ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް އަލަށް ގެނައި ރީފާ އުޅަނދުން މަސް އެކްސްޕޯޓް ކުރުމުގެ ފުރަތަމަ ދަތުރުގައި ތައިލެންޑަށް ފުރައިފިއެވެ.

"ޖަޒީރާ ރީފާ"ގެ ނަމުން ނަން ދެވިފައިވާ އެ އުޅަނދުގެ ދަތުރުތައް ފަށާފައިވަނީ މިމަހުގެ 23 ގައި ކަމަށް މިފްކޯއިން ބުންޏެވެ. އެ ކުންފުނިން ބުނި ގޮތުގައި 2،500 ޓަނުގެ އެ ރީފާ އުޅަނދުގެ ފުރަތަމަ ދަތުރުގައި ދާނީ ތައިލެންޑަށް ކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި، އެ ކުންފުނީގެ އަމިއްލަ އުޅަނދެއްގައި މަސް އެކްސްޕޯޓްކުރަން ފެށި ފެށުމަކީ ރާއްޖޭގެ މަސްވެރިކަމަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް 24،500 ޓަނުގެ މަސް ގަނެވިފައިވާއިރު، މަސް ބޭރުކުރަން ބޭރުން ޗާޓަރުކޮށްގެން ހަތް ރީފާ އުޅަނދު ގެނެސްފައިވީ ނަމަވެސް، "ޖަޒީރާ ރީފާ"ގެ ސަބަބުން މަސް އެކްސްޕޯޓްކުރުމަށް ކުރާ މަސައްކަތްތައް އަވަސްކުރެވި، ހަރަދުތައް ކުޑަ ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ހަމަ އެއާއެކު، ޖަޒީރާ ރީފާއަކީ އީޔޫ އާއި އައިއޯޓީސީގެ ބައިނަލްއަގުވާމީ މިންގަޑުތަކަށް ފެތޭ އުޅަނދެއް ކަމަށާއި، މަސް އެކްސްޕޯޓް ކުރުމުގެ އިތުރުން މަސް ރައްކާ ކުރުމަށް މި އުޅަނދު ބޭނުން ކުރެވޭނެ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ބުނީ، އެ ކުންފުނީގެ އަބަދުވެސް އަމާޒަކީ މަސް ގަނެވޭ މިންވަރު އިތުރުކޮށް، އެ މަހަށް ދުނިޔޭގެ ބާޒާރުން ލިބޭ އެންމެ ރަނގަޅު އަގު ހޯދައިދީ އޭގެ މަންފާ ދިވެހި މަސްވެރިންނަށް ފޯރުކޮށްދިނުން ކަމަށާއި، މަސްވެރިކަމުގެ ސިނާއަތް ތަރައްގީ ކޮށް މަސްވެރިންނަށް ފަސޭހަކޮށްދިނުން ކަމަށެވެ.