އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ ދިފާއީ ވަކީލު ވަނީ މޭރީ މަރައިލީ މާވިން ނޫން ކަމަށް ބުނެފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ މި މައްސަލައިގެ ދައުވާ އިއްވުމާއި ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ. މިއަދު ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އިއްވާފައެވެ.

ދައުލަތުން މިއަދު ދައުވާ އިއްވަމުން ބުނެފައި ވަނީ އޮކްޓޯބަރު 19، 2021 ގައި މާވިން އާއި މޭރީ ދިރިއުޅޭ ގޭގައި، މޭރީގެ ބޮލަށާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްލައިގެން މޭރީ މަރާލައިފައިވާ ކަމަށެވެ. ދައުލަތުން ދައުވާ އިއްވުމުން މާވިންގެ ދިފާއީ ވަކީލް ވަނީ ދައުވާ ސާފުނުވާ ކަމަށް ބުނެ މޭރީގެ ކަރަށާ ބޮލަށް މާވިން ހަމަލާ ދިނީ ކިހިނެއް އަދި ކޮން އެއްޗަކުންކަން ސުވާލުކޮށްފައެވެ.

ދައުލަތުން ވަނީ މޭރީއަށް ހަމަލާދީފައިވާކަން އެނގެނީ އޮޓޮޕްސީ ރިޕޯޓުން ކަމަށާއި ހަމަލާދިނީ ކޮން އެއްޗަކުންކަން އެނގެން ނެތް ކަމަށެވެ. އެހެންނަމަވެސް އެކަމަށް ބާރު ލިބޭ އިތުރު ހެކިތައް ހުރި ކަމަށެވެ.

އެގޮތުން މާވިންގެ ފޯނުން "ހައު ޓު ނޮކް ސަމްވަން އައުޓް" ނުވަތަ މީހަކު މަރައިލާނެ ގޮތްތައް ގޫގުލްގައި ސާޗުކޮށްފައިވާ ކަމަށް މޯބައިލް ފޮރެންސިކް ރިޕޯޓުން ދައްކާ ކަމަށާޢި އެވަގުތު އެތަނުގައި ހުރީ މާވިން އެކަނި ކަމަށް އޭނާގެ ދުލުން ބުނެފައިވާކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ،

ދައުވާއަށް ޖަވާބުދެމުން މާވިންގެ ފަރާތުން ދިފާއީ ވަކީލް ވަނީ މޭރީ މަރައިލީ މާވިން ނޫން ކަމަށާއި ދުވަހަކު ވެސް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް އޭނާގެ ފަރާތުން މޭރީއަށް ލިބިފައި ނުވާނެ ކަމަށް ބުނެފައެވެ.

އެނގިހުރެ މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް އުފުލައިފައިވާއިރު މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އެކަމަކު ދައުލަތުން ބުނެފައި ވަނީ ހާދިސާ ހިނގިއިރު މި ދެ މީހުން ވެސް ތިބީ އިސްލާމީ ޝަރީއަތެއްގެ ހިމާޔަތުގައި ކަމުން އިސްލާމީ ޝަރީއަތުގައި ކަނޑައަޅައިފައި ވާގޮތަށް ކުށް ސާބިތުވެއްޖެނަމަ މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށެވެ.