މަސްވެރިކަން ކުރިއަރުވައި ތަރައްގީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރާނީ ދާއިރާގެ ތަޖުރިބާ ހުރި އިސް ކެޔޮޅުންގެ ހިޔާލާއި މަޝްވަރާއާއި އެކުގައި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ދެކުނުގެ މަސްވެރިންނާ އެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ. އެ ބައްދަލުވުމުގައި މަސްވެރިން ވަނީ ދިމާވާ ދަތިތަކާ ގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭ ފޮތެއް ރައީސަށް އަރުވައިފައެވެ.

ރައީސާ އެކު ބޭއްވި ބައްދަލުވުމުގައި ދެކުނުގެ މަސްވެރިން މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައި ވަނީ:

  • މަސްވެރި މޫސުމުގައި ބާނާ މަސް ކިރޭނެ ގޮތެއް ނުވުން
  • މަސް ކިރުމަށް ގިނަ ވަގުތު ކިޔޫގައި މަޑުކުރަން ޖެހި، އެކަމުގެ ސަބަބުން ބާނާ މަހަށް ގެއްލުންވުން
  • މަސް ބާނާ ސަރަހައްދުން ކިރާ ސަރަހައްދަށް ދިއުމަށް ދިގު ދަތުރު ކުރަން ޖެހުން

ހަމަ އެއާއެކު، މަސްވެރިން ވަނީ ދިގު ދަތުރު ކުރަން ނުޖެހޭ ގޮތަށް މަސް ކިރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، ގދ. ފަރެސްމާތޮޑާ ސަރަހައްދުގައި މަސްފެކްޓްރީއެއް ހެދުމަށް ބޭނުންވާކަން ފާހަގަ ކޮށްފައެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ކުރަންޖެހޭ ބައިވަރު ކަންކަން ކުރަން ޖެހިފައިވާ ކަމަށާއި، ސަރުކާރުން އެކަންކަން ކުރަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ. އޭގެ އިތުރުން ރައީސް ވިދާޅުވީ:

  • މަސްވެރިކަމުގެ ތަރައްގީއަށް ކުރެވޭ ކަންކަން ކުރުމަށްޓަކައި ބައްދަލުވުމުގައި ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވާނެ ކަމަށް
  • މަސް ކިރުމަށް ދިމާވާ ދަތިތަކަށް މި އަހަރުގެ ތެރޭ ވަގުތީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށާއި، އެއާއެކު ދާއިމީ ހައްލެއްވެސް ހޯއްދަވައި ދެއްވާނެ ކަމަށް

މީގެ ކުރިންވެސް މަސް ކިރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހުމުންނާއި، ބާނާ މަހަށް ހަމަ އަގު ނުލިބުން ފަދަ ކަންކަމުގައި މަސްވެރިން ޝުއޫރު ފާޅުކޮށް އިހްތިޖާޖު ކޮށްފައިވެއެވެ. އަދި ދާދިފަހުން ދެކުނުގެ މަސްވެރިން އެ މީހުންނަށް ދިމާވެފައިވާ ދަތިތައް ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީ އާ ހިއްސާކޮށްފައިވެސް ވެއެވެ.