އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު އެންމެ ފުރިހަމައަށް ލިބިދީފައިވާ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމު ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހިތާބުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖެއަކީ އޭޝިއާގެ ގައުމުތަކަށް ބެލި ކަމުގައިވިޔަސް، ނޫސްވެރިކަމުގެ މިނިވަންކަން ލިބިދީފައިވާ މަދު ގައުމުތަކުގެ ތެރޭ ހިމެނޭ އެއް ގައުމު ކަމަށާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން އެންމެ ފުރިހަމައަށް ލިބިދީފައިވާ ގައުމު ކަމަށެވެ.

އެ ހިތާބުގައި ރައީސް ވަނީ މިނިވަން ނޫސްވެރިކަމަށް ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. ހަމަ އެއާއެކު، ދައުލަތުގެ ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަންކަން ފަހިކޮށްދީފައި އޮތުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައިވެއެވެ. އަދި މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން އެކަން ކަށަވަރުވާ ކަމަށާއި، މިއަދު ފެންނަ ނަތީޖާ އާ މެދު އުފާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަގީގަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރު."
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

"ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ބޮޑު ޒިންމާއެއް އެޅިފައިވާކަން ހަނދާނުގައި ބަހައްޓަން ޖެހޭ"

ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަން ހިފެހެއްޓުމެއް ނެތް ގޮތަށް އޮތް ނަމަވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވަނީ ބޮޑު ޒިންމާއެކެވެ. އެއާއެކު، ރައީސް ވަނީ ނޫސްވެރިންގެ ކިބައިން ދެ ކަމަކަށް އިލްތިމާސް ކުރައްވާފައެވެ. އެ ކަންކަމަކީ:

  • ހަގީގަތާއި ތެދު މައުލޫމާތު ހާމަކުރުން
  • އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ހައްގު ހިމާޔަތް ކޮށްދިނުން
  • ގައުމީ ބޮޑެތި މައްސަލަތަކާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުުރުން
  • ގައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުން
ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ / ފައިލް ފޮޓޯ

އެމަނިކުފާނު ވިދާޅުވީ، ނޫސްވެރިން ދޮގު މައުލޫމާތު ފަތުރައި، އަނެކުންގެ އަބުރަށް އަރައިގަތުން ފަދަ ކަންކަން ކުރުމަކީ އެއްވެސް މުޖުތަމައެއް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

އެއާއެކު ރައީސް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާ މެދު އާންމުން ހޭލުންތެރި ކުރުވުމަށް ނޫސްވެރިން ކުރި މަސައްކަތް ފާހަގަ ކުރައްވައިފައެވެ. އެފަދަ އިތުރު ކަންކަމުގައިވެސް ނޫސްވެރިންގެ ފަރާތުން އެހީތެރިކަން ލިބިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުުވިއެވެ.

އޭގެ އިތުރުން، ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

"ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތް ކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަން ކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުސަތުގައި ޔަގީން ކޮށް އަރުވަން،" ރައީސް ވިދާޅުވިއެވެ.