އެއްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި އޭގެ ފަހުން، މައްސަލަ ދިރާސާ ކުރުމުގެ މަރްހަލާގައި، މައްސަލައަށް ބޭނުންވާ ވަރަށް، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަސީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައި ވާނެ ކަމަށް ވެސް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ މި ހަމަލާ ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހަކު، ތަހްގީގާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވެފައިވާ ކަމަށާއި އޭނާގެ މައްޗަށް ހުކުމްކޮށް، އެހުކުމް މިހާރު ތަންފީޒު ކުރަމުން ދާ ކަމަށެވެ.

އޭނާގެ އިއުތިރާފާއި ހެކިތަކުން ފެންނަން ހުރި ކަންކަމާ ދިމާވެއެވެ. އޭނާގެ އިއުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ވެފައިވާ އިއުތިރާފެއްކަން، ފުލުހުންނާ ވަކިން، ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރުކުރެއްވިއެވެ. އޭގެ ފަހުން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުން ބާރު ލިބިގެން، ކޯޓުންވެސް އޮތީ އެކަން ކަށަވަރު ކުރައްވާފައެވެ. އޭނާ، ޝަރީއަތުގެ މަރްހަލާގައި އިއުތިރާފުނުވިނަމަވެސް، އޭނާގެ މައްޗަށް ހުށަހެޅި ދަޢުވާތަކަށް ބާރުދޭނެ ހެއްކާއި ގަރީނާ ހުރީ ކޯޓަށްހުށަހެޅިފައެވެ.
ޕީޖީ

މިމައްސަލައިގައި ހިމެނޭ ކަމަށް، ހެކި ހުރެގެން ދައުވާކުރި އެހެން މީހުންގެ ބައިތަކުގައިވެސް، ހުށަހެޅި ދައުވާތަކަށް ބާރުލިބޭ ކާފީ ހެކި ހުށަހަޅާފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. ހެކީގެ ތެރޭގައި، އިއުތިރާފު ބަޔާނުގެ އިތުރުން، ޑީއެންއޭ އެވިޑެންސާއި، މާއްދީ ހެއްކާއި، ސައިންޓިފިކް ހެކިތަކާއި، ޚަބީރުންގެ ބަހާއި، އެނޫންވެސް ހެކިތައް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ.

ޕީޖީން ބުނީ މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތަކުގައި، އެ ހެކިތައް ހުށަހެޅުމުން، އެ ހެކިތަކުގެ ހަރުދަނާކަމާމެދު ގޮތެއް ނިންމުމަކީ، ކޯޓުތަކާ މަތިކުރެވިފައިވާ ގާނޫނީ ޒިންމާެއް ކަމަށާއި އެފުރުސަތު ކޯޓުތަކަށް ލިބިދޭންވާނެ ކަމަށެވެ.

މިމައްސަލަ ހިނގައިދިޔައިރު، މިމައްސަލައިގެ ތަހްގީގުގައި ދައުވާ ކުރުމުގެ ކަންކަން ބެއްލެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވި ސްޕެޝަލް އެންވޯއީ އައްބާސް ފާއިޒު ގެންދެވީ، ތަހްގީގުއި ދައުވާކުރުމުގެ ކަންކަން ހިނގަނީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށްކަން ކަށަވަރު ކުރެއްވުމަށް، އެކަންކަން ގާތުން ބައްލަވަމުންނެވެ. ތަހްގީގާއި ދައުވާކުރުމުގެ މަރްހަލާތަކުގައި އެމަނިކުފާނުންގެ ކަންބޮޑުވުމެއް މިވަގުތު ނެތްކަމަށް، އެމަނިކުފާނުން އޮތީ ވިދާޅުވެފައެވެ.
ޕީޖީ

ޕީޖީން ބުނީ ޓެރަރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނައި ބަދަލުތައް ނިޔާކުރާގޮތުން، ޓެރަރިޒަމްގެ މައްސަލައެއްގައި، ހާދިސާ ހިނގިފަހުންވެސް ހެކި ލިބިއްޖެނަމަ، އެމައްސަލައެއްގައި ދައުވާ ކުރުމަކަށް ހުރަހެއް ނޯވެއެވެ. މިހާރު ވަކި މީހެއްގެ މައްޗަށް ދައުވާއެއް ކުރެވިފައި ނެތުމަކީ، އޭނާގެ މައްޗަށް ފަހުން ލިބޭ ހެއްކެއްގެ މައްޗަށް ދައުވާ ނުކުރޭނެކަމުގެ ހުއްޖަތެއް ނޫން ކަމަށް ވެސް ޕީޖީން ބުނެއެވެ.

ޕީޖީން ބުނީ، މިމައްސަލައާ ގުޅިގެން ހައްޔަރުކުރި، ނުވަތަ ހައްޔަރު ނުކުރި ނަމަވެސް، އެމައްސަލައިގައި މިހާރު ކުރިއަށްދާ ތަހްގީގުތަކުން ހެކި ލިބޭ ބައެއްގެ މައްޗަށް ލިބޭހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.