މިއަދު މާލޭގައި ދެ މާރާމާރީއެއް ހިންގައި ތޫނު އެއްޗިހިން ހަމަލަދީ ހަތަރު މީހަކު ޒަހަމްކޮށްލައިފިއެވެ.

އެ ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީ ހިންގާފައި ވަނީ ފަތިހުގެ ވަގުތެއްގައި މާވެޔޮ މިސްކިތް ކައިރީގައެވެ. އެ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ފަތިހު 5:48 ހާއިރު ކަމަށާއި، އެ މާރާމާރީގައި 23 އަހަރުގެ ދެ ފިރިހެނުން ޒަހަމްވެފައި ވާއިރު، އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ

ދެވަނަ މާރާމާރީ ހިންގާފައި ވަނީ މަޖީދީމަގާއި ޖަނަވަރީ މަގު ގުޅޭ ހިސާބުންނެވެ. އެ މާރާމާރީ ހިންގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 9:17 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެ މާރާމާރީގައިވެސް ދެ މީހަކު ޒަހަމްކޮށްލާފައި ވާއިރު، ފުލުހުން ބުނީ އެ ދެ މީހުންނަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށެވެ.

މިއަދު ހެނދުނު ހިންގި މާރާމާރީގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ މާރާމާރީގައި ޒަހަމްވި ދެ މީހުންގެ ތެރެއިން އެކަކު ޒަހަމްވެފައިވާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގައި ތިބި ބައެއް އާންމުންނާއި ފުލުހުން ވަނީ ޒަހަމްވި މީހާ ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެ ދެ މާރާމާރީ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.