ޖޯކު ސުރުހީއަކަސް މިއީ ޖޯކު ވާހަކައެއް ނޫނެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ތަން މިނަށް އިންޑިއާއަށް ހުޅުވާލަދިން ދޮރުން ވަން އިންޑިއާ، ރާއްޖޭގެ ކަނޑުގެ އެންމެ ފުނަށް މިހާރު ވަނީ ފީނާފައެވެ. ކަނޑުން މައްޗަށް ޑޯނިއާގެ ފިޔަގަނޑު ވަނީ ފަތުރާލާފައެވެ. އިލްމީ އަދި ފަންނީ މީހުން، މުއައްސަސާތަކުގެ ފުނަށް ވަނީ ވަދެފައެވެ.

ތަފާތު އެތައް ސަބަބަކާ ހުރެ އިތުރު ބަޔަކާ ހިއްސާ ކުރަން ނުޖެހޭނެ އެތައް މައުލޫމާތެއް މިހާރު އެ ހުރީ އެމީހުންގެ އަތުގައެވެ.

ވާހަކަ ދިގު ނުކޮށް، ސުރުހީގައި ބުނަން އޮތީ، އެކިއެކި ޝިއާރުތަކުގެ ދަށުން ވަކިވަކި ގައުމުތަކާ މެދު ނަފްރަތު އުފައްދަން ހިންގާ ހަރަކާތްތައް ހުއްޓުވަން ކަމާގުޅޭ އިދާރާތަކަށް އަންގާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުގެ ވާހަކައެވެ. އެ ގަރާރުގައި، އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި ބަޔާން ކުރައްވާ، އެކަން ކުރާނަމަ ގާނޫނުލްއުގޫބަތުގެ ދަށުން ކުށްވެރިވާނެ ކަމަށް ބަޔާން ކުރައްވާފައި ވެއެވެ.

ހަވާލާ ދެއްވި އުގޫބާތުގެ 124 ގެ (ހ) ގެ 3 ވަނަ ނަންބަރާއި، 615 ގެ (ހ) ގެ 6 ވަނަ ނަންބަރުގައި އެއީ ޖިނާއީ ކުށެކެވެ. އެކަން ރައީސް ބަޔާން ކުރައްވައި، ގަރާރު ނެރުއްވުމާއެކު އިދިކޮޅާއި އެއްކޮޅުގެ ގާނޫނީ އެކިއެކި ބޭފުޅުން، އެބޭފުޅުންގެ ރަޔުއު ނެރުއްވިވެ. އެއްބަޔަކު ބުނީ، އެއީ އަސާސީއާ ހިލާފު ގަރާރެއް ކަމަށާއި، ރައީސް ކުށްވެރިވާ ކަމަށެވެ. އަނެއް ބަޔަކު ބުނީ، އެއީ ކުށެއްކަމަށް އުގޫބާތުގައި އޮތް އިރު، ގަރާރަކަށް ވުރެ އައުލާކަން ބޮޑު ގޮތަކީ، މީގެ ކުރިންވެސް ކަން ކުރެއްވާފައި ހުރި ފަދައިން، ކަމާބެހޭ އިދާރާތަކަށް އެކަންކަން ބަލާ ފިޔަވަޅު އަޅަން ސިޓީ އާއި، ދެންނެވުންތަކާއި ވަޒީރުން މެދުވެރި ކުރައްވާ އެންގެވުމެވެ.

"އެ ގަރާރުގެ މުހިންމު ކަމެއް އަޅުގަނޑަކަށް ނެތް، ހަވާލާ އެދޭ މާއްދާތަކުގެ ދަށުން ރައީސް ވިދާޅުވިޔަސް ނުވިޔަސް އެއީ ކުށެއް ކަމަށް ވެއްޖެއްޔާ ފިޔަވަޅު އަޅަން ޖެހޭނެ، ދެން ފިޔަވަޅު އެޅޭނީ ކުށުގެ އުންސުރުތައް ހަމަވަންޏާ، އަޅުގަނޑެއް ނުދަންނަވަން އުންސުރުތައް ހަމަވެޔެކޭ ނުވެޔެކޭ، ނަމަވެސް ގާނޫނީ ސުވާލަކީ، އިދިކޮޅުން އެ ކުރަނީ (ބެނާ ދެމުން) އެ ކުށަށް ފެތޭ އަމަލެއްހޭ، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ނޫން ދެއްތޯ އެކަށް ގާނޫނީ ކުށަކަށް ވަނީކީ"
ބާ ކައުންސިލްގެ މެމްބަރު އަދި ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަދި މަޝްހުރު ޤާނޫނީ ވަކީލް އަހުމަދު މުއިއްޒު

ގާނޫނުލްއުގޫބާތުގެ 124 ގެ (ހ) ގެ 3 ވަނަ ނަންބަރާއި 615 ގެ (ހ) ގެ 6 ވަނަ ނަންބަރުގުގެ ދަށުން، އެ ބުނާ ކުށަކަށް، ބެނާ ދެމުން ފެތޯތޯއާއި އެކަމާ ގުޅޭ ތަހުގީގެއް ހިންގަންތޯ ފުލުހުން ކުރެން އެހުމުން ޖަވާބެއް ނުދިނެވެ. ނަމަވެސް އެކަން (ތަހުގީގެއް ހިންގާތޯ) ބަލާފައި ބުނާނެ ކަމަށް ބުންޏެވެ.

އިންޑިއާ އައުޓު ބެނާ ތަކާ ގުޅިގެން ނެރުނު ގަރާރުގައި ހަވާލާދޭ އުގޫބާތުގެ މާއްދާތައް

ދެން އޮތީ އިޓަލީ ދިދައިގައި ޖަހާ "އިން ޑިއާ އައުޓް" ގެ ވާހަކައެވެ. އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީނުގެ ގެކޮޅަށް ބެނާ ނެގި އިރުވެސް އެއީ އިޓަލީ ދިދަކަން އެނގޭނެ ކަމަށް ގަބޫލު ކުރެވެއެވެ. އެއީ މި ފަހުން ދެމި ބެނާތަކާ ހިލާފަށް އެ ބެނާގައި އޮތީ "އިންޑިއާ އައުޓް" ޖަހާފައި ކަމަށް ވުމާއި މިހާރުގެ ދަމާ ބެނާ ތަކުގައި "އިން" އާއި "ޑިއާ" އާއި "އައުޓް" ވަކިކޮށް އަދި ޑިއާ ގެ ގޮތުގައި އިނގިރޭސި އަކުރުން ދިވެހިން ކިޔާ (އެކުވެރި) ލިޔެފައި އޮތީ އޮޅުމަކުން ނޫންކަން އެނގެއެވެ.

ނަމަވެސް "އިންޑިއާ އައުޓް" ކުރާން އަޑުއުފުލާ ބަޔަކު އިޓަލީ ދިދަ ހިފައިގެން ޝިއާރުފާޅުކުރާތީ ކުޑަކޮށް ޖޯކެވެ. ނަމަވެސް އެއީ މަޖަލަކަށް ކުރާ ވަރަށް ވުރެ ސީރިއަށް އެތައް ކަމެއް ހިމެނޭ ހައްސާސް މައްސަލައެކެވެ. އިސްތިރާޖީ ގޮތުންނާއި އެކުވެރި ދައުލަތެއްގެ ގޮތުން ރާއްޖެއަށް އިންޑިއާއާ ނުލައި ވާކަށް ނެތެވެ. ދިވެހިންނަށް ބޭނުންވާ އެންމެ އަސާސީ އެއް ހިދުމަތް ކަމުގައިވާ، ބޭސްފަރުވާގެ ގިނަ ފަރުވާތަކަށް މިއަދުވެސް އިންޑިއާއަށް ދާން ޖެހެއެވެ. އާސަންދައާއި އެނޫންވެސް އެ ދާއިރާގެ ހިދުމަތްތައް އިންތިޒާމް ކުރެވިފައި ހުރި ގޮތުން، ސާކުގެ އެއްވެސް ގައުމެއްގައި ނެތްހާ ގިނަ ހިދުމަތް އިންޑިއާއިން ލިބެއެވެ. މިއަދުވެސް ހއ އަތޮޅުގައި ހުރި މީހަކު ސްކޭނެއް ހަދަންޏާ ދާން ޖެހެނީ ހދ ކުޅުދުއްފުއްޓަށެވެ. ނަމުން ޓާޝަރީއާއި ރީޖަނަލްއާއި ހޮސްޕިޓަލް ކިޔަސް، ކަމުން ދެވޭ ހިދުމަތްތައް މަދެވެ. މެޝިނަރީއާއި އެނޫންވެސް ޒަރޫރީ އެތައް ޑައިގްނޯސިސް އެއް ނުކުރެވެއެވެ. ވެރިރަށް މާލެއަކުންވެސް ނުކުރެވެއެވެ. މިއަދުވެސް އެތައް ޓެސްޓެއްގެ ސާމްޕަލް އިންޑިއާއަށް ފޮނުވާފައި އެބަހުއްޓެވެ.

ދެން އަނެއްވާހަކަ އަކީ، ބޭސްފަރުވާއަށް ވުރެ ބޭރުން، ވަތަނީ ވިސްނުމެއްގައި ދިވެހިންނާމެދު ކަންކޮށްފާނެ ގޮތެވެ. މިހާރުވެސް ގަވާއިދުން ހަދާ ބަލަހައްޓާ އިންޓެލިޖެންސް މައުލޫމާތުގެ އަލީގައި ވަކިވަކި ފަރުދުންނަށް އުނދަގޫ ފޯރައެވެ. ދާދިފަހުންވެސް އިންޑިއާއަށް ދަތުރު ކުރި ބައެއް ދިވެހިން 15-20 ގަޑި އިރު އެއާޕޯޓުގައި ހިފަހައްޓާ ޑީޕޯޓް ކޮށްފައި ވެއެވެ. އަދި ތަފާތު އެތައް ކަމަކަށް އިންޑިއާއަކީ ދިވެހި އެތައް ބަޔަކު ދަތުރުކޮށް، ދިރިއުޅޭ ގައުމަކަށް ވާއިރު ނަފްރަތު އުފެއްދުމުން ނުކުމެދާނީ ރަނގަޅެއްތޯ، ނުބަޔެއްތޯ ވެސް ވިސްނާލަން ޖެހޭނެއެވެ.

އެއްބަހެވެ. އިންޑިއާގެ ނުފޫޒުގެ ވާހަކަ އަކީ، ދައްކަން ޖެހޭ ވާހަކައެކެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާ ވާހިސާބަށް ކަންކަން ދަންޏާ އަޑުވެސް އުފުލަން ޖެހޭނެ ކަމެކެވެ. އަޑު އުފުލާ މީހުން، އެ އަޑު އުފުލަނީ އެއްވެސް އަސާސެއް ނެތް ކަމެއްގައި ކަމަށް ވާނަމަ އެކަން ހުއްޓުވާން ވެސް ޖެހޭނެއެވެ. ނަމަވެސް އިޓަލީ ދިދައިގައި "އިން ޑިއާ އައުޓް" ޖެހުމާއި ގަރާރު ނުނުރެވެސް އެއީ ހައްލު ކުރެވިދާނެ ކަންކަމެވެ.