ޒިންމާދާރު ކަމާ އެކު ހަބަރާއި މައުލޫމާތު ފެތުރުމުގައި "ދަ ޕްރެސް" ގެ ޓީމުން މިއަދަށް 4 އަހަރު ފުރިހަމަ ކޮށްފިއެވެ. މިއަދަކީ ވޯލްޑް ޕްރެސް ފްރީޑަމް ޑޭ އަށް ވުމުގެ އިތުރުން "ދަ ޕްރެސް" ގެ އަހަރީ ދުވަސްވެސް މެއެވެ.
ނޫހެއްގެ ގޮތުގައި "ދަ ޕްރެސް" މެއި 3، 2018 ގައި ވުޖޫދު ކުރެވިގެން، އެޖެންޑާ ސެޓް ކުރުމުގައި މިއަދާ ހަމައަށް ގިނަ މަސައްކަތްތަކެއް ކޮށް ގިނަ ދާއިރާތަކުން ހަބަރާއި މައުލޫމާތު ވާނީ ގެނެސްދެވިފައެވެ. އިޖުތިމާއީ އެތައް މައްސަލަތަކެއް ފެންމަތި ކޮށް، ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވި، ގިނަ ކަންކަން ހައްލު ކުރުމުމަށް މަގުފައި ވުމުގެ އިތުރުން، ކޮރަޕްޝަނާއި ފަސާދައާއި ގުޅުން ހުރި އެތައް ވާހަކަތަކެއް ގެނެސްދެވިފައި ވާނެއެވެ. އަދި ސިޔާސީ ދާއިރާގެ އަޑުތައް މިސްރާބު ކުރުމުގައި މިއަދާ ހަމައަށް އަދާކުރެވުނު ދައުރު ކުރިއަށް އޮތް ތަނުގައި އިތުރަށް ފުޅާ ކުރާނެ ވާހަކަ މިފުރުސަތުގައި ކިޔުންތެރިންނަށް ދަންނަވަމެވެ.
"ދަ ޕްރެސް" ގެ އުމުރުން ޅަޔަސް، "ދަ ޕްރެސް" ގެ ޓީމަކީ ޒިންމާދާރު ކަމާއެކު ނޫސްވެރިކަން ކުރާ ހީވާގި ޓީމެކެވެ. ކުރިއަށް އޮތް ތަނުގައި "ދަ ޕްރެސް" ގެ ކޮންޓެންޓް އިތުރަށް ފުޅާ ކޮށް، އިތުރަށް ވަރުގަދަ ކުރާނެ ވާހަކަވެސް ދަންނަވަމެވެ.
އެހެން ދާއިރާތަކެކޭ އެއްގޮތަށް "ދަ ޕްރެސް"ގެ ވެސް އެންމެ ބޮޑު ދިރުމަކީ ކިޔުންތެރިންނާއި، އެކިއެކި ގޮތް ގޮތުން "ދަ ޕްރެސް" އަށް އެހީތެރިކަން ފޯރުކޮށްދޭ ނުވަތަ ކޮންޓްރިބިޔުޓު ކޮށްދޭ ފަރާތްތަކާއި، "ދަ ޕްރެސް" ގެ ޕާޓުނަރުންނެވެ. "ދަ ޕްރެސް" ފެށުނީއްސުރެ މިއަދާ ހަމައަށް ދެމިތިބި ހުރިހާ ޕާޓުނަރުން ނުވަތަ ސްޕޮންސަރުންނަށާއި، ކިޔުންތެރިންނަށް މިފުރުސަތުގައި ދޭ ޔަގީން ކަމަކީ، "ދަ ޕްރެސް" އަށް ތިޔަބޭފުޅުން ކުރައްވާ އިތުބާރު އަޅުގަނޑުމެން ދަމަހައްޓާނެ ކަމާއި، އިތުރު ހަރުފަތަކަށް ގެންދާނެ ކަމުގެ ޔަގީން ކަމެވެ. އަޅުގަނޑުމެންނާއެކު ތިއްބެވީތީ ހުރިހާ ބޭފުޅުންނަށް "ޝުކުރިއްޔާ" އެވެ.