މީގެ އަހަރެއް ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން، ނަޝީދަށް އިންސާފު ހޯދައިދިނުމަށްޓަކައި ސާބިތުކަމާއެކު ސަރުކާރުން ދެމި އޮންނާނެ ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ މޭ 6 ގައި ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލައާ ގުޅިގެން ކުރެއްވި ޓްވީޓްގައި ރައީސް ވަނީ، މީގެ އެއް އަހަރު ކުރިން ދިން އެ ހަމަލައަކީ މި ސުލްހަވެރި މުޖުތަމައު ސިއްސުވާލި ހަމަލާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ނަޝީދު ސަލާމަތްވެ ވަޑައިގެންފައިވާތީ ﷲ ތައާލާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ނަޝީދަށް އިންސާފު ހޯދައިދީ، އެކަމުގެ ފަހަތުގައި ތިބި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކަމަށެވެ.

ނަޝީދަށް ހަމަލަދިން މީހުންގެ ޝަރީއަތް ލަސްވުމުން މަޖިލީހުގެ ކަންބޮޑުވުން

ނަޝީދަށް ހަމަލަދިން މީހުންގެ ޝަރީއަތް ލަސްވުމުން، މަޖިލީހުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މަޖިލީހުން ބުނެފައިވަނީ ނަޝީދަށް ހަމަލަދިން މީހުންގެ ތެރެއިން ޝަރީއަތް ނިމުނީ އެންމެ މީހެއްގެ ކަމަށާއި، ބާކީ ތިބި އަށް މީހުންގެ ޝަރީއަތްވެސް އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިވާ ކަމަށެވެ. އެހެންވެ، އެމަނިކުފާނުގެ ޒިންމާތައް އަދާކުރެއްވުމަށާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ހައްގަށް ހުރަސް އެޅިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އެހެންކަމުން، އެ ޓެރަރިސްޓު ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް ތަހްގީގު ކުރުމުގެ މުހިންމުކަން މި ހިނދުގައި ފާހަގަކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

ހަމަ އެއާއެކު، އެއީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް ދިން އެފަދަ ބޮޑު އެއް ހަމަލާގެ ގޮތުގައި މަޖިލިހުން ވަނީ ސިފަކޮށްފައެވެ. މަޖިލިހުން ވަނީ އެފަދަ ހަމަލަތައް ތަހްގީގުކޮށް، ޝަރީއަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ އާންމުންގެ ސަލާމަތަށްޓަކައި ކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ނަޝީދަށް ހަމަލަދިން މީހުންގެ ތަހްގީގު ފުރިހަމަކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައި

ނަޝީދަށް ދިން ހަމަލާގެ ތަހްގީގް ފުރިހަމަކުރުމަށް ގޮވާލައި އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެމަނިކުފާނަށް ދިން ހަމަލައަށް ފަހު ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށެވެ. އެ ފިޔަވަޅުތަކަށް އިދިކޮޅުން ކިޔަމުންދާ ފާޑުކިއުންތަކަކީ ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ކުރަމުންދާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ސިފަކޮށްފައެވެ.

އެމްޑީޕީން ބުނި ގޮތުގައި ނަޝީދު އަވަހާރަކޮށްލުމަށް ހަމަލަދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ އަދުއްވެއްގެ ގޮތުގައި ސިފަކޮށް، ހައްދުފަހަނަ އެޅި ބައެއް ކަން ތަހްގީގަށް އެނގިފައިވާއިރު، އެފަދަ ވިސްނުންތަކާއި ފިކުރުތައް ނައްތާލުމަށްޓަކައި ދައުލަތުން ހާއްސަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.

އަދި އެ ޕާޓީން ވަނީ އެ މައްސަލައިގެ ތަހްގީގު ފުރިހަމަކުރުމަށާއި، ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ގޮވާލައިފައެވެ. އަދި އެ ހަމަލައަށް ފަންޑުކުރި މީހުން އަދިވެސް ހޯދިފައި ނުވާތީވެ، އެ ޕާޓީން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

"އަދި އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހްގީގު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް މިޕާޓީން އިލްތިމާސް ކުރަމެވެ." އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ އިތުރުން، ނަޝީދުގެ އާއިލާއިންވެސް ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައަށް އެއް އަހަރު ފުރުނު އިރުވެސް، އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތްތައް ދިގުލައިގެން ދާތީ، ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ނަޝީދުގެ އާއިލާއިން ވަނީ ހަމަލާ ދިނުމަށް ފައިސާ ހަރަދު ކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ ތަހްގީގެއް ހިންގުމަށް އެދިފައެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދުގެ ގެކޮޅުން ނުކުމެވަޑައިގެން، މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވަނިކޮށް އައިއީޑީ ގޮއްވާލި ހާދިސާގައި އެމަނިކުފާނުގެ ފުރާނަފުޅަށް ވަނީ ނުރައްކާވެފައެވެ.

އެ ދުވަހު ދިން ހަމަލާއަށް ފަހު ނަޝީދަށް ފުރަތަމަ ފަރުވާކުރީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެ މަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ވަގުތުން ކުރަން ޖެހުނު ގިނަ އޮޕަރޭޝަންތައްް އެ ހޮސްޕިޓަލްގައި ކުރުމަށް ފަހު އިތުުރު ފަރުވާއަށް ވަޑައިގަތީ ޖަރުނަމަށާއި އިނގިރޭސިވިލާތަށެވެ.