ފުލުހުންގެ ވަޒީފާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުންގެ ރެކްރޫޓުގެ މަގާމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 4 ގެ ނިޔަލަށެވެ.
އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ފުރިހަމަވާން ޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:
- އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު ހިމެނޭހެން ތިން މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
- ނުވަތަ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނު ހިމެނޭހެން ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު އެމްކިއުއޭ ގަބޫލުކުރާ ލެވެލް 3 ގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވުން
- ފުލުހުންނާ ގުޅުންހުރި ދާއިރާއަކުން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވައިވާ ފަރާތަކަށް ވުން
އެ ޝަރުތުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން ފިރިހެނެއް ނަމަ 5 ފޫޓު 3 އިންޗި އިސްކޮޅުގައި ހަމަވާން ޖެހޭނެއެވެ. އަދި އަންހެނެއް ނަމަ 5 ފޫޓު ހަމަވާން ޖެހޭނެއެވެ.
ހަމަ އެއާއެކު އޯލެވެލް އިމްތިހާނުގެ ހަތަރު މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. ނުވަތަ އެެޗްއެސްސީ އިމްތިހާނު ނުހިމެނޭ ގޮތަށް އޭލެވެލްގެ ދެ މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ. އެ ޝަރުތުތައް ހަމަވާ ފަރާތްތަކުގެ ތެރެއިން ފިރިހެނެއް ނަމަ 5 ފޫޓު 1 އިންޗި އިސްކޮޅުގައި ހަމަވާން ޖެހޭނެއެވެ. އަދި އަންހެނެއް ނަމަ 4 ފޫޓު 8 އިންޗި ހަމަވާން ޖެހޭނެއެވެ.
އޭގެ އިތުރުން ސާނަވީ ތައުލީމު ފުރިހަމަކުރުމާ އެކު، ފުލުހުން ދޭ ފިޓްނެސް ޓެސްޓުން ފާސްވާން ޖެހޭނެއެވެ. އެ ޝަރުތު ފުރިހަމަވާ ފިރިހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 8 އިންޗި، އަދި އަންހެނެއް ނަމަ އިސްކޮޅުގައި 5 ފޫޓް 3 އިންޗި މަދުވެގެން ހުންނަން ޖެހޭނެއެވެ.
އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު، އޭނާގެ ކުސުގެ ރެކޯޑެއް ވޭތުވެދިޔަ ފަސް އަހަރު އޮވެގެން ނުވާނެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އޭނާގެ ނަން އޮވެގެން ނުވާނެއެވެ.
ފުލުހުން ބުނީ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމާއި ލިޔެކިއުންތައް ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް، ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހަޅަން އެދޭ ކަމަށެވެ އަދި ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ފޯމް ލިބޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.