ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އާއެކު، ހުޅުމާލެގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމުގެ އެއްބަސްވުމެއްގައި އެޗްޑީސީއާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖުއެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނީ، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލެ އާންމު ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެ އިން ނެގޭ ކުނީގެ ބާވަތްތަށް ވަކިކުރެވި ދެމެހެއްޓެނިވި ހައްލެއް ހޯދައިދިނުން ކަމަށެވެ. މީގެ އިތުރުން، މިފަދަ މަސައްކަތްތައް އެކޯޕަރޭޝަނުން ކުރުމުގެ ބަދަލުގައި އެކަމަށް ހާއްސަ ވެގެންވާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ހަވާލުކުރުމުން، ހުޅުމާލެގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް އެކޯޕަރޭޝަނުގެ ފޯކަސް އަމާޒުކުރުން ހިމެނޭ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ކުރިޔަށް އޮތް ތަނުގައިވެސް މިފަދަ މަސައްކަތްތައް އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި މަޝްވަރާކޮށްގެން އެފަދަ މަސައްކަތްތައް އެ ފަރާތްތަކާއި ހަވާލުކުރުމަކީ އެ ކޯޕަރޭޝަންގެ މަގްސަދެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލެގައި ތަރައްގީކޮށް އާންމުކޮށް ހުޅުވައިލާފައިވާ ހުރިހާ މަގުތަކާއި މަގާ އިންވެގެންވާ ޕޭމަންޓާއި ގަސް އިންދާފައިވާ ސަރަހައްދުތަކާއި ޕާކުތަކާއި އަދި ބީޗް ސަރަހައްދު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. މިގޮތުން ވެމްކޯއިން ކުނިކަހާ ސާފުކުރުމުގައި ނެގުމަށް ހަމަޖެހިފައިވަނީ އާންމުކޮށް "ލީޓާ" ކޮށްފައި ހުންނަ ކުނީގެ ބާވަތްތައް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ، މި ބާވަތުގެ ކުނީގެ ތެރޭގައި ހިމެނެނީ ޕްލާސްޓިކް ފުޅި، ދަޅު، ކޮތަޅު، ކަރުދާސް، ފަތްކުނި، ޕެކޭޖިން އަދި މިފަދަ އެހެނިހެން ބާވަތްތައް ކަމަށެވެ.

މި އެއްބަސްވުމުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 3 އަހަރު ދުވަސް ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލެގެ އާންމު ސާފުތާހިރުކަން ކަށަވަރު ކުރުމަށްޓަކައި ސަމާލުކަން ދޭންޖެހޭ ކަންކަން:

  • ވެމްކޯގެ ކުނި އުކާލުމުގެ ހިދުމަތަށް ރެޖިސްޓާ ނުކޮށްހުރި ގޭބީސިތަކުން ވީ އެންމެ އަވަހަކަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުން.
  • ކެފޭ، ހޮޓާ އަދި އެހެނިހެން ވިޔަފާރިތަކުން އުފެދޭ ކުނި އުކާލުމަށް ވެމްކޯގެ ހިދުމަތަށް ރެޖިސްޓާ ކުރުން.
  • ބޮޑެތި އަދި ބަރު ކުނި އުކާލުމަށް ވެމްކޯގެ ކޯލް އެންޑް ޕިކަޕް ސާވިސް ހިޔާރުކުރުން.
  • ރެޖިސްޓާ ނުކޮށް މަގުތަކަށް ކުނި ނެރެމުންދާ ފަރާތްތަކުން މިފަދަ އަމަލުތައް ވަގުތުން ހުއްޓާލުން.

އެޗްޑީސީން ބުނީ ހުޅުމާލެގެ ސާފްތާހިރުކަން ދެމެހެއްޓުމަށްޓަކައި ހުޅުމާލެގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ފަރުދީ ޒިންމާ އަދާކޮށް މިފަދަ ކަންކަމުގައި އެއްބާރުލުން ދިނުން ވަރަށް މުހިއްމު ކަމަށެވެ.