ފިތުރު އީދު ދުވަހު ހެނދުނު މަޖިދީމަގާއި ޖަނަވަރީމަގު ގުޅޭ ސަރަހައްދުގައި ހިންގި މާރާމާރީ އާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މާރާމާރީ ހިންގާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އެ ދުވަހުގެ ހެނދުނު 9:17 ހާއިރެވެ.

އެ މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވާއިރު، އެ މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކު ޒަހަމްވެފައިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގައި ތިބި ބައެއް އާންމުންނާއި ފުލުހުން ވަނީ ޒަހަމްވި މީހާ ޕިކަޕަކަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން މިއަދު ބުނި ގޮތުގައި އެ މާރާމާރީ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ:

  • ހަސަން ޒިޔާން އިބްރާހީމް، އުނިމާގެ / ގދ. ވާދޫ (18އ)
  • 15 އަހަރުގެ ކުޑަކުއްޖެއް

އެ ދެ މީހުންގެ ތެރެއިން ޒިޔާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި 15 އަހަރުގެ ކުއްޖާ ޖުވެނައިލް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް ދީފައިވަނީ ހަތް ދުވަހެވެ.

އެ ދެ މީހުންގެ އިތުރުން އެ މައްސަލާގައި ހިމެނޭ އިތުރު ހަތް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މިއަދު އެ މީހުންގެ ވަނަވަރު އާންމުކޮށްފައެވެ.

އެ މައްސަލަ ބަލަމުން ދާ ކަމަށް ފުލުހުން ބުންޏެވެ.

އެ މާރާމާރީގެ އިތުރުން، ފިތުރު އީދު ދުވަހުގެރޭ ފަތިހުވެސް މާރާމާރީއެއް ހިންގައި ދެ މީހަކު ޒަހަމްކޮށްލާފައި ވެއެވެ. އަދި ހުޅުމާލޭގައި ރޭ އިތުރު ދެ މާރާމާރީއެއް ހިންގާފައި ވެއެވެ. އެ ދެ މާރާމާރީ އާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.