ފާއިތުވީ ގަރުނަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައިވެސް ތަޖުރިބާ ކުރަން ޖެހިފައި ނުވާ މިންވަރަކަށް އިންޑިއާގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން އެ ގައުމުގެ ގޮދަނުގެ ދަނޑުވެރިކަން ހީނަރުވެ، ދާހިލީ ބޭނުންތައް ފޫބެއްދުމާއި، ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ސަޕްލައިން އުނިވެފައި ވާ ބައި ފޫބެއްދުމަށް އިންޑިއާއިން ކަނޑައެޅި އެކްސްޕޯޓް އަމާޒަށް ވާސިލުވެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ބަލާއިރު ކުނި ޖަމާކުރާ ބިންތަކުގައި ވަނީ ރޯވެފައެވެ. އިރުމަތީ އޮރިއްސާ ސްޓޭޓްގެ ސްކޫލްތައް ބަންދުކުރިތާ ހަފުތާއެއް ވެއްޖެއެވެ. ވެސްޓް ބެންގާލްގެ ސްކޫލްތަކުން ދަނީ ދަރިވަރުންގެ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމުގެ ގޮތުން ލޮނުޕެކެޓް ފަދަ ބުއިންތައް ޖަމާ ކުރަމުންނެވެ.

އިންޑިއާގެ މެދުތެރޭގެ ސިޓީއެއް ކަމަށް ވާ ރާޖަގަރްގެ ފިނިހޫނުމިން، މިދިޔަ އަންގާރަ ދުވަހު 45.6 ޑިގްރީ ސެލްސިއަސްއަށް ވަނީ އުފުލިފައެވެ. ފިނިހޫނު މިން، 45 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް އެރި ސިޓީތަކުގެ އަދަދު 9 އަށް އަރައެވެ. ނަމަވެސް އިންޑިއާގެ ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އަސަރު ފޯރީ މިދިޔަ މާޗް މަހު ހޫނުގަދަވުމުގެ ސަބަބުން ކަމަށް މައުލޫމާތު ލިބެއެވެ.

ގޮދަން ހެއްދުމުގެ މަސައްކަތުގައި އިންޑިއާގެ ޒުވާނުންތަކެއް ހަރަކާތްތެރިވަނީ / ފޮޓޯ: ދަ ހިންދޫ

ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ތެރެއިން ގޮދަނަކީ ހޫނަށް ވަރަށް ސަމާލުކަން ދީގެން ހައްދަންޖެހޭ ބާވަތެކެވެ. ވަކިން ހާއްސަކޮށް ގޮދަން ކަނޑާ މޫސުމުގައެވެ. އިންޑިއާގައި ގޮދަން ހައްދާ ފަރާތްތަކުން، ގޮދަން ކަނޑާ ދުވަސްވަރު އާންމުކޮށް ދިމާ ކުރަނީ، އެ ގައުމުގެ މޫސުން ފިނިވެގެންދާ މޫސުމަށެވެ. ނަމަވެސް މޫސުމީ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، އިންޑިއާގެ ފިނިހޫނުމިން މަތިންވުން ވަނީ އޭގެ އިންތިހާ ދަރަޖައަށެވެ. ދަނޑުބިންތައް ހަލާކުވެގެން ދިޔައީ ދަނޑުވެރިންގެ ލޯ ކުރިމަތީގައެވެ.

ސަރުކާރުގެ އަންދާޒާތަކަށް ބަލާއިރު މި އަހަރު ދަނޑުބިންތަކުގެ އުފެއްދުންތައް ލިބޭނީ 25 ޕަސެންޓް މަދުންނެވެ. ގޮދަނަށް ވަކިން ބަލާއިރު 2021 ވަނަ އަހަރު 43 މިލިއަން މެޓްރިކް ޓަނުގެ ގޮދަން، ގަނެވިއްކުމުގައި ބޭނުން ކޮށްފައި ވާ އިރު، މިއަހަރު ލިބޭނެ ކަމަށް ލަފާ ކުރަނީ 20 ޕަސެންޓް ނުވަތަ 50 ޕަސެންޓް މަދު މިންވަރެކެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު އިންޑިއާއަކީ 2 ވަނައަށް އެންމެ ގިނަ އަދަދަކަށް ގޮދަން ހައްދާ ގައުމު ކަމުގައި ވީ ނަމަވެސް، އިންޑިއާއިން އެކްސްޕޯޓް ކުރަނީ އޭގެ ތެރެއިން ކުޑަ މިންވަރެކެވެ. ނަމަވެސް އިންޑިއާއިން ދާދި ފަހުން ވަނީ، ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ގޮދަނުގެ ސަޕްލައިން އުނިވާ ބައި ފޫބެއްދުމަށް އަމާޒު ހިފާ، ވިލާތާއި އެފްރިކާ އަދި އޭޝިއާއިން އިތުރު ބާޒާރުތައް ހޯދަން ފަށާފައެވެ.

އިންޑިއާގެ ހާލަތު އެފަދަ ގޮތަކަށް ހުރިއިރު، ދުނިޔޭގެ އެހެން ގައުމުތަކަށްވެސް ވަނީ ދަނޑުވެރި އުފެއްދުންތަކުގެ ހީނަރުކަމާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ޗައިނާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ވަނީ، މިއަހަރުގެ ފިނި މޫސުމުގައި ޗައިނާގެ ގޮދަނުގެ ދަނޑުވެރިކަން، މާ ކާމިޔާބު ނޫން ކަމަށް ހާމަ ކުރައްވާފައެވެ.