ކުރިއަރަމުން އަންނަ އަދުގެ ޓެކްނޮލޮޖީގެ ދުނިޔޭގައި، ނޫސްވެރިކަމާއި ނޫސްވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ދަރަޖައަށް ޑިޖިޓަލް ވިއުގަ ތަރައްގީ ކޮށްދިނުމަށް، ތައުލީމާއި ސައެންސް އަދި ސަގާފަތާ ބެހޭ އދގެ ޖަމިއްޔާ (ޔުނެސްކޯ)ގެ ޑައިރެކްޓާ ޖެނެރަލް އޯޑްރޭ އަޒޫލޭ ގޮވާލައްވައިފިއެވެ.

އަޒޫލޭ މިކަމަށް ގޮވާލެއްވީ، ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަ ކުރަމުން ދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖުގައެވެ.

ކަންކަން ދިރާސާކޮށް، ތަހުގީގުކޮށް، މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އަދާ ކުރަމުން ދަނީ މުހިންމު ދައުރެއް ކަމަށާ، ބިނާ ކުރަނިވި ނިންމުންތަކެއް ނިންމުމަށް ރައްޔިތުންނަށް އެހީތެރިކަން ކަށަވަރުކޮށްދޭ ބަޔަކީވެސް ނޫސްވެރިންކަން ފާހަގަ ކުރައްވަމުން އަޒޫލޭ ވަނީ، ނޫސްވެރިކަމަކީ "އާންމު މުދަލެއް"ގެ ގޮތުގައި ސިފަ ކުރައްވާ، އެކަމަކީ ދިފާއުކޮށް ރައްކާތެރިކޮށްދީ، އަދި އެކަމަށް އެއްބާރުލުންވެސް ދޭންޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ޔުނެސްކޯއިން އެކުލަވާފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ރިޕޯޓް 2021/2022 އަށް ބަލާއިރު، ފާއިތުވީ 5 އަހަރު ދުވަހުގެ މުއްދަތަކުގައި ދުނިޔޭގެ އާބާދީގެ ކޮންމެ 6 މީހަކުން 5 މީހަކު ދިރިއުޅެފައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން ހީނަރުވަމުން ދިޔަ ގައުމެއްގައި ކަން އަޒޫލޭ ވަނީ ފާހަގަ ކުރައްވާފައެވެ. ނޫސްވެރިންގެ ވަޒީފާ އަދާ ކުރުމުގެ ނަތީޖާއެއްގެ ގޮތުން، ހަމަ އެ މުއްދަތުގެ ތެރޭގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 400 ނޫސްވެރިއެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ރިޕޯޓް ބުނެއެވެ. ފާއިތުވީ 5 އަހަރުގެ މުއްދަތުގައި ދިވެހިރާއްޖޭގައިވެސް އެފަދަ ހާދިސާއެއް ހިނގާފައި ވާ ކަން، ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން، މައުލޫމާތު ހިއްސާ ކުރުމުގައި އިންތިހާ ކުރިއެރުންތައް ލިބުނު ކަމުގައި ވީ ނަމަވެސް، އެ ތަރައްގީ އައީ އާ ގޮންޖެހުންތަކަކާވެސް އެކުގައި ކަން އަޒޫލޭ ވަނީ ފާހަގަ ކުރައްވާފައެވެ. އޮންލައިން ޕްލެޓްފޯމްތައް ތައާރަފު ވަމުން ދިޔަ ވަރަކަށް، ނޫސްވެރިކަމުގެ ހަގީގީ އަގު ހިފަހައްޓަން ދަތިވެ، ވިޔަފާރި އުސޫލު ތައާރަފު ވެގެން އަންނަ ކަން ޔުނެސްކޯގެ އިސްވެރިޔާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަ އެއާއެކު ޑިޖިޓަލް ދުނިޔޭގައި، ނޫސްވެރި އިދާރާތަކާއި ނޫސްވެރިންނަށް ހަމަލާ އަމާޒުކޮށް، ފުރައްސާ ކުރުމާއި، މައުލޫމާތު ހޯދުމާއި، ފާރަލުމާއި ޑިޖިޓަލް ސާވޭލަންސްގެ ނުރައްކާވެސް އިންތިހާއަށް ބޮޑުވެފައި ވާ ކަން އަޒޫލޭ ފާހަގަ ކުރެއްވިއެވެ. ޑިޖިޓަލް ވިއުގާގެ ތެރެއިން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ވިލަރެސް ކުރުމާއި ޖަވާބުދާރީ ކުރުވުން މަދުވި ނަމަވެސް، ހަމަލާ އަމާޒު ކުރާ ފަރާތްތަކުން އެކަން ކުރަމުން ދަނީ ނިޝާނެއްވެސް ނުފެންނަ ބީދައިންކަމަށް އަޒޫލޭ ވިދާޅުވިއެވެ.

މިއީ ނިމުން ގެންނަން ޖެހޭ ކަމެއް ކަމަށާ، ނޫސްވެރިންގެ މިނިވަންކަމާއި ސިއްރު ހިފެހެއްޓުމާއި، ރައްކާތެރިކަމަށް ޓެކްނޮލޮޖީ ތަރައްގީ ކުރަންޖެހޭ ކަމަށާ، ނަފުރަތު އުފައްދަނިވި ވާހަކަތަކުން ސަލާމަތް ހޯދާދީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް އަޒޫލޭ ވަނީ ގޮވާލައްވާފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި މެއި 3 ވަނަ ދުވަސް ފާހަގަ ކުރުމަށް އދގެ އާންމު މަޖިލީހުން ކަނޑައެޅީ ޑިސެމްބަރު 1993 ގައެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މިއަހަރުގެ ޝިއާރެއް ކަމުގައި ކަނޑައަޅާފައި ވަނީ، "ޖާނަލިޒަމް އަންޑާ ޑިޖިޓަލް ސީޖް" ނުވަތަ "ނޫސްވެރިކަން، ޑިޖިޓަލް ހިސޯރެއްގައި" މިޝިއާރެވެ.