މީގެ 8 އަހަރު ކުރިން، ޣައްޒާގެ ގޮނޑުދޮށުގައި ކުޅެން ތިއްބާ، އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި މަރުވި ފަލަސްތީނުގެ ކުޑަ، 4 ކުދިން މަރާލާފައި ވަނީ ލާއިންސާނީ ގޮތަކަށް ކަމަށް ބުނެ، އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި އިޒްރޭލުގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން އިންކާރު ކުރުމުން، އެ ކުދިންގެ އާއިލާތަކުން އިޒްރޭލުގެ ނިންމުން ކުށްވެރި ކޮށްފިއެވެ.

ބަކްރު އާއިލާއަށް ނިސްބަތްވާ މުޙައްމަދު،12، ޒަކަރިއްޔާ،10، އިސްމާއީލް،10 އަދި އާހިދު 11، މަރުވީ 2014 ވަނަ އަހަރު އިޒްރޭލާއި ޣައްޒާއާ ދެމެދު ކުރި ހަނގުރާމައިގެ ތެރޭގައެވެ. އިޒްރޭލުގެ ވައިގެ ހަމަލާ އަމާޒުވިއިރު އެ ކުދިން ތިބީ ޣައްޒާގެ ގޮނޑުދޮށުގައި ފުޓުބޯޅަ ކުޅެން ކަމަށް މައުލޫމާތު ލިބެއެވެ.

އިޒްރޭލުގެ ސުޕްރީމް ކޯޓުން ވަނީ، ދަށު ކޯޓުތަކުގެ ނިންމުން ދަމަހައްޓާފައެވެ. ދަށު ކޯޓުތަކުންވަނީ އެ ކުދިން "މަރާލެވުނީ ހެދުނު ގޯހަކުން" ކަމަށް ކަނޑައަޅާފައެވެ.

މަރުވި ކުދިންގެ ތެރެއިން ކުއްޖެއްގެ ބައްޕަ ކަމަށް ވާ މުޙައްމަދު،60، ބުނީ އިޒްރޭލުގެ ކޯޓުގެ ނިންމުމާ މެދު ހައިރާން ނުވާ ކަމަށެވެ. އިޒްރޭލުގެ އިސްތިއުމާރުގެ ދަށުގައި ޖަރީމާ ހިންގުމަށް ފަހު އެކަމަށް އިންކާރު ކުރުމަކީ އާންމު ދިރިއުޅުމުގައި ހިނގާ ކަމެއް ކަމަށް އޭނާ ބުނެއެވެ. ކުދިންގެ ހައްގުތަކުގެ ވާހަކަ މުޅި ދުނިޔެއިން ދައްކާ އިރު، ފަލަސްތީނު ކުދިންގެ ހައްގު ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

2014 ވަނަ އަހަރު އިޒްރޭލުން މަރާލި ކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެއްގެ ބައްޕަ ކަމަށް ވާ މުޙައްމަދު، އޭނާގެ ދަރިފުޅު މަރުވި ދުވަހު ހިތާމަ ފާޅު ކުރަނީ / ފޮޓޯ: އަލްޖަޒީރާ

ފަލަސްތީނުގެ ކުދިންގެ މެރުމަކީ އިޒްރޭލުގެ ނިއްކުރީގައި ޖެހިފައި ވާ ލައްގަނޑެއް ކަމަށް ސިފަ ކުރަމުން މުޙައްމަދު ވަނީ އިޒްރޭލަކީ ހަނގުރާމައިގެ ޒަމާނީ އާލާތްތައް ހުރި ތަނެއް ކަމަށާ، މަރާލެވެން އުޅެނީ ކުޑަ ކުދިން ކަން ކަށަވަރު ނުކުރެވޭނެ ތޯވެސް ސުވާލު ކޮށްފައެވެ. އަދި މިއީ ހަނގުރާމައިގެ ޖަރީމާ ކަމުގައި ނުވާނަމަ، ހަނގުރާމައިގެ ޖަރީމާއަކީ ކޮބައިތޯވެސް އޭނާ ވަނީ ސުވާލު ކޮށްފައެވެ.

ޖުލައި 8، 2014 އިން އޯގަސްޓް 26، 2014 އަށ އިޒްރޭލާއި ޣައްޒާއާއި ދެމެދު ކުރި ހަނގުރާމާގައި 2251 މީހެއްގެ ފުރާނަ ގެއްލުނުއިރު އޭގެ ތެރޭގައި ގިނައީ އާންމު ރައްޔިތުންނެވެ. މަރުވި އާންމުންގެ ތެރޭގައި 299 އަންހެނުންނާއި 551 ކުޑަކުދިން ހިމެނެއެވެ. އިޒްރާލާ ވީ ފަޅިން މަރުވީ އަސްކަރިއްޔާ 66 ސިފައިންނާއި އާންމުންގެ 6 މީހެކެވެ.