ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނަށް އިންޒާރު ދިން މައްސަލަ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ، ހޯމަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާ ހިއްސާކޮށްފައި ނުވާ ކަމަށް، މިއަދު އެ ކޯލިޝަނުން ބުނެފައި ވަނިކޮށެވެ.
ޔާމީން "ސައިޒު" ކުރާނެ ކަމަށް ބުނެ، އެމަނިކުފާނަށް އިންޒާރު ދީފައި ވަނީ "މޯލްޑިވްސް ޔޫތު ފޯސް"ގެ ނަމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ނިސްބަތްވާ މެންބަރެއް ކަމަށްވާ ހުސައިން ސައީދު މިދިޔަ އާދީއްތަ ދުވަހު އާންމުކުރި ވީޑިއޯއެއްގައެވެ.
އޭނާ އާންމުކުރި ވީޑިއޯގައި ބުނެފައިވަނީ ރާއްޖެ އިނދަޖައްސާލަން ޔާމީން އެބަ މަސައްކަތް ކުރައްވާ ކަމަށާއި، އެމްއެންޑީއެފުް ތިބީ އިންޑިއާގެ ދަށުވެފައި ކަމަށް ވިދާޅުވެ، އެމަނިކުފާނު ހެއްދެވީ އިތުރުފުޅު ކަމަށެވެ. އޭނާ އިތުރަށް ބުނީ މޯލްޑިވްސް ޔޫތު ފޯސްގެ ނަމުގައި މި ނިކުންނަނީ ޔާމީން ސައިޒް ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެންނަކީ މޯލްޑިވްސް ޔޫތު ފޯސް. އަޅުގަނޑުމެން މި ނުކުންނަނީ އޭނާ (ޔާމީން) "ސައިޒް" ކުރަން." އެ ވީޑިއޯގައި އޭނާ ބުނެފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވުމުގެ އިތުރުން، އެޗްއާރުސީއެމަށާއި ޑިފެންސް މިނިސްޓްރީ އަށް، އަދި 241 ކޮމިޓީއަށްވެސް އިދިކޮޅުން ވަނީ އެ މައްސަލަ ހުށަހަޅައިފައެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ޔާމީނަށް އިންޒާރު ދިން މައްސަލަ ބަލަމުންދާ ކަން އެ ކޯލިޝަނަށް ނޭނގޭ ކަމަށާއި، ފުލުހުން ވަކި ޖަވާބެއް ދީފައިނުވާ ކަމަށެވެ.
ހަމަ އެހެންމެ، ޔާމީނަށް އިންޒާރު ދިނީ އިންޑިއާގެ ހައިކޮމިޝަނާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން ކަމަށް ވާތީ، އެމަނިކުފާނަށް އިންޒާރު ދިން ސައީދު ފުރުވާލުމަކީ ފަސޭހަ ކަމެއް ކަމަށްވެސް އެ މެސެޖުގައިވެއެވެ. އިދިކޮޅުން މިހެން ބުނެފައިވާއިރު، ސައީދު ވަނީ މިއަދު އިންޑިއާ އަށް ފުރައިފައެވެ.
އެ މެސެޖުގައި ޕީޕީއެމުން ވަނީ ޔާމީނަށް އިންޒާރު ދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެފަދަ މައްސަލަތަކާ ގުޅިގެން ހަމަހަމަކަން އިސްކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ބަލައިދިނުމަށް އެދި އިދިކޮޅުން މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ސިޓީއަކުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ އިތުރުން އަންގާރަ ދުވަހު ފޭސްބުކްގައި ކުރި ޕޯސްޓެއްގެ މައްސަލަވެސް އިދިކޮޅުން ސިޓީއަކުން ހުށަހަޅާފައިވާ ކަމަށާއި، އެ ސިޓީތަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ޔާމީން ސައިޒް ކުރާނެ ކަމަށް ބުނެ، އާންމު ކުރި ވީޑިއޯ އާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް ކުރިއަށްދާ ގޮތް އެނގިވަޑައި ނުގަންނަވާތީވެ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ޔާމީނަށް އިންޒާރު ދީފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އިސްވެ ހުންނަވައި ސަރުކާރުގެ އަޑީގައި އޮންނަވައެވެ.
މީގެ ކުރިންވެސް ޔާމީނަށް އިންޒާރު ދިން މައްސަލައެއް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަ ބަލާފައިނުވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެއެވެ.