ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ހަރަކާތެއް މެރިން ޕޮލިސް އިން އިއްޔެ ފަށައިފިއެވެ.

ފުލުހުން ބުނީ އުޅަނދު ފަހަރު ޗެކް ކުރުމުގެ ހަރަކާތް ކުރިއަށް ދާނީ މިމަހު 26 އިން ފެށިގެން މެއި 2 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މިގޮތުން މި ހަރަކާތަކީ ފިތުރު އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު އަތޮޅުތެރެއަށް ކަނޑުމަގުން ދަތުރުކުރާއިރު، އެފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމުގެ ގޮތުން މެރިން ޕޮލިސްގެ މެރިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި މެރިން އެންފޯސްމަންޓް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހަރަކާތުގެ ތެރެއިން ފެރީގެ ގޮތުގައި ރަށްރަށަށް ދަތުރުކުރާ އުޅަނދުތަކާއި ނޯތު ހާބަރާއި ޓީ ޗެޓީ ސަރަހައްދުގައި ފަޅުފައިވާ އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތްކޮށް، އެއުޅަނދުތަކުގައި ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށް ހުރިތޯ ބަލައި ޗެކްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެއިތުރުން ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމާއި އުޅަނދުތަކުގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން މެރިން ޕޮލިސް އިންދަނީ މާލެ ހިމެނޭ ސަރަހަދުގައި ފެރީގެ ގޮތުގައި ބޭނުންކުރާ އުޅަނދުތަކާއި ފަޅުގައި އަޅާފައިވާ އުޅަނދުތަކަށް ޒިޔާރަތްކޮށް، ސަލާމަތީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމައަށްހުރިތޯ ބަލައި ޗެކްކުރުމުގެ ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ.