ޗައިނާއިން ގަސްތުގައި މަޝްރޫއުތަކުގެ އަގުބޮޑުކޮށްފައިވާ ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ޗައިނާގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ނަޝީދު، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެ ގައުމުގެ ދުވަހު ނޫހެއް ކަމަށްވާ "ވިއޯން" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ރާއްޖޭން ޗައިނާއަށް ހަވާލުކުރި ތަރައްގީގެ މަޝްރޫއުތަކުގެ އަގުތައް ގަސްތުގައި ބޮޑުކޮށްފައިވާ ކަމަށާއި، އޭގެ ނަތީޖާގެ ގޮތުން މަޝްރޫއުތަކުގެ ޕްލޭންތައް ފެއިލްވެ، އެ މަޝްރޫއުތަކުގެ އަގު އަނބުރާ ދެއްކުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެހެންވެ، ޗައިނާ އާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކާއި ލޯނު އެއްބަސްވުންތައް މުރާޖައާ ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޗައިނާ އާ އެކު ވެފައިވާ އެއްބަސްވުން ތަކަކީ ދެ ފުށް ފެންނަ ގޮތަކަށް ވެފައިވާ އެއްބަސްވުންތަކެއް ކަމުގައި ނުވުމެވެ.

ނަމަވެސް ނަޝީދު ވިދާޅުވި ގޮތުގައި، އިންޑިއާއިން ގެންނަ ތަރައްގީ ބަލައިގަނެވެނީ އެ ގައުމުގެ ކުންފުނިތަކާ ހަވާލުކުރާ މަޝްރޫއުތައް ހިނގަނީ ވަކި ހަމަތަކެއްގެ ދަށުން ކަމަށް ވެފައި، އަދި އެ އެއްބަސްވުންތައް ހަދާފައިވަނީ ދެ ފުށް ފެންނަ ގޮތަކަށް ކަމަށް ވާތީއެވެ.

"ބައެއް ބޭފުޅުން ވިދާޅުވާނެ، އިންޑިޔާގެ ތަރައްގީގެ އެހީ ލަހޭ، އެކަމަކު އެއީ ޕްރޮސެސްއެއްގެ ތެރެއިން ހިނގާ ކަމަކަށްވާތީ، އަދި ދެފުށް ފެންނަ ގޮތަކަށް ކަންކަން ހިނގާތީ، އިންޑިއާއިން ގެންނަ ތަރައްގީ ކަމުދަނީ." އިންޑިއާގެ ފަރާތުން ރާއްޖެއަށް ބޮޑެތި ފައިދާ ތަކެއް ކުރަމުންދާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވިއެވެ.