މިހާރު ދިވެހިންގެ ތެރޭގައި ހަށިގަނޑަށް ބަލައިގެން ކަސްރަތު ކުރަން ލޯބި ކުރާ، އެތައް ބަޔަކު އުޅޭ ކަމަކީ ފިޓްނަސް ދާއިރާގައި މަސައްކަތް ކުރާ މީހުންނާއި ޖިމްތައް މި ރާއްޖޭގައި އިތުރުވަމުން އަންނަ އެއް ސަބަބެވެ. ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ހުރުމައްޓަކައި ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ވަގުތު ހުސްކޮށް އެ ކަމަށް ގިނަ ހޭދަތަކެއް ކުރަމުން އަންނަ އިރު ފިޓްނަސް ދާއިރާގައި ތަމްރީންތައް ހޯދައިގެން ތަމްރީން ދޭން ތިބޭ އިންސްޓްރަކްޓަރުން ކުރާ މަސައްކަތަކީ އައްސަރިބަހާއި ސާބަސް ހައްގުވާ ބައެއް ކަން ކަށަވަރެވެ.
އެގޮތުން ރާއްޖޭގައި ފިޓްނަސްގެ ދުނިޔޭގައި މިހާރު ގިނަ ބަޔަކު ދަންނަ އެއް އިންސްޓަރަކްޓަރު، އާމިނަތު ޝިއުނާ އަހްމަދު، އާންމު ނަމުން ނަމަ ޝިއުއަކީ ފިޓްނަސްއަށް ލޯބި ކުރާ މީހުންނަށް އާ މޫނެއް ނޫނެވެ.
ރާއްޖޭގެ އެންމެ މަގްބޫލު އެއް ޖިމް ކަމުގައިވާ ހީޓް ހެލްތް އެންޑް ފިޓްނަސްގައި މިހާރު، ގްރޫޕް ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި އާއި ޕާސަނަލް ޓްރެއިނަރެއްގެ އިތުރުން ރިހެބް ޓްރެއިނާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝިއުގެ ގިނަ ކްލަޔަންޓުންނަށް ޝިއު ފާހަގަވެފައި ވަނީ ވަރަށް ކުޅަދާނަ އަދި އެހާމެ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއްގެ ގޮތުގައެވެ. އެއީ މި މަސައްކަތަށް އޭނާގެ ހުންނަ ޝައުގެއްގެ ބޮޑު ކަމުންނާއި އޭނާ މި މަސައްކަތް ކުރާ ހިތުން ކުރާތީ ކްލަޔަންޓުންނާ ބާއްވާ ގާތްގުޅުމެއްގެ ސަބަބުން ދެކެވޭ ވާހަކަތަކެއް ކަން ޔަގީނެވެ.
ފިޓްނަސްގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނު ގޮތް ހިއްސާ ކުރަމުން ޝިއު ބުނީ، އޭނާ ކުޑަ އިރުވެސް އާއިލާ މެންބަރުންނާއެކީ މާލެ ވަށާ ހިނގަން ދިޔަ ކަމަށާއި، މޫދަށް ވެސް ގޮސް އުޅުނު ކަމަށެވެ. އެއަށްފަހު ސާނަވީ ތައުލީމް ހާސިލް ކުރަމުން ދިޔަ ދުވަސްވަރު އޭނާގެ މަންމައާއި ބޮޑު ދައިތަމެން ޖިމްއަށް ދާތަން ފެންނަން ފެށުމުން އެކަމަށް ޝައުގުވެރިކަން އުފެދުނު ކަމަށާއި މަދުރަސީ ތައުލީމް ނިމުމާ އެކު އޭނާ ޖިމްއަށް ދާން ފެށީ ކަމަށެވެ.
އޭރުވެސް އޭނާ އެންމެ ފުރަތަމަ ޖިމްއަކަށް ދިޔައީ ހީޓަށެވެ. އެ ދުވަސްވަރު ޖިމްއަަކަށް ދިޔަ ނަމަވެސް އެއްގޮތަކަށް ވެސް އިންސްޓަރަކްޓަރަކަށް ވާން ޝައުގެއް ނެތް ކަމަށާއި ނަމަވެސް ފިޓްނަސްއަށް އޭރުވެސް ޝައުގުވެރިކަން އުފެދިފައިވާ ކަމަށް އޭނާ ބުންޏެވެ.
އެއަށްފަހު ޒަވާޖީ ހަޔާތެއް ފަށައި ފުރަތަމަ ދަރިފުޅު ލިބުނު ފަހުން "ޝުޒާގެ ޒުމްބާ ކްލާހަކަށް" ދިޔަ ކަމަށާއި، އެ ކްލާސް ތައް ވަރަށް ފޯރީގައި ނަގަމުން ދިޔަ ތަން ފެނި އިންސްޓްރަކްޓަރަކަށް ވުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔަ ކަމަށް ޝިއު ބުނެއެވެ. އެ ދުވަސްވަރު އެއްވެސް ޓްރެއިނިންއެއް ނުހެދެނީސް ދެވަނަ ދަރިފުޅަށް ބަލިވެ އިން ކަމަށާއި އެ ދަރިފުޅު ލިބިގެން 6 މަސް ވީފަހުން އިންސްޓަރްކްޓަރަކަށް ވާން ފުރުސަތު ލިބުނީ އައިންތިކޯ އާ ދިމާވި ފަހުން ކަމަށް އޭނާ ބުނެއެވެ. އަދި ފުރަތަމަ އެ ދާއިރާއިން ހެދި ޓްރެއިނިން ފުރިހަމަ ކުރީ 2011 ގައި ކަމަށް ޝިއު ބުނެއެވެ.
ފިޓްނަސް ދާއިރާއިން ޝިއު ހެދި ޓްރެއިނިންތައް:
- ފިސާފް ކޯ ކޯސް - 2010
- ލެސްމިލްސް ބޮޑީ ޕަންޕް - 2011
- ލެސްމިލްސް ބޮޑީ ބެލެންސް - 2017
- ބޫޓް ކޭމްޕް ޓްރެއިނާ -2017
- ޕާސަނަލް ޓްރެއިނާ - 2019
- ލެސްމިލްސް އިންޓަނޭޝަނަލް ބޮޑީ ކޮމްބެޓް ސެޓިފިކޭޝަން - 2020
- ރިހެބް ޓްރެއިނާ - 2022
2011 ގައި ހެދި ފިޓްނަސް ޓްރެއިނިންއަށް ފަހު މަސައްކަތުގެ މާހައުލަށް އޭނާ ނިކުތީ އިތުރު ދެ ދަރިން ލިބުނު ފަހުންނެވެ. އެގޮތުން ޝީ ފިޓްނަސްގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ. އެތަނުގައި ޝިއު މަސައްކަތް ކުރި އިރު ކްލާސްތައް ނަގައިދީފައި ވަނީ އައިންތިކޯ އާ އެކުގައި ކަމަށާއި އެއީ ޓްރެއިނިން އަށް ފަހު ތަޖުރިބާ ހޯދުމަށް ކުރި މަސައްކަތެއް ކަމަށް އޭނާ ބުނެއެވެ.
އެ މަސައްކަތުން އޭނާ ދުރަށް ޖެހިލީ 2015 ވަނަ އަހަރު ހަތަރު ވަނަ ކުއްޖާއަށް ބަލިވެ އިނުމުން ކަމަށް އޭނާ ބުނެއެވެ. އެ ފަހަރު ބަނޑަށް 6 މަހުގައި ދަރިފުޅު ބަނޑަށް މަރުވީ ކަމަށާއި، އެއަށް ފަހު ޒަވާޖީ ހަޔާތް ރޫޅި ހަޔާތުގައި އަނދިރި ދުވަސްތަކަކާ އޭނާއަށް ކުރިމަތިލާން ޖެހުނު ކަމަށް ޝިއު ބުންޏެވެ.
ކައިވެނި ރޫޅުނު ފަހުން މަުޖުތަމައު ތެރެއަށް ނިކުމެ އުޅެން އުނދަގޫވެ ނަފްސާނީ ގޮތުން ބަލިކަށިވެ ބުރަ އަދި ހިތި ދުވަސްތަކަކާ އޭނާއަށް ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އެ ދުވަސްވަރު ފިޓްނަސް އިންސްޓްރަކްޓަރު އަދި ހީޓް ހެލްތް އެންޑް ފިޓްނަސް އޯނަރު ޝިފާނާ ވަޖީހް އާ ބައްދަލުވެގެން އޭނާގެ އެއްބާރުލުމާއެކު އަނބުރާ ފިޓްނަސް ދާއިރާއަށް ނިކުތުމަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށް ޝިއު ބުނެއެވެ.
އެ ގޮތުން 2017 ވަނަ އަހަރު އޭނާ ވަނީ ހީޓް ހެލްތް އެންޑް ފިޓްނަސްގައި މަސައްކަތް ކުރަން ފަށާފައެވެ. އެ ދުވަހުން ފެށިގެން ޝިއު އަންނަނީ ހީޓްގައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ފިޓްނަސްއާ ގުޅުން ހުރި މައުލޫމާތު ހިއްސާ ކުރުމަށް ޝިއު އަންނަނީ "ބީ އެކްޓިވް އެމްވީ" ގެ ނަމުގައި ޕޭޖެއްވެސް ހިންގަމުންނެވެ.
މީގެ އިތުރުން ވެސް ޝިއުއަކީ އަމިއްލައަށް މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން އަންނަ ތިން ދަރިންގެ މަންމައެކެވެ. ކޭކް އެޅުމަށް އޭނާގެ ޝައުގުވެރިކަން އެފެދުނީ މަންމަ އަކީ ކޭކް އެޅުމާއި ފެހުމުގެ މަސައްކަތް ކުރާ މީހެއް ކަމަށް ވާތީ ކަމަށް އޭނާ ބުނެއެވެ. ކޭކް އަޅަން އޭނާ ފެށި އިރު އޭނާގެ ކޮއްކޮ ކުރަން ފެށީ ފެހުމުގެ މަސައްކަތް ކަމަށާއި އެ ދެބެއިންނަށް ވެސް އެ މަސައްކަތް ފެށުނީ މަންމަގެ މަސައްކަތް ފެނިގެން ކަމަށް ޝިއު ބުނެއެވެ.
އިންސްޓަގްރާމް އަދި ފޭސްބުކްގައި ޝިއު އަޅާ ކޭކް އިސްތިހާރުކޮށް އެ ކުޑަ ވިޔަފާރި ހިންގުމަށް ވަނީ "ކޭކިއޯޖެނިކް" ނަމުގައި ޕޭޖެއް ހަދާފައެވެ. އެ ޕޭޖުގައި ޝިއުގެ މަސައްކަތްތައް ފެންނަން ހުރި އިރު، ވެޑިން ކޭކާއި، ބާތްޑޭ ކޭކްގެ އިތުރުން ހާއްސަ ހަފްލާތަކަށް ކޭސް އަޅައި ދިނުމާއި، ޑެޒާޓް ޓޭބަލް ތައްޔާރުކޮށް ދިނުމަކީ ޝިއު ކުރާ މަސައްކަތެވެ. މީގެ އިތުރުން ވެސް "ކީރް" ކިޔާ ޑެޒާޓެއް ވެސް އޯޑަރަށް ޝިއު ތައްޔާރުކޮށް ދެއެވެ.
އެންމެ ފުރަތަމަ ކޭކް އެޅުމުގެ ބޭސިކް ކޯހެއް އޭނާ ހެދީ އުމުރުން 17 އަހަރުގައެވެ. އޭރު ކޭކް އަޅަން ދަސްކުރި ނަމަވެސް އެ ވިޔަފާރި އޭނާ ފެއްޓީ 2014 ވަނަ އަހަރުގައި އަނެއްކާ ވެސް ކޭކް އެޅުމުގެ ކޯސްތަކެއް ފުރިހަމަ ކުރުމަށް ފަހުއެވެ. ކޭކް އަޅުމުގެ ވިޔަފާރި އޭނާ ފެއްޓީ ދަރިއަކު ލިބުނު ފަހުން ވަޒީފާއަށް ދާން ބޭނުން ނުވާތީ ދަރިން ކައިރީ ގޭގައި ހުރެ ކުރެވޭނެ މަސައްކަތެއް ކުރުމުގެ މަގްސަދުގައި ކަމަށް ޝިއު ބުނެއެވެ. ގޭގައި ދަރިންނާއެކު ހުންނަ އިރު އެ ކުދިން ވެސް ބައިވެރި ކޮށްގެން އޭނާ މި މަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުންނެވެ.
މި ހުރިހާ މަސައްކަތެއްގައި ވެސް އޭނާއަށް އެންމެ ބޮޑަށް ހިތްވަރު ދީފައި ވަނީ އޭނާގެ މަންމައެވެ. ކިތަންމެ ތަނަވަސް ދިރިއުޅުމެއް އުޅުނު ކަމުގައި ވިޔަސް އަމިއްލަ މަސައްކަތެއް ކޮށްގެން ބައި ރުފިޔާ ލިބުނު ކަމުގައި ވިޔަސް އެކަމެއް ކުރަން އޭނާގެ މަންމަ ނަސޭހަތްތެރިވާ ކަމަށް ޝިއު ބުނެއެވެ.
އަދި އެކަނިވެރި މައެއްގެ ގޮތުގައި ހަތަރު ކުދިން ބަލައި ބޮޑުކުރި އޭނާގެ މަންމަ ދެއްކި ނަމޫނާ އަކީ މިއަދު އެކަނިވެރި މައެއްގެ ގޮތުގައި ހުރެ ކެރިއާއެއް ބިނާކޮށްގެން ކުރިއަށް ދާން ލިބޭ ހިތްވަރެއް ކަމަށް އޭނާ ބުނެއެވެ. އަދި މަންމަ އަކީ ހިތްވަރު ގަދަ މަސައްކަތެރި މީހެއް ކަމަށާއި އެ މަންމަގެ ނަސޭހަތާއި ހެޔޮ ދުއާ އަކީ އޭނާގެ ތަރައްގީގެ ހުޅުކޮޅުގެ ގޮތުގައި ޝިއު ސިފަ ކުރެއެވެ.
މަންމަގެ އިތުރުން ވެސް ކޮއްކޮ މެންނާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަޒީ އަކީ ވެސް އޭނާއަށް ހިތްވަރުދީ ދިރިއުޅުމުގައި އަނދިރި ދުވަސްތަކަކާ ކުރިމަތިލީ އިރު އެންމެ ގާތުގައި ތިބި މީހުން ކަމަށް ޝިއު ބުނެއެވެ. އަދި މިއަދު ޝިއު ހުރި ހިސާބަށް އާދެވުމުގެ އެ އެންމެން އިސް ރޯލެއް އަދާ ކުރި ކަމަށް ބުނެ އޭނާ ވަނީ އެމީހުންނަށް ހާއްސަ ޝުކުރެއް އަދާކޮށްފައެވެ.
ޝުކުރުގެ ލިސްޓުގައި ފިޓްނަސް ދާއިރާއަށް އޭނާ ނެރެދިން އައިންތިކޯއާއި، ސިފާނާ އަދި ކޭކް އެޅުމުގައި އޭނާއަށް އެހީތެރިވި ލީލާ އާއި ބައްރަގެ ނަން ވެސް ހިމަނާ ނުލާ ނިންމާލާކަށް ޝިއު ބޭނުމެއް ނޫނެވެ.
ތިން ދަރިންގެ މަންމައެއް ކަމަށްވާ ޝިއު އެކަނިވެރި މައެއްގޮތުގައި ހުރެ ކުރަމުންދާ މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. އަދިވެސް ޝިއު ދެކެމުންދާ ހުވަފެންތައް ހާސިލް ކުރުމަށް އޭނާ ހުރީ އަތު ކުރި އޮޅާލައިގެންނެވެ.
އެފްޑީ ސްޕޯޓްސް މޯލްޑިވްސް އާއި ސްކޮޓްވުލްފް މޯލްޑިވްސްގެ އެމްބެސަޑާއެއްގެ މަގާމުގައި ހުރި ޝިއުގެ ހުވަފެނަކީ ކޭކް ބިޒްނަސް ފުޅާކޮށް ކުޑަ ފިހާރައެއް ހުޅުވުމެވެ. ހަމައެއާއެކު ފިޓްނަސް ދާއިރާގައިވެސް އޭނާ ބޭނުންވަނީ އިންޑޯ ބޫޓް ކޭމްޕް ޖިމެއް ހެދުމަށެވެ.
ވަރުގަދަ އަޒުމެއްގައި ހުރި 35 އަހަރުގެ ޝިއު ބުނާ ގޮތުގައި، ގޭގައި ތިބޭ ކޮންމެ މަންމައަކީ ވެސް ދަރިން ބެލުމުގެ މަސްއޫލިއްޔަތު އަޑަ ކުރަން ޖެހި ނުވަތަ ގޭގެ ހާލަތު އޮތް ގޮތުން ކަމެއް ނުކޮށް ހުންނަން ވީ ބައެއް ނޫން ކަމަށެވެ. މަސައްކަތެއް ކުރަން ފަށާކަށް އަދި ލަހެއް ނޫން ކަމަށާއި ކޮންމެ އުމުރެއްގައި ކިތަންމެ ގިނަ ދަރިންތަކެއް ތިބި ކަމުގައި ވިޔަސް އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރަންވީ ކަމަށް އޭނާ ބުނެއެވެ.
ކުޑަ ގޮތަކަށް މިއަދު މަސައްކަތެއް ފެށި ދާނެ ކަމަށާއި މާދަމާ އެ ކުޑަ މަސައްކަތް ފުޅާ ވެގެން ދިއުމަކީ އޮންނާނެ ކަމެއް ކަމަށް ދެކެގެން ތެދުވެރި ކަމާއެކު ވަރުގަދަ އަޒުމަކައިގެން ކުރިއަށް ގޮސްފި ނަމަ ކާމިޔާބީ އަތުގައި ހިފާނެ ކަމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ޝިއު ބުނެއެވެ.
ވަރަށް ސަޅި. އިންސްޕަޔަރިން. މަންމަތަކަށް ނަމޫނާއެއް
ހީވެސް ނުވޭ 35 ހެން. ޙީވަނީ 20 އަހަރު ހެން. މަ ބޭނުން ޝިއުގެ ކްލާހަށް ޖޮއިން ކުރަން
ޝިއުއަކީ ވަރަށް ފިޓް މަންމައެއް.