ޅ. ހިންނަވަރުގެ ފަޅު ގޯތިތަކާއި ވަލުގައި ފޮރުވާފައިހުރި 34 ފުޅި ބަނގުރާ ފުލުހުން ހޯދައިފިއެވެ.
ފުލުހުން މި ބަނގުރާ ފުޅިތައް ހޯދާފައިވަނީ ހިންނަވަރު ޕޮލިހާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހު 2 އިން 5 އަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ އޮޕަރޭޝަނުގައި، ރަށުގެ ފަޅު ގޯތިތަކާއި ކުށްކުރާކަމަށް ބެލެވޭ މީހުން އެއްވެ އުޅޭ ރަށުގެ އެކި ސަރަހައްދުތަކާއި ވަލުތެރެ ބަލައި ފާސްކޮށް، 34 ފުޅި ބަނގުރާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހިންވަރުގެ އިތުރުން މި މަހު 5 ވަނަ ދުވަހުގެ ރޭ ބ. ގޮއިނދޫގައި ހިންގި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު މަތިން 26 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތުދީފައިވާ ކަމަށެވެ.
މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.