އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ މަރުވި ދުވަހު ފިންގާ ޕްރިޓް ފޮރުވަން އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާން މަސައްކަތް ކުރި ކަމަށް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ބުނެފިއެވެ.

މިއަދުގެ އަޑުއެހުމުގައި ގިނަ ވާހަކަތަކެއް ދެއްކި އިރު އޭގެތެރެއިން މޭރީ އުޅުނު ގެއަށް ލަމްހާ ވަނީ ކޮން ގަޑިއަކުތޯއާ ގުޅިގެން ވަނީ ބޮޑު ބަހުސެއް ހިނގާފައެވެ. ދިފާއުން ވަނީ ލަމްހާ އެ ގެއަށް ވަދެފައި ވަނީ މާވިން މޭރީއަށް ހަމަލާދީ މަރާލި ފަހުން ކަމަށް ދައުލަތުން ބުނާ ކަމަށާއި ދައުލަތުން އެހެން ބުނާ ނަމަ، މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލަމްހާގެ މައްޗަށް ކުރެވޭނީ ކިހިނެއްތޯ ސުވާލު އުފައްދާފައެވެ.

އެކަމާ ގުޅިގެން ދައުލަތުން ވަނީ ލަމްހާ އެ ގެއަށް ވަނީ މޭރީ މަރުވި ފަހުން ކަމަށް ބުނެފައި ނުވާނެ ކަމަށާއި އަދި ދައުވާގެ އެއްވެސް ތަނެއްގައި ވެސް މޭރީ މަރުވި ވަގުތާ ގުޅޭ ވާހަކައެއް ނޯންނާނެ ކަމަށް ބުނެފައެވެ.

ދިފާއުން ވަނީ ލަމްހާ އެ ގޭގެ ތެރެއަށް ވަދެ ސީނެއް އުފައްދަން ކުރި މަސައްކަތެއް ދައުލަތަށް ބުނެ ނުދެވޭ ކަމަށާއި އެފަދަ ހެއްކެއް ވެސް ނެތް ކަމަށް ބުނެފައެވެ. އަދި މާވިން އާއި މޭރީ އުޅެމުން ދިޔަ އެޕާޓްމަންޓަށް ލަމްހާ ވަދެފައިވާކަން ފެންނަ އެއްވެސް ހެއްކެއް ނެތް ކަމަށްވެސް ދިފާއުން ފާހަގަ ކުރިއެވެ.

އެ ވާހަކަތަކަށް ރައްދުދީ ދައުލަތުން ބުނީ މޭރީ އާއި މާވިން ދިރިއުޅުނު އެޕާޓްމަންޓް ހުންނަ ގެއަށް ލަމްހާ ވަންނަ މަންޒަރާއި ނުކުންނަ މަންޒަރު ވެސް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. އަދި 20 މިނެޓު ފަހުން ލަމްހާ އެ ގެއިން ނުކުމެގެން ދިޔައިރު އެ ގޭގެ ދޮރު ހުޅުވުމަށްޓަކައި ފިންގަޕްރިންޓް ފޮރުވުމަށް ޓީީޝާޓުން އަތް ފޮރުވި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ދިފާއުން ވަނީ ގޭގެ ތެރެއަށް ލަމްހާ ވަދެފައިވީ ނަމަވެސް މާވިންގެ އެޕާޓްމަންޓަށް ވަދެފައި ވާކަން ދައުލަތަށް ބުނެ ނުދެވޭނެ ކަމަށްވެސް ބުނެފައެވެ.

ލަމްހާ އެ ގެއަށް ވަދެ ނުކުތުމާ ހަމައަށް ހޭދަވި ވަގުތުގައި އެ ގެއަށް ވަދެ ނުކުތް އެއްވެސް މީހަކަށް ސިޑިމަތިން އޭނާ ފެނިފައި ނުވާ ކަމަށާއި އިތުރު އެޕާޓްމަންޓަކަށް ނުވަންނަކަން ވެސް ސާބިތު ކުރުމަށް ވެސް ހެކިބަސް ހުށައަޅާފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ.

ތަހުގީގު މަރުހަލާގައި ސީސީޓީވީ ފުޓޭޖު ނުދައްކައި، އެޕާޓްމަންޓު ހުންނަ ގެއަށް ވަދެފައިވާނެތޯ ސުވާލުކުރުމުން ލަމްހާ އެކަމަށް އިންކާރު ކުރި ކަމަށާއި އެހެންނަމަވެސް ފުޓޭޖު ދެއްކުމުން އެކަމާ ގުޅިގެން އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް ބުނި ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ލަމްހާ މާވިންއަށް ކުރި މެސެޖެއްގައި "އައި ވިލް ހަންޓް ހާ ޑައުން" ލިޔެފައިވާ ކަމަށެވެ. އަދި ދިފާއުން ވަނީ ޝަރީއަތުގައި ނޫސްވެރިން ބައިވެރިވާތީ ދައުލަތުގެ ވަކީލުން "ހެޑްލައިން ހައްދަވަން ހަގީގަތާ ހިލާފު ވާހަކަ ދައްކަވާ" ކަމަށް ތުހުމަތުވެސް ކޮށްފައެވެ.

ފުރަތަމަ ފަހަރަށް ޝަރީއަތުގެ މަޖިލީހުގައި ލަމްހާ ވާހަކަ ދައްކަމުން ބުނީ މާފުށީ ޖަލުގެ ފާހާނާ ތެރެއަށް ވެއްޓި، އޭނާގެ މައިބަދައިގެ ޑިސްކަކަށް ގެއްލުންވެފައިވާ ކަމަށާއި މީގެ ކުރިންވެސް އޭނާ އަކީ "ޑިސްކް ޑީޖެނެރޭޓިވް ޑިޒީސް" ހުންނަ މީހެއް ކަމަށެވެ.

ދިފާއުން ވަނީ ލަމްހާ ޖަލުގެ ފާހާނާ ތެރެއަށް ވެއްޓިގެން މިދިޔަ ބުރާސްފަތި ދުވަހު އޭނާ އިމަޖެންސީގައި ހުޅުމާލޭ ހޮސްޕިޓަލާއި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށް ބުނެފައެވެ. އަދި ލަމްހާގެ ޑިސްކެއްގައި ރެނދު ލާފައިވާކަން އެނގޭ ކަމަށާއި، އެހެންކަމުން "ބެޑް ރެސްޓް" ކުރުމަށާއި ބަރު އެއްޗެހި ނުއުފުލުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާކަން ފާހަގަކޮށް ދިފާއުން ވަނީ އޭނާ ގޭބަންދަށް ބަދަލުކުރެވޭނެ ފަދަ ހާއްސަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ބުނެފައެވެ.

މޭރީގެ މަރުގެ މައްސަލައިގާ އޭނާގެ ފިރިމީހާއާއި ލަމްހާ ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އެ މައްސަލައިގައި ލަމްހާގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.