ރޭގެ ވަގުތެއްގައި އައިޖީއެމްއެޗްއަށް ގެންދިޔައިރު މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ރޭ އިރާކޮޅު މާފަންނު މުރަނގަ މަގު ބީޖީ ގަރާޖް ސަރަހައްދުގައި ވެއްޓިފައި އޮއްވައި އައިޖީއެމްއެޗަށް ގެންދިޔަ މީހާއަކީ ކާކުކަން މިހާރު ވަނީ ދެނެގަނެވިފައިވާ ކަމަށާއި އެ މީހާއަކީ 58 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާގެ އާއިލާގެ އެއްބާރުލުން ފުލުހުންނަށް ލިބެމުން އަންނަ ކަމަށެވެ.

ފުލުހުން ރޭ ވަނީ އެ މީހާއަކީ ކާކުކަން ދެނެގަތުމަށް އާންމުގެ އެހީއަށްވެސް އެދިފައެވެ. އެގޮތުން ފުލުހުން ބުނީ އެ މީހަކީ ގާތްގަނޑަކަށް 5 ފޫޓް 6 އިންޗި ހުރި އުމުރުން 50 އަހަރާއި 60 އަހަރާ ދެމެދުގެ އުމުރެއްގެ ފިރިހެނެއް ކަމަށާއި އެ މީހާ ލައިގެން ހުރީ މަޑު މުށި ކުލައަކަށްދާ ޓީޝާޓަކާއި ނޫކުލައިގެ ޓްރަކް ޝޫޓެއް ކަމަށެވެ. އަދި އެމީހާއަކީ ތުނބުޅިއެއް ހުރި، އާދައިގެ ވަރަކަށް ތުނިކޮށް ބޯކޮށާފައިވާ އިސްތަށި އެއްކޮށް ނުރަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މި މައުލޫމާތު އާންމުކޮށް އާންމުންގެ އެހީއަށް އެދުނީ، އެމީހާ އާ ބެހޭ ގޮތުން މީޑިއާގައި ރިޕޯޓުކޮށް އޭނާ ދެނެގަތުމަށް އާންމުންގެ އެހީއަށް އެދި އިއުލާން ނުކުރާ ކަމަށް ބުނެފައި ވަނިކޮށެވެ.