ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައިގައި މިހާތަނަށް ފަންޑުކުރި މީހުން ނުހޯދި އޮތުމާއި، މި މައްސަލައިގެ ޝަރީއަތްތައް ލަސްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްގެ ގޮތުގައި އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަން ކުރި މަންދޫބު އައްބާސް ފާއިޒް ފާހަގަ ކުރައްވައިފިއެވެ.

މެއި 6، 2021 ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް އެއް އަހަރު ފުރުމާ ގުޅިގެން އެ ހަމަލާގެ ކަންކަން ބެލުމަށް ސަރުކާރުން އައްޔަން ކުރި މަންދޫބު އައްބާސް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އެ ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި ފައިސާ ހޭދަކުރި ގޮތް ބެލުމަށް ފުލުހުން ތަހުގީގު ހިންގީ ބައިނަލްއަގްވާމީ ބެސްޓްޕްރެކްޓިސްއާ އެއްގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް އެ ހަމަލާއަށް ފަންޑުކުރި މީހުން މިހާތަނަށް ވެސް ނުހޯދޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

ފަންޑުކުރި މީހުން ހޯދުމަކީ ތަހުގީގުގެ މުހިންމު ބައެއް ކަމަށާއި އެކަމަށްޓަކައި ތަހުގީގު އިތުރަށް ފުޅާ ކުރަންޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ. އެގޮތުން ފުލުހުންގެ މަސައްކަތް އިތުރަށް ވަރުގަދަކޮށް ވަރަށް ވަރުގަދަ ތަހުގީގެއް ހިންގަން ޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިފައިވާ ކަމަށާއި އަދި އަމަލީ ގޮތުން ބައިވެރިވި މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި ކުށް ސާބިތުވާ މިންވަރުގެ ހެކި ލިބިފައިވޭތޯ ޕީޖީ އޮފީހުން ވަރަށް ރަނގަޅަށް ބަލައި، ކަށަވަރު ކުރަމުންދާ ކަމަށް ވެސްއައްބާސް ވިދާޅުވިއެވެ.

ބޮމުގެ ހަމަލާގެ ޝަރީއަތާ ގުޅޭ ގޮތުން އައްބާސް ވިދާޅުވީ، ޝަރީއަތްތައް ލަސްވެފައި ވާތީ އެއީ ކަންބޮޑުވެވަޑާއިގަންނަވާ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމާ މެދު އޮންނަ އިތުބާރާ މެދު ސުވާލު އުފެދޭނެ ކަމަށެވެ. އެހެންކަމުން އެކަންކަން އުއްތަމަ ފަނޑިޔާރާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށް އައްބާސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ މެއި މަހު ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް، ރިމޯޓެއް ބޭނުން ކޮށްގެން އެ އައިއީޑީ ގޮއްވާލީ އަދުހަމް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފްވެފައެވެ. އަދި އޭނާއަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

މި މައްސަލައިގައި މިހާރު ދައުލަތުން ދައުވާ ކުރަނީ ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ. މި މީހުންގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށް ދާ އިރު ތަސްލީމާއި އަލިމަނިކުގެ ކުށް ސާބިތުވުމާ މެދު ގޮތެއް ނިންމުން އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހަށް ވަނީ ތާވަލް ކޮށްފައެވެ.